Support Us

ޢަރަބި ސަމިޓް ތިންވަނަ ފަހަރަށް ލަސްކޮށްފި

މި އަންނަ މާރިޗް މަހު ޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ސަމިޓް ތިން ވަނަ ފަހަރަށް ލަސްކުރަން ޖެހިއްޖެ ކަމަށް ޢަރަބި ލީގުން ބުނެފިއެވެ.

ޢަރަބި ލީގްގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ސަމިޓް ލަސްކޮށްލަން މަޖްބޫރުވީ ކޮވިޑް ރޯގާގެ ސަބަބުންނެވެ. އެހެނަސް މީޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި ސަމިޓް ލަސްކުރަން ޖެހުނީ ސިޔާސީ ސަބަބުތަކަކަށް ޓަކައެވެ.

އެންމެ ފުރަތަމަ 2020ގައި ބާއްވަން ހަމަޖެހިފައި އޮތް ޢަރަބި ސަމިޓް އޮގަސްޓު 2021 އަށް ލަސްކުރީ ކޮވިޑް ރޯގާއާ ހެދިއެވެ. ޖަޒާއިރުން ބުނަމުން ދިޔައީ މި ސަމިޓް މާރިޗް 2022ގައި ބޭއްވޭނެ ކަމަށެވެ.

ޢަރަބި ސަމިޓް ލަސްކުރަން ޖެހުނީ ކޮރޯނާއާ ހެދި

އަރަބި ލީގްގެ އަމީން ޢާއްމުގެ އޮފީހުގެ ޑިރެކްޓަރު ޙުސާމު ޒަކީ އިއްޔެ ހާމަކުރެއްވި ގޮތުގައި މި އަންނަ ރަމަޟާން މަހުގެ ކުރީން ޢަރަބި ސަމިޓް ނުބޭއްވޭނެއެވެ. މި އަހަރުގެ ރަމަޟާން މަސް އަންނާނީ އޭޕްރީލުގައެވެ.

ޢަރަބި ލީގްގެ ވަފްދެއް ޖަޒާއިރަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރީންނާ ބައްދަލު ކުރައްވައި ޙުސާމު ޒަކީ ވިދާޅުވިގޮތުގައި ސަމިޓް ބޭއްވޭނެ ތާރީޚެއް ކަނޑައަޅުއްވާނީ ޢަރަބި ޚާރިޖީ ވަޒީރުން ބައްދަލުކުރެއްވުމަށް ފަހުގައެވެ. ޢަރަބި ޚާރިޖީ ވަޒީރުން މިޞްރުގައި ޢަރަބި ލީގްގެ މައި މަރްކަޒުގައި ބައްދަލު ކުރައްވާނީ މިއަންނަ މާރިޗް މަހުގެ 9ވަނަ ގައެވެ. އޭނާ ވިދާޅުވިގޮތުގައި ޢަރަބި ލީގްގެ އަމީން ޢާންމު ޖަޒާއިރުގެ މަސއޫލުވެރީންނާއެކު މި ސަމިޓާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. މި ސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމަށް ޓަކައި ޖަޒާއިރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. މި ސަމިޓްގައި ޢަރަބި ޤައުމުތަކުގެ ޒަޢީމުންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ބައިވެރިވެ ވަޑައިގަތުމަކީ ޖަޒާއިރު ވަރަށް އެދޭ ކަމެކެވެ.

ސަމިޓްގައި ބަޙުސް ކުރުމަށް ހަމަޖެހިފައިވާ މަސްއަލަތައް

ޖަޒާއިރުގެ ރައީސް ތައްބޫން ހާމަކުރައްވާ ގޮތުގައި މި ސަމިޓްގައި އެންމެ މުހިއްމު މަސްއަލައަކަށް ވާނީ ފަލަސްޠީނު މަސްއަލައެވެ. ޢަރަބި ޞުލްޙައިގެ އެއްބަސްވުމަށް ހުރިހާ ޢަރަބީން ކަށަވެތިވުމަކީ ޖަޒާއިރުގެ ރައީސް ވަރަށް އެދިވަޑައިގަންނަވާ ކަމެކެވެ.

ޢަރަބި ޞުލްޙައިގެ އިސްނެގުމަކީ 2002ގައި ސުޢޫދީ އޭރުގެ ރަސްގެފާނު ޢަބްދުﷲ ބައިރޫތު ސަމިޓަށް ހުށައެޅުއްވި އިސްނެގުމެކެވެ. މި އިސްނެގުމުގެ އަމާޒަކީ ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމާއި ފަލަސްޠީނުގެ ރެފިޔުޖީން އެނބުރި އެމީހުންގެ ބިމަށް އާދެވޭނެ މަގު ތަނަވަސްކޮށްދިނުމާއި އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ގޯލާން އުސްބިންތަކުން އިސްރާއީލު ބޭލުވުމެވެ. އޭގެ ބަދަލުގައި އިސްރާއީލާއެކު ޢަރަބީން ޞުލްޙަ ޤާއިމު ކުރާނެއެވެ.

މި ސަމިޓްގައި ބަޙުސްކުރުމަށް ހަމަޖެހިފައިވާ ދެވަނަ މަސްއަލައަކީ ޢަރަބި ލީގުގެ އިދާރީ ބައެއް ކަންތައްތައް އިޞްލާހު ކުރުމެވެ. ޖަޒާއިރުން ހުށައަޅާގޮތުގައި ޢަރަބި ލީގްގެ އަމީން ޢާންމުގެ މަޤާމު ދައުރު ކުރާ މަޤާމަކަށް ހަދާން ވަނީ ޖެހިފައެވެ. ޢަރަބި ލީގް ޤާއިމު ކުރެވުނީއްސުރެ މި މަޤާމަށް އިސްކުރެވެނީ މިޞްރު ބޭފުޅެކެވެ. މި މަސްއަލަ ޖަޒާއިރުން ބޭނުންވާ ގޮތަށް ޙައްލުކުރެވޭނެ ކަމަކަށް ނުފެނެއެވެ.

ސަމިޓަށް މެހެމާންދާރީ އަދާކުރުމުގެ މަސައްކަތް

ސުޢޫދީ ޢަރަބިއްޔާއިން މި ސަމިޓް ކާމިޔާބު ސަމިޓަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.މި ސަމިޓްގައި ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނާއި އިމާރާތުގެ ރައީސާއި މިޞްރުގެ ރައީސް ބައިވެރިވެ ވަޑައިގަތުމަށް ޖަޒާއިރުން އެދެއެވެ. މި ތިން ޤައުމު ބައިވެރިވެއްޖެނަމަ މި ޤައުމުގެ އެކުވެރީން މި ސަމިޓްގައި ބައިވެރިވާނެތީއެވެ. ޖަޒާއިރުން ބުނާގޮތުގައި ތޫނިސާއި މޮރިޓޭނިޔާއާއި ލުބްނާނުގެ ވެރީން މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ސަމިޓްގައި ޤަޠަރުގެ އަމީރު ތަމީމާއި ޢިރާޤުގެ ރައީސް ބުރްހުމުޞާލިޙާއި ޢުމާނުގެ ރަސްގެފާނު ހައިޘަމު ބިން ޠާރިޤާއި ފަލަސްޠީނޔުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *