Support Us

ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން (ކ) ރަޝިޔާގެ ރައީސް ޕޫޓިންއާ ސިއްރު ވާހަކަ ދައްކަވަނީ

ރަޝިޔާއިން ޔުކްރޭނަށް އަރަން އުޅޭކަން ޤަބޫލެއް ނުކުރެވޭ: އުރްދުޣާން

ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދިނުމަކީ ވަރަށް ދުރުކަމެއް ކަމަށް ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުޣާން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ލަފައެއް ނުކުރެއްވެއެވެ.

އުރްދުޣާން މި ގޮތަށް ނޫސްވެރީންނާއެކު ވާހަކަފުޅު ދެއްކެވީ އަލްބޭނިޔާއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލައްވައިފާ ތުރްކީއަށް އިއްޔެ ވަޑައިގެންނެވި މަގުމަތީގައެވެ. އުރްދުޣާން ވިދާޅުވިއެވެ. "މޮސްކޯއިން މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ރަޝިޔާގެ ޙާލަތާއި ދުނިޔޭގެ ޙާލަތު ރަނގަޅަށް ދިރާސާ ކުރާން ޖެހޭނެއެވެ."

ރަޝިޔާ ސިފައިންގެ އެތައް ހާސް ބަޔަކު ޔުކްރޭން ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރަމުން ދާތީ ކިޔީފުން ވަނީ ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދޭން ތައްޔާރުވަމުންދާކަމަށް ތުހްމަތުކޮށްފައެވެ. އެހެނަސް މޮސްކޯއިން ދަނީ މި ވާހަކަތައް ދޮގު ކުރަމުންނެވެ.

އެމެރިކާއާއި ރަޝިޔާއާއި ނޭޓޯގެ ޤައުމުތަކުން މޮސްކޯއާއެކު ބޭއްވި ވާހަކަދެއްކުންތައް ނާކާމިޔާބުވުމާ ވިދިގެން އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރްމަނުން ދަނީ މޮސްކޯއަށް ވަރަށް ބޮޑަށް އިންޒާރު ދެމުންނެވެ. މޮސްކޯއިން ޔުކްރޭނަށް އަރައިފިނަމަ މޮސްކޯއާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް މި ޤައުމުތަކުން އިންޒާރު ކުރެއެވެ.

ހުޅަނގުގެ އިންޒާރުތައް

ޖަރްމަނުގެ ޚާރިޖީ ވަޒީރު އަނާލީނާ ޕެރަބޮކް ހޯމަދުވަހު ވިދާޅުވިގޮތުގައި ޖަރްމަނުގެ އުއްމީދަކީ ޑިޕްލޮމެޓިކް ވަސީލަތްތަކުން ޔުކްރޭނުގެ މަސްއަލައަށް ޙައްލެއް އައުމެވެ. އެހެނަސް ރަޝިޔާއިން އަވަށްޓެރި ޔުކްރޭނަށް ޙަމަލާއެއް ދީފިނަމަ މޮސްކޯއަށް އޭގެ ބުރަ ތަޙައްމުލު ކުރަން ޖެހޭނެއެވެ. ޔުކްރޭނުގެ ޚާރިޖީ ވަޒީރާއެކު އޭނާ ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ރަޝިޔާގެ ޢުދްވާނީ ކޮންމެ ޙަމަލާއަކަށް އިޤްތިޞާދީގޮތުންނާއި ސިޔާސީ ގޮތުންނާއި އިސްތިރާތީޖީ ގޮތުން ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެއެވެ."

ޔުކްރޭންގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ޔުކްރޭންގެ އިރުމަތީ ސަރަޙައްދާ ބެހޭ ވާހަކަދެއްކުންތައް އަލުން ފެށުމަށް ޓަކައި ޖަރްމަނާއި ޔުކްރޭނުން މިހާރު ދަނީ ރަޝިޔާއަށް ފިއްތުންތަކެއް ފިއްތަމުންނެވެ. ހުޅަނގުގެ ޤައުމުތައް ބުނާގޮތުގައި ޔުކްރޭނުގެ ބަހަކާނުލައި އެއްވެސް އެއްބަސްވުމެއް ނުހެދޭނެއެވެ.

ރަޝިޔާއިން ދަނީ ބަހަނާއެއް ތައްޔާރު ކުރަމުން

އަނެއްކޮޅުން ޕެންޓަގަން އިއްޔެ ބުނިގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއަށް ދޭން ނިންމައިފިކަމަށް ވޮޝިންގްޓަނަށް ޤަބޫލެއް ނުކުރެވެއެވެ. ޕެންޓަގަންގެ ތަރްޖަމާނު ވިދާޅުވިގޮތުގައި ޑިޕްލޮމެޓިކް ގޮތުން މަސްއަލަ ޙައްލު ކުރެވިދާނެ ކަމަށް ވޮޝިންގްޓަން ދެކެއެވެ. އެކަމަށް ބޭނުންވާ ވަގުތު ތަނަވަސްވެފައި އެބަ އޮތެވެ. ޕެންޓަގަންގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އެހީވާނެއެވެ.

ޕެންޓަގަންގެ ތަރްޖަމާނު ވިދާޅުވި ގޮތުގައި ރައީސް ޕޫޓިން އެކަމާމެދު އަދި ގޮތެއް ނުނިންމަވައެވެ. އެހެންކަމުން ވޮޝިންގްޓަނުން ގަސްތު ކުރާ ގޮތެއް ނުބުނެވޭނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާއިން ދަނީ މި ޙަމަލާއަށް ބަހަނާއެއް ތައްޔާރު ކުރަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭންގައި ތިބި ރަޝިޔާގެ އޭޖެންޓުން ދަނީ މި ކަމަށް މަގު ކޮށަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *