...

Support Us

އީރާނުގެ ދީނީ މުރްޝީދުގެ ޓްވިޓަރ އެކައުންޓް ބަންދުކޮށްފި

އީރާނުގެ ދީނީ މުރްޝިދު ޢަލީ ޚާމަނައީގެ ޓްވިޓަރ އެކައުންޓް މިއަދު ބަންދުކޮށްފިއެވެ.

އޭނާގެ ޓްވިޓަރ ހިސާބު ބަންދު ކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ސިފައިންގެ ކޮމާންޑަރެއް ކަމުގައިވާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލި ގޮތުގެ ކާޓޫނީ ވީޑިއޯއެއް ޓްވީޓެއް ކުރެއްވުމުންނެވެ. ސުލައިމާނީ އަވަހާރަކޮށްލައިފައިވަނީ ބަޣްދާދުގެ ވައިގެބަނދަރަށް ވަޑައިގެން ބޯޓުން ފައިބާވަޑައިގެން ތަނާ ޑްރޯނެއް ބޭނުންކޮށްގެންނެވެ.

އިނގިރޭސިވިލާތުގެ އޮންލައިން ޞަފްޙާއެއް ކަމުގައިވާ މިޑްލްއީސްޓް އައި 13 ޖަނަވަރީގައި ހާމަކުރި ގޮތުގައި 12 ޑިސެންބަރުގެ ރޭގެ ވަރަށް ފަހު ގަޑިއެއްގައި އީރާނުގެ ދީނީ ޒަޢީމު ޢަލީ ޚަމަނައީ ޓްވީޓް ކުރެއްވި ވީޑިއޯ ހަދައިފަވަނީ ފާރިސީބަހުންނެވެ.

ކާޓޫނީކޮށް ހަދައިފައިވާ މި ވީޑިއޯއިން ފެންނަނީ ރައީސް ޓްރަމްޕް ފްލޮރިޑާގައި ގޮލްފް ކުޅުއްވަން ހުންނަވަނިކޮށް އީރާނުގެ ޑްރޯނަކުން އޭނާ އަވަހާރަކޮށްލާ މަންޒަރެވެ.އެއީ ރައީސް ޓްރަމްޕްގެ ސީދާ އޯޑަރަށް 2020ގެ ޖަނަވަރީގައި އިރާނުގެ ޢަސްކަރީ ކޮމާންޑަރެއް ކަމުގައިވާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލުމަށް ބަދަލުހިފުމުގެ ގޮތުން ދިން ޙަމަލާއެއް ކަމަށް މި ވީޑިއޯގައި ދައްކައިފައި ވެއެވެ. މި ވީޑިއޯ ބުނާގޮތުގައި "ސުލައިމާނީގެ ޤާތިލާއި އެކަމަށް އޯޑަރުދިން މީހާ އެކަމަށް އަގު ދައްކަން ޖެހޭނެއެވެ."

މި ވީޑިއޯ ކްލިޕްގައި ސުލައިމާނީ އަވަހާރަކޮށްލުމުގެ މަސްއޫލިއްޔަތު އީރާނުން އަޅުވާ މީހުންނަށް އީރާނުގެ ޑްރޯންތަކުން ޙަމަލާދޭ ތަން ދައްކައިފައި ވެއެވެ. މި ކްލިޕް ނިމެނީ އީރާނުގެ ސިފައިންގެ މީހަކު ސިފައިންގެ އޮޕަރޭޝަން މަރްކަޒެއްގައި ސުލައިމާނީގެ ޤާތިލުންނަށް ޙަމަލާދޭން ތައްޔާރުވަމުންދާ ހިސާބުންނެވެ.

އެމެރިކާއިން ސުލައިމާނީ އަވަހާރަކޮށްލަން ދިން ޙަމަލާގައި ޢިރާޤުގެ ޝީޢީ ޖަމާޢަތެއްގެ ވެރިޔާގެ ނާއިބުގެ މަޤާމުގައި ހުންނެވި އަބޫ މަހްދިލް މުހައްދިސާއި އެ ދެބޭފުޅުންނާއެކު ބަޣްދާދުގެ ވައިގެ ބަނދަރުގައި ތިއްބެވި 10 ބޭފުޅަކު އަވަހާރަކޮށްލައިފައވެއެވެ. މި ކަން ހިނގައިފައި ވަނީ 3 ޖަނަވަރީ 2020ގައެވެ.

މި ޙާދިސާ ތަޙްޤީޤު ކުރި ޢިރާޤުގެ އައްރަޞާފާ ތަޙްޤީޤު ޑިޕާރޓްމެންޓުން 7 ޖަނަވަރީގައި ނެރުނު އަމުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރުކޮށް ކޯޓަށް ޙާޒިރު ކުރުމަށް އަމުރުކޮށްފައި ވެއެވެ. މި ތަޙްޤީޤުތައް ބުނާގޮތުގައި އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ކޮމާންޑަރު ޤާސިމު ސުލައިމާނީއާއި ޢިރާޤުގެ އަލްޙަޝްދުއް ޝަޢުބީ ޖަމާޢަތުގެ ނާއިބު ރައީސާއި އެ ދެބޭފުޅުންނާއެކުގައި ތިއްބެވި ބޭފުޅުންތައް އަވަހާރަކޮށްލީ ރައީސް ޓްރަމްޕެވެ.

އީރާނުގެ ރައީސް އިބްރާހީމު ރައީސީ ، ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް ދެ އަހަރުފުރުން ފާހަގަ ކުރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ޓްރަމްޕާއި އޭނާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިޔޯ ޝަރީޢަތަށް ގެންގޮސް ޢަދްލުވެރިކަމާއެކު މި މަސްއަލައިގައި ނިޔާ ނީއްވައިފިނަމަ އަހުރެމެންގެ ޝަހީދަށް ޓަކައި މުސްލިމުން ބަދަލު ހިފާނެއެވެ." ރައީސީ ވިދާޅުވިގޮތުގައި "މި ޖަރީމާގެ އެންމެ ބޮޑު ކުށްވެރިޔާގެ ކިބައިން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޤިޞާޞު ހިފެން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *