Support Us

ޓްރަމްޕަކީ އެމެރިކާގެ ދީމުޤްރާޠީ ނިޒާމަށް ހުރި ބޮޑު ބިރެއް: ރައީސް ބައިޑްން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ ދީމުޤްރާޠީ ނިޒާމަށް ހުރި ބޮޑު ބިރެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ރޭ ސިފަކުރައްވައިފިއެވެ. އޭނާ މި ގޮތަށް ސިފަކުރެއްވީ އެމެރިކާގެ 2020ގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބު ލިބިވަޑައިގަތުމުން އޭނާއަށް ތާއީދު ކުރާ ބަޔަކު އެކަމާ ދެކޮޅަށް ކުރި އިޙްތިޖާޖެއްގައި އެމެރިކާގެ ކޮންގްރެސް ޢިމާރާތް ކެޕިޓަލް އަށް ވަދެގަތުމަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައެވެ.

ރައީސް ބައިޑްން ހުދު ޤުއްބު ޢިމާރާތުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި އެމެރިކާގައި 2020ގައި ބޭއްވުނު އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބު ލިބިވަޑައިގަތީ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން ކަމަށް ޓްރަމްޕް ކުރައްވާ ތުހްމަތަކީ އެމެރިކާގެ ޤާނޫނީ ސިޔާދަތާއި ކުރިމަގުގެ އިންތިޚާބުތައް ހަލާކުކޮށް ބިމާ ހަމަކޮށްފާނެ ތުހްމަތުތަކެކެވެ.

ބައިޑްން ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ތެދާއި ދޮގު ވަކިކުރަން އެނގެން ޖެހޭނެއެވެ." އޭނާގެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އެމެރިކާގެ ކުރީގެ ރައީސަކު 2020ގެ އިންތިޚާބާ ބެހޭ ގޮތުން ވަނީ ދޮގުގެ ބޮޑު ދަލެއް ބަންނަވައިފައެވެ. އޭނާ މި ދައު ފަތުރުއްވަން ވެސް ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭނާ މި ކުރެއްވި ކަންތައްތަކަކީ އުޞޫލުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އަރުވަން ކުރެއްވި މަސައްކަތެކެވެ." ބައިޑްން ވިދާޅުވިއެވެ. "އޭނާއަށް އޭނާ ބަލިވެވަޑައިގެންކަން ޤަބޫލެއް ނުކުރެއްވުނެވެ. "

ބައިޑްންގެ ވާހަކަފުޅުގައި ޓްރަމްޕްގެ ނަމެއް ނުގެންނަވައެވެ. ބައިޑްން ވިދާޅުވިއެވެ. މިފަދަ ގޮތަކަށް ސީދާ ޙަމަލާއެއް ދިނުމަކީ "އެންމެން ބަލައިގެންފައިވާ މަންހަޖުން ބޭރަށް ނުކުތުމެކެވެ."

އެމެރިކާގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ ގިނަ ބޭފުޅުންނާއި މިނިވަން މުރާޤިބުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއަށް ގެއްލިވަޑައިގެންނެވި އިންތިޚާބު ކުށްވެރި ކުރައްވަން ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން އެމެރިކާގެ ވެރިކަމުގެ ނިޒާމަށާއި ދައުލަތުގެ ސިޔާދަތަށް ބޮޑެތި ގެއްލުންތަކައް ވަނީ ލިބިފައެވެ.

ބައިޑްން ވިދާޅުވިއެވެ. "ކުރީގެ ރައީސާއި އޭނާގެ އަންޞާރުން ނިންމަވައިފައިވާ ގޮތުން ކާމިޔާބު ލިބޭނީ ތިޔަބޭފުޅުންގެ އަޑުތައް ކަނޑުވައިލައިގެންނާއި އަޅުގަނޑުމެންގެ އިންތިޚާބުތައް ޚަރާބުކޮށްލައިގެންނެވެ."

ބައިޑްން ތުހްމަތު ކުރެއްވި ގޮތުގައި ޓްރަމްޕް އަދިވެސް ދަނީ މި "ބޮޑު ދޮގު" ފަތުރުއްވަމުންނެވެ. އޭނާ ވިދާޅުވިއެވެ. "އެމެރިކާގެ ރޫޙަށް ދެކޮޅަށް ހަނގުރާމައެއް އެބަ ހިނގައެވެ. ދީމުޤްރާޠީންނާއި ޚުދްމުޙްތާރީންގެ މެދުގައި އެތެރެއާއި ބޭރުގައި ކޯޅުންތަކައި މައްލަވަ ކުރުންތައް ހިނގަމުން އެބަ ދެއެވެ."

ރައީސް ބައިޑްންގެ މި ޚިޠާބަށް ރައްދު ދެއްވައި ޓްރަމްޕް ރޭ ބަޔާނެއް ނެރުއްވިއެވެ. ޓްރަމްޕް ވިދާޅުވިއެވެ. "އެމެރިކާ އިތުރަށް ބައިބައިކުރުމަށްޓަކައި އޭނާ އަޅުގަނޑުގެ ނަން ބޭނުން ކުރައްވައިފިއެވެ."

އެމެރިކާގެ ކެޕިޓަލް ޢިމާރާތަށް 2020 ގައި ދިން ޙަމަލާގައި ހަތަރު މީހަކު މަރުވެފައި ވެއެވެ. މި ޙާދިސާގައި ޒަޙަމުވި ފުލުހުންގެ މީހަކު އޭގެ އަނެއް ދުވަހު މަރުވިއެވެ. މި ޙަމަލާގައި އެމެރިކާގެ ފުލުހުންގެ 140 މީހަކާއި އޮފިސަރަކު ޒަޚަމުވިއެވެ. ރައީސް ޓްރަމްޕް އޭނާގެ އަންޞާރުންނަށް ހިތްވަރު ދެއްވައިގެން ކެޕިޓަލް ޢިމާރާތަށް ދެވުނު ޙަމަލާ ހައެއްކަ ގަޑިއިރަށް ދެމިގެން ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *