...

Support Us

އިމާރާތާއި ދެކުނު ކޮރެއާ ޢަސްކަރީ މައިދާނުގައި އެއްބާރުން ޤާއިމު ކުރަނީ

ދިފާޢީ ޞިނާޢަތްތަކުގެ މައިދާނުގައި އިމާރާތާއި ދެކުނު ކޮރެއާ އާ ދެމެދުގައި އެއްބާރުލުން ޤާއިމު ކުރުމަށް ޓަކައި ފަހްމުނާމާތަކެއްގައި ރޭ އެ ދެ ޤައުމުން ސޮއިކޮށްފިއެވެ. އެއްބާރުލުން ޤާއިމު ކުރުމަށް އެއްބަސްވެވުނު ދާއިރާތަކުގެ ތެރޭގައި ނިޔުކްލިއަރ މައިދާނާއި މެދު ރާސްތާ މިސައިލް ނިޒާމު ޒަމާނީ ކުރުމުގެ މައިދާން ހިމެނޭކަމަށް ދެކުނު ކޮރެއާގެ ނޫސް އޭޖެންސީ ބުންޏެވެ.

މި ފަހްމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ދުބައިގައެވެ. މި ރަސްމިއްޔާތުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން އާއި އިމާރާތުގެ ނާއިބު ރައީސް މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމު ބައިވެރިވެ ވަޑައިގެންނެވި ކަމަށް އިމާރާތުގެ ނޫސް އޭޖެންސީ ބުންޏެވެ.

ދެކުނު ކޮރެއާގެ ރައީސް އިމާރާތަށް ވަޑައިގެންނެވީ މެދުއިރުމަތީގެ ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މި ދަތުރުފުޅުގައި އޭނާ މާދަމާ ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާނެއެވެ. އެއަށްފަހު ދެން ވަޑައިގަންނަވާނީ މިޞްރަށެވެ.

ނިޔުކްލިއަރ އަދި ދިފާޢީ މައިދާންތަކުގައި އެއްބާރުލުން

އިމާރާތުގެ ނޫސް އޭޖެންސީ ބުނާގޮތުގައި މި ފަހްމުނާމާތަކުގައި ސޮއިކުރެވުނީ ދެ ފަރާތުގެ ދެމެދުގައި ބޭއްވުނު ރަސްމީ ވާހަކަދެއްކުންތަކަށް ފަހުގައެވެ. އިމާރާތުގެ ދިފާޢީ ވުޒާރާއާއި ދެކުނު ކޮރެއާގެ ދިފާޢީ ޕްރޮގްރާމާ ބެހޭ އިދާރާއާ ދެމެދުގައި ސޮއިކުރެވުނު ފަހްމުނާމާއަކީ ދިފާޢީ ޞިނާޢާތްތަކާއި ދިފާޢީ ފަންނިއްޔާތުގެ މައިދާންތަކުގައި ދިގު މުއްދަތަކަށާއި މެދު މުއްދަތަކަށް އެއްބާރުލުން ޤާއިމު ކުރުމާ ބެހޭ އެއްބަސްވުންތަކެއް ކަމަށް ދުބައިއިން ބުންޏެވެ.
މީގެއިތުރަށް އަބޫޡަބްއިގެ ތެލާބެހޭ ކުންފުންޏާ ދެކުނު ކޮރެއާގެ ކުންފުނިތަކާއެކު ތިން އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. އަދި އިމާރާތުގެ އިޤްތިޞާދީ ތަވާޒުނާ ބެހޭ މަޖިލީހާއި ދެކުނު ކޮރެއާގެ ދިފާޢާ ބެހޭ ހާންހުވާ ކުންފުންޏާ ދެމެދުގައި ވެސް އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ.

ދެކުނު ކޮރެއާގެ ނޫސް އޭޖެންސީ ބުނާގޮތުގައި ސޯލާއި އަބޫޡަބްއި އާ ދެމެދުގައި އެތައް މައިދާންތަކެއްގައި އެއްބާރުލުން ފުޅައު ކުރުމަށް އެއްބަސްވެވުނެވެ. އިމާރާތުގައި ނިޔުކްލިއަރ ހަކަތައިގެ ހަތަރު ސްޓޭޝަނެއް ޤާއިމު ކުރުމާ ބެހޭ ބީލަން 2009ގައި ދެކުނު ކޮރެއާއިން ކާމިޔާބު ކުރުމާ ވިދިގެން ނިޔުކްލިއަރ ހަކަތައާ ބެހޭ މައިދާނުގައި އެ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ވަނީ ޤާއިމު ކުރެވިފައެވެ. މި ހަތަރު ސްޓޭޝަނަކީ 20 ބިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން މެދުއިރުމައްޗަށް މި ކުރައްވާ ދަތުރުފުޅުގެ އަމާޒަކީ ދެކުނު ކޮރެއާގެ ކުންފުނިތަކުގެ ކުރިމަތީގައި ހުރި ވުނަކުރުމުގެ ފުރްޞަތު ބައްލަވައި އެއްބާރުލުން ޤާއިމު ކުރުމެވެ. ދެކުނު ކޮރެއާގައި އުފައްދާ މެދު ރާސްތާ މިސައިލް (M-SAM) އަކީ ބިމުން ޖައްވަށް ފޮނުވާ މިސައިލެކެވެ.

އިމާރާތުގެ ނާއިބު ރައީސް މުޙައްމަދު ބިން ރާޝިދު އާލު މަކްތޫމު ވިދާޅުވާގޮތުގައި"ދެކުނު ކޮރެއާ – އިމާރާތު ގުޅުމަކީ 41 ވެފައިވާ ހަރުދަނާ ގުޅުމެކެވެ." ގަލްފުގައި ދެކުނު ކޮރެއާއާއެކު ވިޔަފާރި ކުރާ އެންމެ ބޮޑު ބައިވެރިއަކީ އިމާރާތެވެ.

ރައީސް މޫންގެ އިމާރާތީ ދަތުރުފުޅު މިއަދު ނިމޭނެއެވެ. ދެން އޭނާ ވަޑައިގަންނަވާނީ ސުޢޫދީ ޢަރަބިއްޔާއަށެވެ. ދެކުނު ކޮރެއާއަށް ބޭނުންވާ ތެލުގެ 68 އިންސައްތަ އެތެރެ ކުރަނީ ގަލްފުގެ އެއްބާރުލުމުގެ މަޖިލީހުގެ ހަ ޤައުމުންނެވެ. ސުޢޫދީ ޢަރަބިއްޔާގައި ދެ ދުވަސް ހޭދަކުރެއްވުމަށްފަހު ދެން ބުރާސްފަތި ދުވަހު އޭނާ ޤާހިރާއަށް ވަޑައިގަންނަވާނެއެވެ. މިޞްރުގައި ރައީސް ސީސީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރައީސް މޫން ސޮއި ކުރައްވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *