...

Support Us

އަންހެނުންގެ ބާރު ގަދަކޮށް އޮތް ރާއްޖޭގެ ރަސްކަމުގެ ނިޒާމު

ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ބޭރުގެ ލިޔުންތެރިން އެންމެ ހައިރާންވި ކަމަކީ އެއީއެވެ. ގިނަ ލިޔުންތެރިންނަށް ދިވެހިރާއްޖޭގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަ ކުރެވުނު އެއް ކަމަކީ ވެސް އެއީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަންހެނުންގެ ބާރުވެރިކަން އޮތް ގޮތެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އަންހެން ބޭފުޅުން ރެދަލިކުރެއްވުމެވެ. އަދި ރަސްކަލަކު ހުންނެވިޔަސް ރަސްކަމުގެ ނިޒާމުގައި އަންހެނުންގެ ބާރާއި ދައުރު އޮތްގޮތާއި މިންވަރެވެ.

ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އަވަސްއަވަހަށް އުކާލުމުން ރެހެންދި ޚަދީޖާއާއި "އެނދި މަރިޔަބު" (މަރިޔަމް ކަބާ) އާއި "ބުރެކިރަނިން"ނާއި ކަނބާ ޢާއިޝާ ފަދަ ބޭފުޅުންނާ ބެހޭ ގޮތުން ލިޔެވިފައި ހުރި ހުތުރު ވާހަކަތަކެއް ފެނިދާނެއެވެ. އޭގެތެރެއިން ބައެއް ވާހަކަތަކަކީ ތާރީޚީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތްތަކެއް އެކުލެވޭ ފޯކުލޯރުތަކެވެ. އެކަމަކު މިގޮތަށް ބައެއް ކަނބަލުންނަށް ނިސްބަތްކުރެވިފައިވާ ބައެއް ވާހަކަތަކީ ތާރީޚުގައި އޮޅުންބޮޅުންހުރި އަދި އިތުބާރުކުރެވޭ މަގަކުން އެހާ ސާފުކޮށް އެނގެން އޮތް ވާހަކަތަކެއް ނޫނެވެ. ދިވެހި ތާރީޚުގައި ލިޔެވިފައިވާ ފަތްފުށްތަކުން ފެންނަ މަޝްހޫރު ސިޔާސީ އަންހެން ޝަޚްސިއްޔަތުންގެ ހަޔާތުނާމާއިން އެކަނި ވެސް ފެންނަނީ އެއީ "އާދައިގެ ބައެއް" ނޫންކަމެވެ.

ދައްކަން މިއޮތީ ދިވެހި ސިޔާސީ ތާރީޚުގެ ބޯދާ ޒަމާނުގައި އަންހެންވެރިންގެ ބާރާއި ނުފޫޒު ދިވެހިރާއްޖޭގެ ރަސްކަމުގައި އޮތް ގޮތެކެވެ. އެ ޒަމާނަކީ ތާރީޚީ ލިޔުންތަކުން ފެންނަން އޮތް އެންމެ ކުރިއަކުން ފެށިގެން ދިވެހިރާއްޖެ އިސްލާމްވީތާ ގާތްގަނޑަކަށް ދެތިން ގަރުނެއް ހިނގުމާ ހަމައަށެވެ. ގާތްގަނޑަކަށް މީލާދީ ސަނަތުން 14 ވަނަ ޤަރުނާ ހަމައަށެވެ. އެއީ ތީމުގެ ދަރިކޮޅުގެ ރަސްކަން ނިމި ޢުމަރުވީރު ދަރިކޮޅުގެ ރަސްކަން ފެށުނު ހިސާބެވެ.

ދިވެހިތާރީޚުގެ ސިޔާސީ ބާބު ތާރީޚީ ޢިލްމުވެރިޔާ އަޙްމަދު އަލާ ދީދީ ބައިކުރައްވަނީ ތިން ބަޔަކަށެވެ. އެއީ އެންމެ ކުރިން ފެށިގެން 13 ވަނަ ޤަރުނާ ހަމައަށާއި 13 ވަނަ ޤަރުނުން ފެށިގެން މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ނިޔަލަށާއި ދެން އޭގެފަހެވެ. ވެރިކަމުގެ ބޯދާ ޒަމާނާއި މެދު ޒަމާނާއި މިޒަމާނެވެ. މުސްކުޅި ބަންޑާރައިން ނުވަތަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަތަރުވަނަ) ރަސްކަން ކުރެއްވީ މީލާދީން 1835 އިން 1882 އަށެވެ.

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމާ ހަމައިން ފެށިގެން ރާއްޖޭގައި ވެރިކަމެއް ޤާއިމުކުރެވި ހިނގަމުން އައިކަން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވި ގޮތްކަމަށް ކިޔާއުޅޭ ހުރިހާ ފޯކުލޯރުތަކެއްގައި ވެސް ކިޔާއުޅެއެވެ.

ރާއްޖޭގެ ވެރިކަމާބެހޭ ތާރީޚީ އެންމެ ދުރުގެ މަޢުލޫމާތަކީ މީލާދީން 321 ވަނަ އަހަރު ދީވީން (ދިވެހީން)ގެ ވެރިކަމުގެ ފަރާތުން ރޯމަނުންގެ އަންބަރާތޫރުގެ އަރިހަށް ސަފީރެއް ފޮނުއްވި ކަމަށް ލިޔެފައިވާ ރޯމަނުންގެ ލިޔުމެކެވެ. އެއީ ރޯމަނުން ފާރިސްކަރަ ހިފައިގެން ތިބި ދުވަސްވަރު އެތަނަށް ފޮނުވި ސަފީރެއްގެ ވާހަކައެވެ. ފާރިސްކަރައިގެ ސިރަފުގައި ތިބި ރޯމަނުންގެ ވެރިންގެ އަރިހަށް ދިވެހި ރަސްކަމުގެ ފަރާތުން ވަފުދެއް ފޮނުއްވީ އޭރު ވިޔަފާރިކުރަމުންދިޔަ ފާރިސްކަރައިގެ ސާސާނީންގެ ބަނދަރުގައި ރޯމަނުންނާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކޮށް އަމާންކަމާއެކު ކުރިއެކޭ ވެސް އެއްފަދައިން އެ ބަނދަރު ބޭނުންކޮށް އުޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މި ލިޔުމުން މީލާދީން 321 ވަނަ އަހަރުން ފެށިގެން ދިވެހީންގެ ތެރޭގައި ތަރުތީބުން ވެރިކަން ކުރަމުންއައި ނިޒާމެއް އޮތްކަން ސާފުކޮށް އެނގެއެވެ. އޭގެފަހުގެ ތާރީޚުތަކަށް ބަލާއިރު އެކަން އެނގޭ އެންމެ މުހިންމު އެއް ލިޔުމަކީ މީލާދީން 785 ވަނަ އަހަރާއި 805 ވަނަ އަހަރާ ދެމެދުގައި ސީނުކަރަ (ޗައިނާ) ގައި ލިޔެފައިވާ ލިޔުމެކެވެ. މި ކިޔުމުގައި ވަނީ މީލާދީން 658 ވަނަ އަހަރުގައްޔާއި 662 ވަނަ އަހަރުގައި އޭރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްޠާން ސިރީ ބަލާދީއްތިޔަ ޗައިނާގެ ރަސްގެފާނަށް ވެދުން ފޮނުވި ވާހަކައެވެ. ތަރީޚީ މި ޙަޤީޤަތްތަކަށް ބުރަވާއިރު ދިވެހިރާއްޖޭގައި ހަރުދަނާ ކަމާއެކު ވެރިކަމެއް ހިގަމުން ނުދާ ޒަމާނެއް އޮތް ކަމަކަށް ފެންނާކަށް ނެތެވެ.

މީލާދީން ފުރަތަމަ ސާސްކަފުގެ ތެރޭގައި ބޭރުގެ ލިޔުންތެރިން ދިވެހިރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ސީދާ ލިޔުންތައް ލިޔުއްވާފައިވެއެވެ. ބޭރުގެ ލިޔުންތެރިންގެ ތެރެއިން ޢަރަބި ސައިންސިސްޓެއް ކަމަށްވާ މުޙައްމަދު އިބުނު އަލް ބައިރޫނީ އާއި ޝަރީފް އަލް އިދްރީސީ (1099– 1168) ފާހަގަކުރެވެއެވެ. ބައިރޫނީގެ ލިޔުއްވުމުގައި ބޮޑަށް ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ ރަށްރަށް އުފެދޭގޮތާއި ރަށްރަށް ގިރަށް ފެށުމުން އެހެން ރަށްރަށަށް ހިޖުރަކުރާގޮތެވެ. އެއާ ޚިލާފަށް އިދްރީސީގެ ލިޔުއްވުމުގައި އެ ޒަމާނުގައި ދިވެހިރާއްޖޭގައި އުޅުއްވި ރަނިކަމަނާގެ ވާހަކަ ލިޔުއްވާފައިވެއެވެ. އެއީ "ދަމަހާރު" ނުވަތަ "ދަމަހަރާ" އޭ ކިޔުނު ރަނިކަމަނާއެކެވެ. މި ލިޔުންތެރިންގެ އިތުރުން ފާރިޝްކަރައިގެ ސުލައިމާނާއި، އިރާޤުގެ އަބޫޒައިދު އަޙްމަދު ބިން ސަޙަލް އާއި ޢަބްދުލް ޙަސަން ޢަލީ އަލް މަސްޢޫދީ އާއި ޢަރަބި ލިޔުންތެރިއެއްކަމަށްވާ އަލް މުޤައްދަސީ އާއި، ފާރިޝްކަރައިގެ ބުޒުރުޤު އިބުނު ޝަޚްރިޔާރު އާއި އުރުދުންގެ އަބުލް ޙަސަންފަދަ ބޭފުޅުން ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ލިޔުންތަކުގައި ދިވެހިރާއްޖޭގައި އޮތް ވެރިކަމަށް ބައްލަވާލައްވާފައި ވެއެވެ. ބޭރުގެ ލިޔުންތެރިންގެ ލިޔުއްވުންތަކުންނާއި ދިވެހިރާއްޖޭގެ ބޯދާ ޒަމާނުގެ ތާރީޚާއި އާދަކާދައަށް ބަލާއިރު ދިވެހީންގެ ވެރިކަމުގެ ނިޒާމަކީ މިންތީގެ ހަމަހަމަކަން އޮތް ދެ ޖިންސްގެ ތެރޭގައި ހިނގަމުން އައި ވެރިކަމެއްކަން ވަރަށް ސާފެވެ.

ޒަމާންވީ ޗައިނާގެ ލިޔުމުން ފެންނަ އެއް ހެއްކަކީ މީލާދީން 600ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވަނީ ރަނިކަމަނާއެއް ކަމާއި އެ ރަނިކަމަނާގެ ދިހަ ރަނިން ތިއްބަވާކަމެވެ. އަލް އިދްރީސީގެ ފޮތުގައި ލިޔުއްވާފައިވަނީ ދިވެހިރާއްޖޭގައި އޮތީ ރަސްކަމުގެ ނިޒާމެއްކަމަށާއި ދިވެހިރާއްޖޭގައި ރަސްކަލަކު ހުންނަވާ ކަމަށެވެ. އަދި އޭނާއަށް ހިމާޔަތްދޭނެ ވަރުގަދަ ލަޝްކަރެއް އޮންނަ ކަމަށެވެ. ދެން ލިޔުއްވަނީ ރަސްކަމާއި ޢަދުލް އިންސާފުގެ ނިޒާމުގައި ރަސްގެފާނުގެ އަނބިކަމަނާ (މަހާރެހެންދި) އަށް ގޮތް ވަރުގަދަ ބާރުގެ ވާހަކައެވެ. ދިމާވާ މައްސަލަތަކުގައި ރައްޔިތުން އެ ކަމަނާއަށް މައްސަލަ ހުށަހަޅައެވެ. އަދި އާބިއުޓްރޭޓަރެއްގެ ގޮތުން އެ ކަމަނާ މަސައްކަތް ކުރައްވައިގެން މައްސަލަތައް ޙައްލުކުރައްވައެވެ. މަހާރެހެންދީގެ ޙުކުމްފުޅުތަކާ ރަސްގެފާނު ބެހިވަޑައި ނުގަންނަވާކަމަށް ވެސް އަލް އިދްރީސީ ލިޔުއްވާފައިވެއެވެ. އެއީ އޭރު ދިވެހިރާއްޖޭގައި އޮތް އާންމު އުސޫލެވެ. ޝަރުޢީ ނިޒާމުގައި ފަހު ބަސް ވިދާޅުވުމުގެ ބާރު އޭރު އޮތީ މަހާރެހެންދި އަށެވެ. ސްޕްރީމު ކޯޓުގައި އަންހެން ފަނޑިޔާރުން ތިއްބެވުމަކީ ރާއްޖެއަށް އާކަމެއް ނޫންތާއެވެ.

ދިވެހި ރަސްކަމުގައި އަންހެނުންގެ ބާރާއި ނުފޫޒު ގަދަވެގެންދިޔަ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. އޭގެތެރެއިން އެއް ސަބަބަކީ ޤަދީމީ ޒަމާނުގައި ރާއްޖޭގެ ރަސްކަން ވާރުތަވަމުން އައިގޮތެވެ. އޭރު ރަސްކަން ވާރުތަވަމުން އައީ ބައްޕަގެފުށުން ދަރިފުޅަކަށް ނޫނެވެ. އޭގެ ބަދަލުގައި ވާރުތަވަމުން އައީ ރަސްގެފާނަށްފަހު އޭނާގެ އެއްބަނޑު އެއްބަފާގައި ހުންނަވާ ދައިތާފުޅުގެ ދަރިފުޅަށެވެ. އެހެންވީމާ ދިވެހި ޤަދީމީ ރަސްކަމަކީ މެޓްރިލީނިއަލް ޑައިނަސިޓީއެކެވެ. އަންހެން ފުށުން ރާއްޖޭގެ ރަސްކަން ވާރުތަވަމުން އަންނާތީ ރަސްކަމުގައި ކޮންމެ ރަސްކަލެއް ނުވަތަ ރަނިކަނބަލަކު ހުންނެވިއަސް އެއްބަނޑު އެއްބަފާ އަންހެން ދައްތައިންނާއި ކޮއްކޮއިންނަކީ މުހިންމު ބަޔަކަށް ވެއެވެ. ހަމަމިއާއެކު ދިވެހީންގެ ނޮބިލިޓީއަކީ ވެސް ހަމައެކަނި ފިރިހެން ފުށުން ވާރުތަވާ އެއްޗެއް ނޫނެވެ. އަޅުގަނޑުގެ މަންމަ ފަރާތު ކާފައަށް ކިޔަނީ "ދޮން ކަމަނަ އިބްރާހީމް" ކިޔައެވެ. ރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި މުޙައްމަދު ފަރީދަށް "މަނިއްފުޅު"ގެ ދަރަޖަ ލިބިވަޑައިގަތީ މަންމާފުޅުގެ ފަރާތުންނެވެ. ނޫރައްދީނު ބަންޑާރައިންގެ ގޮމާގެ ދަރިކަލަކަށް ވެގެންނެވެ. ދަރިން މައިންނަށް ނިސްބަތްކުރުމުގެ ސަޤާފަތަކީ ވަރަށް ފަހަކާ ޖެހެންދެން އޮތް ސަޤާފަތެކެވެ. ޚާއްޞަކޮށް މައިފުށުގެ މީހުން ނިސްބަތްކޮށް ވާހަކަ ދައްކާނީ އެގޮތަށެވެ. އަޅުގަނޑަށް މައިފުށުގެ ބޮޑު ބޭބެއިން މިހާރު ވެސް ކިޔަނީ "ކަނބުލޮގެ ޢަބްދުﷲ" އެވެ.

ދިވެހިރާއްޖޭގައި ސިޔާސީގޮތުން އެންމެ އިސްވެރިޔަކީ ރަސްގެފާނެވެ. އެކަމަކު އެއީ އެއްވެސް އިރެއްގައި ޚުދުމުޚުތާރު ބާރުތަކެއް އިމެއްނެތި ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. ރަސްކަމުގެ ދިގު ތާރީޚެއް ހިނގާދިޔައިރު ބައެއް ރަސްރަސްކަލުން ޚުދުމުޚުތާރު ބާރުތައް އަތްޕުޅަށް ނެންގެވިޔަސް އެއީ ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމާއި ދިވެހި ވެރިކަމުގެ ސަޤާފަތާއި އާދަކާދައެއް ނޫނެވެ. ދިވެހިރާއްޖޭގައި އޮތީ ނުލިޔެވި އޮތެއްކަމަކު ވަރަށް ތަރުތީބުން ހިނގަމުންއައި ރަސްކަމުގެ ނިޒާމެކެވެ.

ރަސްގެފާނަށްފަހު ރަސްކަން ހިންގުމުގައި އިސްކޮށް ތިއްބަވަނީ ރަސްކަމުގެ ބޮޑުންނެވެ. އެ ދަރަޖައަށް ދިވެހީން ކިޔަނީ "ކިލެގެ" ބޭކަލުންނެވެ. އެއީ ފާށަނާކިލެގެ، ރަންނަބަނޑޭރިކިލެގެ، ދޮށިމޭނާކިލެގެ، މާފަތްކިލެގެ، ފާމުލަދޭރިކިލެގެ، ދަހަރަދަ ކިލެގެ، އޮޅިގިނައިކިލެގެ، ކައުޅަންނާކިލެގެ، ކުޑަރަންނަބަނޑޭރިކިލެގެ، ކުޑަދޮށިމޭނާކިލެގެ، މިއެވެ. ރަސްގެފާނަކީ ރަސްކިލެގެއެވެ. މިހެންވީމާ، މި މަޖިލިސް ފުރިހަމަ ވަނީ މި 11 ކިލެގެ ބޭކަލުންނާއެކު އަދި އަންހެން ތިން ކިލަގެ ތިއްބަވައިގެންނެވެ. އަންހެން ތިން ކިލެގެއަކީ ރަނިކިލެގެ އާއި މާވާކިލެގެ އާއި ކަނބާދި ކިލެގެއެވެ.

މި ނިޒާމުގައި ރަސްކިލެގެ ނުވަތަ ކީރިތި މަހާރަދުންނަކީ ރަމުޒީ ބޭފުޅެކެވެ. ދައުލަތް ހިންގެވުމުގެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ކިލެގެ ބޭކަލުންނެވެ. ނުވަތަ އެ ބޭފުޅުން ދެއްވާ ލަފާފުޅާއި މަޝްވަރާއާއެކުގައެވެ. ދިވެހިރާއްޖޭގެ ރަސްކަން ވަރަށް ތުއްޕުޅު ބޭފުޅުންގެ ނަންފުޅުތަކުގައި ވެސް އޮމާންކަމާއި އަމާންކަމާއެކު ހިންގެވީ މި ނިޒާމުގެ ތެރެއިންނެވެ.

ކިލެގެ ބޭފުޅުންގެ ދަށަށް ތިއްބަވަނީ ވަޒީރުންނެވެ. ކިލެގެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަޒީރުންގެ މަޖިލިހުގައި ތިއްބަވާތަން އާދެއެވެ. ވަޒީރުންގެ ދަށަށް ތިއްބަވަނީ ކަންގަތި ކޮލީގެ ބޭކަލުންނެވެ. އެއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ނިޒާމުގައި އަތޮޅުތައް ތަމްސީލުކުރައްވާ ބޭކަލުންނެވެ. އޭގެދަށަށް ތިއްބަވަނީ ރަށްރަށުގެ ކަތީބުން މަލިމުން މުދިމުންނެވެ. މި ނިޒާމު އޮތްއިރު ދިވެހިރާއްޖޭގައި އޮތީ ފުރިހަމަ ލާމަރުކަޒީ ނިޒާމެކެވެ. އެއީ އެ އަތޮޅެއް އެ ސަރަޙައްދެއްގެ ރައްޔިތުން އެ ސަރަޙައްދެއްގެ އިޤްތިޞާދުން ނަފާހޯދައި ރާއްޖެއިން ބޭރަށް ދަތުރުކޮށް ވިޔަފާރިކޮށް އުޅުނު ޒަމާނެވެ. މާލެއަށްވުރެ އަތޮޅުތަކުގެ ރައްޔިތުން މުއްސަނދިވެފައި ތިޔާގި ޒަމާނެވެ. ދެވަނަ ބޮޑު ހަނގުރާމައާ ހަމައަށް މި ނިޒާމު ވަރަށް ބަރާބަރަށް ހިނގަމުންދިޔައެވެ.

ދިވެހިރާއްޖޭގައި އެންމެ ކުރިން އެނގެންއޮތް ރަސްކަމުގެ ނިޒާމުގައި އަންހެނުންގެ ބާރާއި ނުފޫޒު ގަދަވެފައިވަނީ ވެރިކަމުގެ ސަޤާފަތުގެ ސަބަބުންނެވެ. އެ ސަޤާފަތަކީ އެ ދުވަސްވަރު ދެކުނު އިންޑިއާގެ މަލާބާރު ކަރައާއި ޓެމިލްނާޑޫ އާއި ސްރީލަންކާގައި ވެސް ވަކި ހިސާބެއްގައި އޮތް ސަޤާފަތެކެވެ. މިއީ މީލާދީ ކަލަންޑަރުގެ ހަ ޤަރުނު ކުރިން ފެށިގެން މީލާދީން ތިންވަނަ ޤަރުނާ ހަމައަށް ދެމިގެންއޮތް ކަމަށް ބުނެވޭ ސަންގަމް ޙަޟާރަތުގައި އޮތް ސަޤާފަތެކެވެ. ތަމަޅައިންގެ ފޯކުލޯރެއްގައި އެ ޒަމާނުގައި އޮތް ތަމަޅަގަމުގެ ވާހަކަ ކިޔައެވެ. ތަމަޅަގަމް އެކުވެލިގެންވަނީ ސަޤާފަތުގައި އެއްގޮތްކަމެއް ހުރި 12 ގަމެއްގެ މައްޗަށެވެ. އޭގެތެރެއިން އެއް ގަމަކީ ޕަޅަންތީމް ނުވަތަ ދިވެހިރާއްޖެއެވެ.

ރިފަރެންސް:

އަޙްމަދު އަލާ ދީދީ (2021) ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާބެހޭ ތަޤްރީރު

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ޢަލީ ނަޞީރު (2012) ހަވަރު ދިވެހި ދައުލަތުގެ އަސްކަރީ ބާރު. ނެގީ https://fanvai.info/index.php?option=com_content&view=article&id=2606:dhivehi-dhaulathuge-askaree-baaru-1&catid=210&Itemid=315

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *