...

Support Us

ޔުކްރޭނާ ބެހޭގޮތުން އެމެރިކާއާއި ރަޝިޔާއިން ސަލާމަތީ ބައްދަލުވުމެއް ބާއްވައިފި

ޔުކްރޭނާ ބެހޭގޮތުން އެމެރިކާއާއި ރަޝިޔާއިން ސަލާމަތީ ބައްދަލުވުމެއް ޖެނީވާގައި އިއްޔެ ބާއްވައިފިއެވެ.

ދެ ފަރާތުން ވެސް ފާހަގަ ކުރިގޮތުގައި މިއީ ވަރަށް "ތަޢުޤީދީ" ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވީ ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމަށް ހުޅަނގުން ތުހްމަތުކޮށް މި ފަދަ ޙަމަލާއެއް ދީފިނަމަ ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައިނެ ކަމުގެ އިންޒާރު ދިނުމާ ވިދިގެންނެވެ. ދެ ފަރާތުގެ ދެމެދުގައި ވާ ޖައްވު ނުތަނަވަސް ވުމުން މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ރަޝިޔާއިން އެމެރިކާއަށާއި ހުޅަނގަށް އަމްނާ ބެހޭ ކަރުދާހެއް ހުށައެޅިއެވެ. މި ބައްދަލުވުން ބޭއްވުނީ މި ކަރުދާހާ މެދު ބަހުސް ކުރުމަށް ޓަކައެވެ.

ރަޝިޔާގެ މި ހުށައެޅުމުގައި އެމެރިކާއަށާއި ނޭޓޯއަށް ގޮވައިލައިފައި ވަނީ އިރުމަތީ ފަރާތަށް ނޭޓޯ ފުޅައު ކުރުން ހުއްޓައިލުމަށާއި ޔުކްރޭންގެ ސަރުކާރަށް ހުޅަނގުން އެހީވުން ހުއްޓައިލުމަށެވެ. ވޮޝިންގްޓަނުން ބުނާގޮތުގައި މިއީ ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

ތަޢުޤީދު ވިޔަސް ބައްދަލުވުން ވަރަށް މަަސައްކަތްތެރި

އެމެރިކާ ރަޝިޔާ ބައްދަލުވުން ބޭއްވުނީ ޖެނީވާގައެވެ. އެމެރިކާ ވަފްދުގެ ރައީސް އެމެރިކާގެ ޚަރިޖީ ވަޒީރުގެ ނާއިބާ ވިންޑީ ޝަރމަން ހާމަކުރެއްވި ގޮތުގައި މި ވާހަކަދެއްކުންތަކުގައި އެމެރިކާ އޮތީ ވަރަށް ހަރުދަނާކަން މަތީގައި އެ ޤައުމުގެ ސިޔާސަތުގައި ހިފަހައްޓައިގެންނެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯގެ ކުރިމަތީގައި ހުޅުވިފައިވާ ދޮރުތައް ބަންދު ނުކުރެވޭނެ ކަމަށް އެމެރިކާއިން ރަޝިޔާއަށް ކަށަވަރުކޮށްދިނެވެ. ރަޝިޔާގެ ހުށައެޅުމުގައި ހުރި ނާޢަމަލީ ހުށައެޅުންތަކާ ވޮޝިންގްޓަނުން ދެކޮޅު ހެދިއެވެ.

ޝަރމަން ވިދާޅުވިއެވެ. "ވަރަށް ޞަރީހަ ސީދާ ވާހަކަދެއްކުންތަކެއް ކުރިއަށް ގެންދެވުނެވެ." އޭނާ ހާމަކުރެއްވި ގޮތުގައި މި ވާހަކަދެއްކުންތައް އަށް ގަޑިއިރަށް ކުރިއަށް ދިޔައެވެ. އޭނާ ވިދާޅުވިއެވެ. "ދޭތެރެމެދުގެ ޙައްލަކަށް ވަނީ ބޭނުންވެފައެވެ."

މި ވާހަކަދެއްކުންތަކުގައި ބައިވެރިވި ރަޝިޔާ ވަފްދުގެ ރައީސް ރިޔަބިކޯފް ވިދާޅުވިއެވެ. "މި ބައްދަލުވުމަށްފަހު ވޮޝިންގްޓަނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ ނިންމޭނީ ނޭޓޯއާއި ޔޫރަޕްގެ އަމްނާއި އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާގެ ބައްދަލުވުންތަކަށް ފަހުގައެވެ."

ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނާއިބު ރިޔަބިކޯފް މި ބައްދަލުވުމަށްފަހު ނޫސްވެރީންނާ ބައްދަލުކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިދާނެ އަސާސުތަކެއް އެބަ ހުށްޓެވެ. އެހެނަސް ރަޝިޔާއާ ކުރިމަތިވެފައިވާ ހިރާސްތަކުގެ އަހައްމިއްޔަތު އެމެރިކާއިން ކުޑަކޮށްލައިގެން ނުވާނެއެވެ.

މި ދިޔަ ހަފުތާގައި އެމެރިކާގެ ރައީސް ބައިޑްން ރަޝިޔާގެ ރައީސް ޕޫޓިނާ ފޯނުން ބައްދަލު ކުރެއްވިއެވެ. ރައީސް ބައިޑްން އިންޒާރު ކުރެއްވި ގޮތުގައި ރަޝިޔާއިން ޔުކްރޭނަށް ޙަމަލާދީފިނަމަ އެމެރިކާއާއި އެމެރިކާގެ ބައިވެރީން ރަޝިޔާއާ ދެކޮޅަށް މީގެ ކުރީން އަޅައިފާ ނުވާފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިނެއެވެ. އެހިނދު ރައީސް ޕޫޓިން ޖަވާބުގައި ވިދާޅުވިއެވެ. "އެހެންވިއްޔާ ހުރިހާ ގުޅުންތަކެއް ފުޑުފުޑުވެގެން ދާނެކަން ޔަޤީން ކުރައްވާށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *