ޔުކްރޭނުގެ މަސްއަލައިގައި އެންމެ ބޮޑު ފައިދާއެއް ލިބޭނީ ޗައިނާއަށް ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ޗައިނާއަށް ހަކަތައިގެ މައިދާނުގައްޔާއި ވިޔަފާރީގެ މައިދާނުގައްޔާއި ޢަސްކަރީ މައިދާނުގައި ފައިދާތައް ލިބުމުގެ އިތުރަށް ޓައިވާނާ ވާދަކުރުމުގައި ވެސް ޗައިނާއަށް އިތުރު ކާމިޔާބީތަކެއް ލިބޭނެއެވެ. މި ހުރިހާ ކަމެއްގެ އިތުރަށް ވާދަވެރި އެމެރިކާއާ ވާދަކުރުމުގައި ވެސް ޗައިނާއަށް އިތުރު އަރުތަތަކެއް ލިބޭނެއެވެ. އެހެނަސް ޔުކްރޭނުގެ މަސްއަލައިގައި ހުޅަނގާ ރަޝިޔާއާ ދެމެދުގައި ހިނގަމުންދާ އަރާރުންތަކުގެ ސަބަބުން ޗައިނާއަށް ނުބައި އަސަރުތަކެއް ކުރާނެ ކަމަށް ވެސް ރިޕޯޓަރުން ބުނެއެވެ.
ޔުކްރޭނުގެ މަސްއަލައިގައި މޮސްކޯއިން ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ހުޅަނގުން ތުހްމަތުކޮށް މޮސްކޯއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދަނިކޮށް ރޫސީ ރައީސް ޕޫޓިނާ ޗައިނާގެ ރައީސް ޝީ ޖިން ޕިންގް އިއްޔެ ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރުތައް ފެށުމުގެ ރަސްމިއްޔާތުގެ ހަވާސާމަތީގައި އެއްވެސް ޙައްދެއްނެތި ގުޅުންތައް ޤާއިމު ކުރުމަށް އެއްބަސްވެ ވަޑައިގަތުމުން ހުޅަނގަށް ވަރަށް ބޮޑު ސިހުމެއް ލިބުނެވެ. ޗައިނާއިން އިންސާނީ ޙައްޤުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ ހުޅަނގުން ވަނީ އޮލިމްޕިކް ކުޅިވަރުތައް ބޮއިކަޓްކޮށްފައެވެ.
ރަޝިޔާއާއި ޗައިނާއިން ނެރުނު ގުޅިފައިވާ ބަޔާން ބުނާގޮތުގައި "ދެ ދައުލަތުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމަށް އެއްވެސް ޙައްދެއް ނެތެވެ. އެއްބާރުލުން މަނާ އެއްވެސް މައިދާނެއް ވެސް ނެތެވެ." އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ފިނި ހަނގުރާމައިގެ ޒަމާންތަކުގައި އޮތް ކޮންމެ އެކުވެރިކަމަކަށްވުރެ މާ ވަރުގަދަ އެއްބާރުލުމެއްކަމަށް މި ބަޔާނުގައި އައިސްފައި ވެއެވެ. މި ބަޔާން ބުނާގޮތުގައި އެ ދެ ޤައުމު ގުޅިގެން ހަވާއާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި އިޞްޠިނާޢީ ވިސްނުންތެރިކަމާއި އިންޓަރނެޓްގެ މައިދާނުގައި ކުރިމަގުގައި މަސައްކަތް ކުރާނެއެވެ.
އިނގިރޭސި ވިލާތުގެ ގާރޑިއަން ދުވަހު ނޫހުގެ ރިޕޯޓެއް ބުނާގޮތުގައި އެ ދެ ޤައުމުގެ ދެކޭ އުޞޫލުތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ ނިޒާމުގައި އިންސާނީ ޙައްޤުތަކާއި ދީމުޤްރާޠިއްޔަތު ބިނާކުރުމަށް ވަރުގަދަ ޢަޒްމަކާއެކު މޮސްކޯއާއި ބޭޖިންގް މަސައްކަތް ކުރާނެއެވެ.
ޔުކްރޭނުގެ ސަބަބުން ޗައިނާއަށް ލިބުނު ފުރަތަމަ ފައިދާ
ޔުކްރޭންގެ މަސްއަލައިގެ ސަބަބުން ޗައިނާއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީ– މި ނޫސް ބުނާގޮތުގައި– ބޭޖިންގާއެކު ވާދަކުރުމުގެ މައިދާނާ ދުރަށް ހުޅަނގު ލުމެވެ. ޔުކްރޭނުގެ މަސްއަލައިގެ ކުރިން ހުޅަނގު އެންމެ ބޮޑަށް އަވަދިނެތިވެފައި ވަނީ ޗައިނާ އެމެރިކާ ވާދަކުރަމުންދާ މަސްއަލައިގެ ތެރޭގައެވެ.
ވޮޝިންގްޓަނުން މި ސިޔާސަތު ފަށައިފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައެވެ. މިހާރުގެ ރައީސް ބައިޑްންގެ އިދާރިއްޔަތުގެ ޚާރިޖީ ސިޔާސަތުގެ ޝިޢާރަކަށް ހަދައިފައިވަނީ ރައީސް ޓްރަމްޕްގެ މި ސިޔާސަތެވެ. އެމެރިކާގެ މިހާރުގެ ޚާރިޖީ ވަޒީރު ބްލިންކެން ވަނީ ޓްރަމްޕްގެ މި ސިޔާސަތަށް ތާރީފު ކުރައްވައިފައެވެ. ޖަނަވަރީ 2021ގައި ބްލިންކެން ކޮންގްރެސްގެ ޚާރިޖިއްޔާއާ ބެހޭ ކޮމެޓީގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެއްވެސް ޝައްކެއްނެތް ގޮތުގައި އެމެރިކާއާ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮމްޔުނިސްޓް ޗައިނާއެވެ."
އެހެނަސް ޔުކްރޭނުގެ މަސްއަލަ ފެށުމާ ވިދިގެން ބައިޑްންގެ އިދާރާއިން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރަޝިޔާއަށެވެ. އެމެރިކާގެ ޢަސްކަރީ ހުރިހާ މުއްސަނދިކަމެއް ޕެސިފިކް ކަނޑާއި އިރުމަތީ އޭޝިޔާގެ ބަދަލުގައި އިރުމަތީ ޔޫރަޕާ ދިމާއަށް ވަނީ އަނބުރައިލައިފައެވެ.
ޓައިވާނާއި ޔުކްރޭން
ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރުތައް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ރަޝިޔާއާއި ޗައިނާއިން ބޭނުންކޮށްފައިވަނީ އެ ދެ ޤައުމުގެ ސިޔާސަތަށް ތާއީދު ހޯދުމަށް ކަމަށް ޓައިވާނުންން ތުހްމަތު ކުރިއެވެ. ޔުކްރޭނުގެ މަސްއަލަ ރަޝިޔާއިން ފާހަގަ ކުރިއިރު ޗައިނާއިން އިސްކަންދިނީ ޓައިވާނަށެވެ. ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުދިނުމަށް މޮސްކޯއިން ގޮވައިލަމުންދާ ދިޔުމަށް ބޭޖިންގުން ތާއީދުކޮށް ވާހަކަ ދެއްކިއެވެ.
މި ސަމިޓްގައި މޮސްކޯއިން ޓައިވާނުގެ މިނިވަންކަމާ ދެކޮޅު ހަދައި ވާހަކަދެއްކިއެވެ. މޮސްކޯ ބުނިގޮތުގައި ޓައިވާނަކީ ޗައިނާގެ ބިމާ ވަކިކޮށް ނުލެވޭނެ ޗައިނާގެ ބިމެކެވެ.
އެމެރިކާއިން ޗައިނާއާށް ރައްދުދީ ބުނިގޮތުގައި ދެ ރައީސުން އިސްކަންދެއްވަންވީ ޓައިވާނަކަށްނޫނެވެ. އެހެނަސް ޔުކްރޭނަށެވެ. އެމެރިކާގެ ޚާރިޖިއްޔާގެ އިސް ޑިޕްލޮމެޓެއް ކަމުގައިވާ ޑެނިއަލް ކްރިޕްޓެންބަރ ޔެންކް ތުހްމަތު ކުރެއްވި ގޮތުގައި ޗައިނާ އޮތީ ރަޝިޔާގެ ޢުދްވާނަށް ބަހަނާ ދައްކަން ތައްޔާރުވެގެންނެވެ.
ޓައިވާނުން ޗައިނާ ކުށްވެރިކުރަމުން ބުނިގޮތުގައި ފިނި މޫސުމުގެ އޮލިމްޕިކް ކުޅިވަރުތައް އިފްތިތާޙު ކުރަމުން ދިން ބަޔާނަކީ "މި ކުޅިވަރުގެ ރޫޙާ އަރާރުންވާ ކަމެކެވެ." ރަޝިޔާ- ޗައިނާ ބައިވެރިވުމުގެ އެއްބަސްވުމަކީ ޓައިބޭއިން ސިފަކުރިގޮތުގައި އެ ކަމަށް "މަލާމާތް ރައްދުވާ" ކަމެކެވެ.
ޓައިވާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ބުނާބުނުމަކީ ޙަޤީޤަތާ ޚިލާފު ބޮޑު ދޮގެކެވެ. ޓައިވާނުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އައިސްފައި ވެއެވެ. "ދުނިޔޭގެ ލޯތައް އޮލިމްޕިކް ކުޅިވަރުތަކާ ދިމާއަށް ހުއްޓި ކުޅިވަރުގައި ބައިވެރިވާ މީހުންނަށް ފޯރިދެމެންދާ ވަގުތެއްގައި ޗައިނާއިން ރަޝިޔާ- ޗައިނާ ސަމިޓްގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާފައިވުމުން އެނގެނީ ޗައިނާއިން ޚުދްމުޚްތާރުވެރިކަން ފަތުރަން މަސައްކަތް ކުރާ މިންވަރެވެ."
ޗައިނާ- ރަޝިޔާ އެއްބާރުލުން
ރިޕޯޓަރުން ބުނާގޮތުގައި ރަޝިޔާ- ޗައިނާ މި އެއްބާރުލުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ސިޔާސީ މައިދާނުގައި އެއްބާރުލުމަށްވުރެ މާ ބޮޑު ކަމެކެވެ. މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ހުޅަނގުން ދެމުންދާ ވަގުތެއްގައި މޮސްކޯއާ ބޭޖިންގާ ދެމެދުގައި މި ސޮއިކުރެވުނު ފަހްމުނާމާގެ ސަބަބުން ވާހަކަދެއްކުމުގެ މޭޒުދޮށުގައި ޗައިނާގެ މަޤާމު ވަރުގަދަވެގެންދާނެއެވެ. ޗައިނާއަށް ބޭނުންވާ ގޭސް ރަޝިޔާ އަތުން ހޯދުމަށް ޓަކައި ބޭއްވޭ ވާހަކަދެއްކުންތައް ޗައިނާއަށް ލުއިވެގެންދާނެއެވެ.
މި އައު އެއްބަސްވުމުގެ ސަބަބުން ޢަސްކަރީ މައިދާނުގައި މޮސްކޯ– ބޭޖިންގް ގުޅުންތައް ވެސް ހަރުދަނާވެގެންދާނެއެވެ. ރަޝިޔާގެ ޢަސްކަރީ ފުނޫނިއްޔާތު ޗައިނާއަށް ދިނުމުގެ މަސްއަލަގައި މޮސްކޯއިން ބޭޖިންގަށް އިތުރު ލުއިތަކެއް ދޭނެއެވެ. ޗައިނާގައި އުފައްދާ ހަނގުރާމަމަތީ މަތިންދާބޯޓުފަހަރަށް ބޭނުންވާ އިންޖީނު ތަރައްޤީކުރުމުގައި މޮސްކޯގެ ފަންނީ އެހީ ލިބޭނެއެވެ. އަނެއްކޮޅުން ބަލާއިރު މަތިންދާބޯޓަށް ފާރަލުމަށް ބޭނުންކުރާ ރާޑަރުގެ މަސްއަލައިގައި ބޭޖިންގގެ ފަންނީ އެހީ މޮސްކޯއަށް ލިބޭނެއެވެ. މި މައިދާނުގައި ޗައިނާގެ ފަންނިއްޔާތު ރަޝިޔާގެ ފަންނިއްޔާތަށްވުރެ މާ ބޮޑަށް މޮޅުކަން ހުޅަނގުން ދެކެއެވެ.
ޔުކްރޭންގެ މަސްއަލައިގައި ހުޅަނގުން ރަޝިޔާއަށް ބޭނުންވާ ސެމި ކޮންޑަކްޓަރު ޗިޕް ވިއްކުން ހުއްޓައިލައިފިނަމަ ޗައިނާއިން މި ޗިޕްތައް ރަޝިޔާއަށް ތަނަވަސްކޮށް ދޭނެއެވެ.
މީގެ އިތުރަށް ހުޅަނގުގެ މާލީ ނިޒާމުގެ ބަދަލުގައި އައު މާލީ ނިޒާމެއް ޤާއިމުކުރުމަށް ރަޝިޔާއިން ކުރަމުންދާ މަސައްކަތުގައި ބޭޖިންގްގެ އެހީ މޮސްކޯއަށް ލިބޭނެކަމަށް ވެސް ރިޕޯޓަރުން ބުނެއެވެ. ބައިނަލްއަޤްވާމީ މާލީ ނިޒާމަކީ މޮސްކޯއަށް ފިއްތުމަށް ހުޅަނގަށް ލިބިފައިވާ އެންމެ ވަރުގަދަ ވަސީލަތެވެ.
ގޭހާއި ތެލުގެ ވަރުގަދަ ޑީލެއް
މޮސްކޯ- ބޭޖިންގ ސަމިޓްގައި ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ޗައިނާއަށް 117 ބިލިއަން ޑޮލަރުގެ ގޭހާއި ތެޔޮ ވިއްކާނެއެވެ.
ހުޅަނގާ ދެކޮޅަށް ރަޝިޔާއަށް ލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައި ގޭސް ހިމެނެއެވެ. ފިނި މޫސުމުގައި ހުޅަނގުގެ ޤައުމުތައް ހީފިލުވުމަށް ޓަކައި ރަޝިޔާ ގޭހަކީ ވަރަށް ބޮޑަށް މުހިއްމު އެއްޗެކެވެ. ޖަރްމަނުފަދަ ހުޅަނގުގެ ބެޑެތި ޤައުމުތަކުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމާ ދެކޮޅު ހަދަނީ މި ގޭސް ނުލިބިދާނެތީއެވެ. ހުޅަނގުގެ ޤައުމުތަކަށް ބޭނުންވާ ގޭހުގެ ދެ ބައިކުޅަ އެއްބައި ހޯދަނީ ރަޝިޔާއިންނެވެ. އެމެރިކާ ބުނާގޮތުގައި އެ ޤައުމުގައި ހުޅަނގަށް ބޭނުންވާ ގޭސް ފޯރުކޮށްދެވޭވަރުގެ ތަނަވަސްކަމެއް ނެތެވެ. އެމެރިކާއިން ދަނީ ޤަޠަރުފަދަ ބައެއް ޤައުމުތައް މެދުވެރިކޮށް ހުޅަނގަށް ގޭސް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. ޗައިނާއަކީ ރަޝިޔާ އަތުން އެންމެ ގިނައިން ގޭސް ގަންނަ ތިންވަނަ ޤައުމެވެ.



advertisment