...

Support Us

ގަލްފާއެކު ގުޅުންތައް ރަނގަޅު ކުރުމަށް ކުވައިތުން ލުބްނާނަށް އިސްނެގުމެއް ހުށައަޅައިފި

"ބަހުން ވިޔަސް ޢަމަލުން ވިޔަސް ޢުދްވާނީ ޙަމަލާތައް ދިނުމަށް ބޭނުން ކުރެވޭ މަންސައަކަށް ލުބްނާނު ނެހެދުމަށް" ކުވައިތުގެ ޚާރިޖީ ވަޒީރު އަޙްމަދު ނާޞިރުލް މުޙައްމަދުއްޞަބާޙު ލުބްނާނުގެ މަސްއޫލުވެރީންނަށް ގޮވައިލައްވައިފިއެވެ. ޢަރަބި މަޝްރިޤުގައި އޮތް ރަނގަޅު އައިކަނަކަށް ލުބްނާނު އަލުން ހެދުމަށް ޓަކައި މަސައްކަތް ކުރެއްވުމަށް އޭނާ ލުބްނާނުގެ މަސްއޫލުވެރީންނަށް ގޮވައިލެއްވިއެވެ.

ކުވައިތުގެ ވަޒީރު މި ކަންކަމަށް ގޮވައިލެއްވީ ބައިރޫތުގައި ލުބްނާނުގެ މަސްއޫލުވެރީންނާއެކު ބޭއްވެވި ވާހަކަދެއްކުންތައް ނިންމަވައިލައްވައިފައި ނޫސްވެރީންނާ ބައްދަލު ކުރެއްވުމުގެ ތެރޭގައެވެ. ލުބްނާނުގެ ރައީސް މިޝޭލް ޢައުނާއެކު ބަޢުބަދާ ގަނޑުވަރުގައި ބައްދަލު ކުރެއްވުމަށްފަހު ކުވައިތުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި އޭނާ ލުބްނާނަށް މި ވަޑައިގެންނެވީ ކުވައިތުގެ ސިޓީއަކާއި ގަލްފުގެ ސިޓީއަކާއި ޢަރަބީންގެ ސިޓީއަކާއި ބައިނަލްއަޤްވާމީ ސިޓީއެއް ހިއްޕަވައިގެންނެވެ. އެއީ ލުބްނާނާއެކު އަލުން އިތުބާރު ބިނާކުރުމަށް ޓަކައި ހުށައެޅުންތަކެއް ހިމެނޭ ސިޓީއެކެވެ.

ލުބްނާނުގެ ކުރީގެ އިންފޮރމޭޝަން ވަޒީރު ޖޯރޖް ޤަރްދާޙީ ޔަމަނުގެ ހަނގުރާމައާ ބެހޭގޮތުން ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ދެއްވި ބަޔާނަކާ ވިދިގެން، ގަލްފުގެ ޤައުމުތަކާ ލުބްނާނާ ދެމެދުގައި ވަނީ ދެބަސްވުންތައް އުފެދި ގުޅުންތައް ނުތަނަވަސްވެފައެވެ. ކުވައިތުގެ ޚާރިޖީ ވަޒީރު ބައިރޫތަށް އިއްޔެ ކުރެއްވި މި ދަތުރުފުޅަކީ މި ގުޅުންތައް ނުބައިވި ފަހުން ގަލްފުގެ ވަޒީރަކު ލުބްނާނަށް ކުރެއްވި ފުރަތަމަ ރަސްމީ ޒިޔާރަތެވެ.

ލުބްނާނުގެ ކުރީގެ އިންފޮރމޭޝަން މިނިސްޓަރު ޖޯޖް ޤަރްދާޙީ މި ދިޔަ އޮގަސްޓް މަހު ޓީވީގައި ރެކޯޑް ކުރެއްވި ބަޔާން ދުރަށް ދައްކައިފައި ވަނީ 25 އޮކްޓޯބަރުގައެވެ. އޭނާ ވަޒީރުކަމަށް އިސްކުރެވުނީ ސެޕްޓެމްބަރު މަހުގައެވެ. އޭނާ މި ބަސްދީގަތުމުގައި ވިދާޅުވެފައިވާ ގޮތުގައި "ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތުގެ ޢުދްވާނާ ދެކޮޅަށް ޙޫޘީން ދެމުންގެންދާ ޙަމަލާތަކަކީ އެމީހުންގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ދެމުން ގެންދާ ޙަމަލާތަކެކެވެ."

އިތުބާރު ބިނާކުރުން

ކުވައިތުގެ ވަޒީރު ނޫސްވެރީންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. "އިތުބާރު ބިނާކުރުމުގެ މަސައްކަތްތައް ބިނާވެފައި އޮންނަން ޖެހޭނީ ބައިނަލްއަޤްވާމީ ޤަރާރުތަކާއި ޢަރަބި ލިގްގެ ޤަރާރުތަކުގެ ބިންގަލުގެ މަތީގައެވެ.ކުވައިތުގެ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ." އަޅުގަނޑުމެން ބޭނުން ވަނީ ކުރީގެ ލުބްނާނެވެ. މި ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ޙައްސާސީ ޖަޒްބާތުތައް އުފެއްދުމަށް ހުޅުވައިލެވިފައިވާ ތަނަކަށް ލުބްނާނު ނުވުމެވެ. ދުނިޔޭގައްޔާއި ޢަރަބި މަޝްރިޤުގައި ލުބްނާނު ވިދަމުން އައިސްފައިވާ ގޮތަށް އުދަރެސް މަތީން އަލުން ފާޅުވުމަށެވެ. ބަހުން ވިޔަސް އަދި ޢަމަލުން ވިޔަސް ޢުދްވާނީ ޙަމަލާތައް ދޭ މަންސާއަކަށް ލުބްނާނު ނުވުމެވެ.

ކުވައިތުގެ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ލުބްނާނަކީ އެންމެނަށް ލިބިފައިވާ އުންމީދުގެ މައިދާނެކެވެ. މުސައްޤަފުންނަށާއި އަދީބުންނަށާއި ފަންނާނީންނަށް ލިބިފައިވާ ހިޔާވައްސެކެވެ."

ކުވައިތުގެ ވަޒީރު ވިދާޅުވިއެވެ. "ލުބްނާނުގެ ދާޚިލީ އެއްވެސް ކަމަކާ ބެހުމަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކު ވެސް ކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ހުށައެޅި ހުށައެޅުންތަކަކީ އިތުބާރު ބިނާކުރުމަށް ޓަކައި ހުށައެޅި އިޖްރާއާތުތަކެކެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ލުބްނާނާއެކު ސިޔާސީ ގުޅުން އަދި ވެސް އެބަ އޮތެވެ. އެ ގުޅުން ކަނޑައެއް ނުލަމެވެ. ކުވައިތުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި އޭނާ މި ހުށައެޅުއްވި ހުށައެޅުއްވުމަށް ލުބްނާނުން ވަރަށް އަވަހަށް ޖަވާބެއް ދޭނެއެވެ.

ކުވައިތުގެ ވަޒީރު ބައިރޫތަށް ވަޑައިގަންނަވަމުން ވިދާޅުވި ގޮތުގައި އޭނާ ލުބްނާނަށް މި ވަޑައިގަންނަވަނީ ތިން މެސެޖަކާއިގެންނެވެ. އެއީ؛

  1. ލުބްނާނަށް ވާގިވެރިވެ އެހީތެރިވުން
  2. ލުބްނާނު ޢުދްވާނީ މަންސައަކަށް ހެދިޔަނުދިނުން
  3. ލުބްނާނުން ކަށަވެތިވެފައވާ ކަންތައްތަކަށް ވަފާތެރިވުން

ކުވައިތުގެ ވަޒީރު ލުބްނާނުގެ ރައީސާ ބައްދަލު ކުރެއްވުމަށް ފަހު ބޮޑު ވަޒީރު ނަޖީބު މީޤާތީއާ ބައްދަލު ކުރެއްވިއެވެ. މީޤާތީއާ ބައްދަލު ކުރެއްވުމަށްފަހު ކުވައިތުގެ ވަޒީރު ވިދާޅުވިއެވެ. "ބައިރޫތަށް މި ވަޑައިގަތީ އިތުބާރު ބިނާކުރުމަށް ޓަކައި ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގެ ގިއުގަނޑުގެ ތެރޭގައެވެ. އަދި ލުބްނާނުގެ ރައްޔިތުންނާއެކުގައި އޮތް އެއްބައިވަންތަކަމާއި އެއްބާރުލުން ދެމެހެއްޓުމަށް ޓަކައެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ރެއަކާއިދުވާލުގެ ތެރޭގައި އިތުބާރު ބިނައެއް ނުކުރެވޭނެއެވެ.

ލުބްނާނުގެ ރައީސް ޢައުނު ކުވައތުގެ ވަޒީރާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ކުވައިތުގެ ވަޒީރު ހުށައެޅުއްވި އިތުބާރު ބިނާކުރުމުގެ އިސްނެގުން ލުބްނާނުން ދިރާސާކޮށް އެކަމަށް އެންމެ މުނާސަބު ވަގުތުގައި ލުބްނާނު ދެކޭ ގޮތް އިޢުލާނު ކުރާނެއެވެ."

ރައީސް ޢައުނު އޭނާގެ ޓްވިޓަރުގައި ވިދާޅުވިއެވެ. "ލުބްނާނާ ގަލްފުގެ ޤައުމުތަކާ ދެމެދުގައި ވާ ގުޅުންތައް ރަނގަޅު ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށް ލުބްނާނުން މަރްޙަބާ ކިޔާނެއެވެ. ޠާއިފު އެއްބަސްވުމާއި ބައިނަލްއަޤްވާމީ ޤަރާރުތަކާއި ޢަރަބި ލީގްގެ ނިންމުންތަކާ އެއްގޮތަށް ލުބްނާނުން ޢަމަލު ކުރާނެއެވެ."

ސިޔާސީ ބޮޑު ހަލަބޮލިކަމެއް

ލުބްނާނުގެ ވަޒީރު ޤަރްދާޙީ ދެއްވި ބަޔާނުގެ ސަބަބުން ލުބްނާނު– ގަލްފް ގުޅުންތަކަށް ބިޔަ ޠޫފާނެއް އައެވެ. މި ކަމާވިދިގެން ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި ކުވައިތާއި ބަޙްރައިނާއި ޔަމަނުން ވަނީ ލުބްނާނުގައި ތިއްބެވި އެ ޤައުމުތަކުގެ ސަފީރުން ޤައުމަށް ގެނެސްފައެވެ. ޤަރްދާޙީ އިސްތިޢުފާ ދެއްވުމާ ވިދިގެން މި ޠޫފާނުގެ ބާރު މިހާރު ދަނީ ކެނޑެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *