Support Us

ރަސްގެފާނުގެ ޒިޔާރަތް މިހާރު

ދިވެހި ތާރީޚުން މަރުގެ ފިލާވަޅެއް

ޕޯޗުގީޒުންގެ ވަރުގަދަ ބިޔަ ލަޝްކަރު މާލެއަށް ފައިބަނީއެވެ. އޭރަށް ބަލާއިރު ޒަމާނީ ހަތިޔާރާއި ވަސީލަތްތަކާ އެކުގައެވެ. އެއީ އޭރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބާރެވެ. ޔޫރަޕް ފަހަނައަޅައި އިންޑިއާ ކަނޑަށް އައި ޔޫރަޕުގެ ފުރަތަމަ ބާރެވެ. އިންޑިއާގެ ގޯވާގައި ޤާއިމުވެގެން ތިބެ މުޅި ސަރަހައްދަށް ދިޔައީ ހަންފަތުރަމުންނެވެ. ޕޯޗްގީޒުން ރާއްޖެ ހިފަން އައީ ގޯވާއިންނެވެ.

ޕޯޗްގީޒުންގެ ބިޔަ ބޮޑު ލަޝްކަރު ފައިބަނީ މާލޭގެ ހުޅަނގުކޮޅުންނެވެ. އެއީ މާފަންނުކޮޅެވެ. ތަޚުތުގައި އޭރު އިންނެވި ޢަލީ ރަސްގެފާނު ހަނގުރާމައިގެ ދަހަނާކޮޅު ތުރުކުރައްވައިގެން އެ ނިކުންނަވަނީ ދުޝްމަނުންމާ ދެކޮޅަށެވެ. ތުއްޕުޅު ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނު އަމާނާތެއްގެ ގޮތުގައި އަނބިކަބަލުން ކަނބާ ޢައިޝާއާ ހަވާލުކުރައްވާފައެވެ.

ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ލަޝްކަރަށް އަމުރު ކުރައްވާފައި ގަނޑުވަރުގައި އޮންނެވީއެއް ނޫނެވެ. ތިމަން ރަދުންގެ ފަހަތުން އަންނާށޭ ވިދާޅުވާ ކަހަލައެވެ. ހުންނެވީ އެންމެ ކުރީގައެވެ. ކޮން ފަދަ ވަރުގަދަ ލީޑަރެއް ހެއްޔެވެ؟

ޢަލީ ރަސްގެފާނު ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ބެއްލެވިއިރު ފަހަތުގައި އޮތް ދިވެހި ލަޝްކަރު ފިލައިފިއެވެ. ދުނގެތި ވަލަށް ވަދެއްޖެއެވެ. މަރަށް ބިރުންނެވެ. ހަނގުރާމައިން ކާމިޔާބު ނުލިބޭނޭހެން ބައެއް މީހުންނަށް ހީވީއެވެ. އަޤީދާ ބަލިކަށިވެފައި ފިނޑީއެވެ. މުޅި މާލެތެރޭގައި ވެސް ފިތުނަވެރިކަން މާ ބޮޑީއެވެ.

ޢަލީ ރަސްގެފާނުގެ އަރިހުގައި ތިއްބެވީ ބޮޑު ވަޒީރާއި ހާދިމެކެވެ. ދުޝްމަނުންނަށް އަމާން ދެއްވިދާނެއެވެ. ދުޝްމަނުން އެދޭ ގޮތްތަކެއް ގަބޫލުފުޅު ކުރައްވައިގެން ފުރާނަފުޅައިގެން ސަލާމަތްވޭތޯ މަސައްކަތް ކުރެެއްވިދާނެއެވެ. ފިއްލެވޭނެ ގޮތެއް އޮތްތޯ ބެއްލެވިދާނެއެވެ. އެންމެ ނޭވާފުޅެއް ވެސް ދުނިޔޭގައި އިތުރަށް ލެއްވޭތޯ ކޮންމެ ވެސް ކަމެއް ކުރެއްވިދާނެއެވެ. ޢަލީ ރަސްގެފާނުގެ ތަފާތަކީ މިއީއެވެ. އެއިން އެއްވެސް ކަމެއް ކުރެއްވުމުގެ ބަދަލުގައި ވަޑައިގަތީ ކުރިއަށެވެ. ނަޞްރު ލިބުން ނުވަތަ ޝަހީދުވުމުގެ އުންމީދުގައެވެ.

 

ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެން ތަނުގައި ހުރި އަލީ ރަސްގެފާނުގެ ޒިޔާރަތް

ޢަލީ ރަސްގެފާނު ހަނގުރާމައި ޝަހީދުވީއެވެ. ބޮޑުވަޒީރު ވެސް ޝަހީދުވީއެވެ. ޢަލީ ރަސްގެފާނު ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވަނިކޮށް ވިލިނގިލީ ރައިވެރިބޭ ކާށިފައްޗެއްގައި މާލެ އަރައި ހަނގުރާމައިގައި ބައިވެރިވިއެވެ. ރައިވެރިބޭ ވެސް ޝަހީދުވީއެވެ.

ހަނގުރާމައަށް ފިލި ބިޔަ ބޮޑު ލަޝްކަރު މިއަދު ކޮބައިތޯއެވެ؟ ކޮމާންޑަރުންނާއި ވަރުގަދަ ފަހުލާނުން ކޮބައިތޯއެވެ؟ ބުއްދިވެރިން ކަމަށް ދައުވާކުރި އަސްކަރުން ކޮބައިތޯއެވެ؟ އެއިގެ ތެރެއިން މީހެއްގެ ނަމެއް ދަންނަ މީހަކު ވެސް މި ޤައުމަކު ނެތެވެ. އެއިން މީހެއްގެ ހަނދާނެއް ޒިކުރާއެއް އާކޮށްލާނެ އެންމެ ވެލިފުކެއް ވެސް މި ޤައުމަކު ނެތެވެ. އެ ދުވަހު މަރަށް ބިރުން ފިލައި، ބޮނދައި، ރައްކާވިޔަސް އެކަމަކު އެ މީހުންނަކަށް މަރަކުން ނުފިލުނެވެ. ޢަލީ ރަސްގެފާނާއި ބޮޑު ވަޒީރާއި ރައިވެރިބޭގެ މަހާނައޭ ބުނާ ތަނެއް އެބަހުއްޓެވެ. ޢަލީ ރަސްގެފާނުގެ ޒިޔާރަތް އެ ބޭފުޅުންގެ ޤައުމީ ޚިދުމަތާއި ޤުރުބާނީގެ ޒިކުރާ އެބަ އާކޮށްދެއެވެ. އެ ބޭފުޅުންގެ ނަންފުޅުތައް ޤައުމުން ފަނޑެއް ނުވެއެވެ. ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އިހުސާސްތައް ވަނީ އެ ބޭފުޅުންގެ ޤުރުބާނީއާ އެކުގައެވެ. އެ ބޭފުޅުން މި ދުނިޔެ ދޫކުރެއްވި ގޮތުގެ މަތިވެރިކަމާއެވެ.

ނޯޓު: އައްސުލްޠާން ޢަލީ (ހަވަނަ) އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ހިޖުރީގޮތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *