Support Us

އީރާނުގެ ފޭރޭމީހުން އިސްރާއީލުގެ މީޑިއާއަށް ވަދެއްޖެ

އީރާނުގެ މީޑިއާ ފޭރޭ ބަޔަކު މިއަދު އިސްރާއީލުގެ ދެ ނޫހެއް ކަމުގައިވާ ޖެރޫސަލަމް ޕޯސްޓާއި މަޢާރީފުގެ ޞަފްޙާތަކަށް ވަދެފައިވާ ކަމަށް މި ދެ ނޫހުން ރިޕޯޓު ކޮށްފިއެވެ.

އީރާނުގެ ސައިބަރާނީ ހަނގުރާމަވެރީން މި ކަން ކުރީ އެ ޤައުމުގެ ޤުދުސް ފައުޖުގެ ކޮމާންޑަރު ޤާސިމު ސުލައިމާނީ އަވަހާރަކޮށްލިކޮށްލުމަށް ދެ އަހަރު ފުރުމުގެ ޒިކުރާ ފާހަގަކުރުމުގެ ތެރޭގައެވެ. އިސްރާއީލުގެ މި ދެ ނޫހުން މި ކަން ސިފަކުރިގޮތުގައި އެއީ އިސްރާއީލުގެ ސަލާމަތަށް ހުރި ވަރަށް ބޮޑު ހިރާސެކެވެ.

އީރާނުގެ މީޑިއާ ފޭރޭ މީހުން ދިން މި ޙަމަލާގެ ސަބަބުން ޖެރޫސަލަމް ޕޯސްޓުގެ ފުރަތަމަ ޞަފްޙާގައި ޚަބަރުގެ ބަދަލުގައި ހުރީ ޤާސިމީގެ ކުރެހުމެކެވެ. ރައީސް ޓްރަމްޕްގެ އަމުރަށް ޖެނެރަލް ޤާސިމީ އަވަހަރަކޮށްލައިފައި ވަނީ 2020ގައި ޢިރާޤުގެ ވައިގެ ބަދަރަށް ވަޑައިގެންނެވި ތަނާ އެމެރިކާއިން ދިން ޑްރޯން ޙަމަލާއަކުންނެވެ.

ޤާސިމީގެ މި ކުރެހުމުން ފެންނަ ގޮތުގައި އޭނާގެ އިނގިލިފުޅުގައި އޮތް ރަތް އަނގޮޓިއަކުން ވަޒަނެއް ނުކުންނަތަން ދައްކައިފައި ވެއެވެ. އިނގިރޭސި ބަހުން ނުކުންނަ ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި އެމީހުން މިހާރު ދަނީ މި މަސްއަލަ ޙައްލު ކުރަމުންނެވެ. އެމީހުންގެ ޓްވީޓެއް ބުނާގޮތުގައި ސައިބަރާނީ މި ޙަމަލާ ދެވުނުކަން އެމީހުންނަށް އެނގެއެވެ. "މިއީ އަހަރެމެން ދެކޭ ގޮތުގައި އިސްރާއީލަށް ދެވުނު ސީދާ ޙަމަލާއެކެވެ." އިސްރާއީލުގެ މަޢާރީފު ދުވަހު ނޫހުގެ ފުރަތަމަ ޞަފްޙާގައި ވެސް ހރީ ޤާސިމީގެ ކުރެހުމެކެވެ. މި ކުރެހުމުގައި އިނގިރޭސިބަހުންނާއި ޢިބްރީ ބަހުންލިޔެފައި ވެއެވެ. "ކަލޭމެންނަށް ނޭނގުނަސް އަހުރެމެން މި ތިބީ ކަލޭމެންނާ ވަރަށް ކައިރީގައެވެ."

އިސްރާއީލަށް ދެކޮޅަށް ކުރެވޭ ސައިބަރާނީ ހަނގުރާމަ

މިއީ އީރާނުގެ މީޑިއާ ފޭރޭމީހުން އިސްރާއީލަށް ދިން މި ފަދަ ފުރަތަމަ ޙަމަލާއެއް ނޫނެވެ. އީރާން ސަރުކާރަށް ތަބާވާ މީޑިއާ ފޭރޭމީހުން އިސްރާއީލަށް ސައިބާރާނީ ޙަމަލާތައް ވަރަށް ގިނައިން ދީފައި ވެއެވެ.

ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި އިސްރާއީލުގައި ބިނާރުގެ މަސައްކަތްތައް ކުރާ މޭސްތިރިކަމުގެ އެތައް ކުންފުނިތަކެއްގެ ފައިލްތަކަށް އީރާނުން ވަދެފައި ވެއެވެ. އީރާނުން ވަދެފައިވާ މަޝްރޫޢުތަކުގެ ފައިލްތަކުގެ ތެރޭގައި އިސްރާއީލުގެ "އަޔާލޫން ހަލި މަގާ" އި އިސްރާއީލުގެ ރޭލްވޭ ކުންފުންޏާއި ތައްލު އަބީބު ސަރަޙައްދުގައި މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ޓަކައި ބިނާކުރަމުންދާ ޓަވަރުތަކުގެ މަޝްރޫޢު ހިމެނެއެވެ.

އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލުގެ ތަފާތު ޝަޚްޞިއްޔާތުތަކާއި ތަފާތު މީހުންނާ ބެހޭ މަޢުލޫމާތު ވަގަށް ނެގުމަށް ޓަކައި އީރާނުން ވަނީ "ވަރަށް ބޮޑެތި ފޫއެޅުވުންތަކެއް" ފޫއަޅުވައިފައެވެ. މި ނޫސް މި ދިޔަ ނޮވެންބަރު މަހު ބުނިގޮތުގައި އެއްޖިންސުން ގުޅުން ހިންގާ މީހުން ތަޢާރުފު ކޮށްދިނުމަށް ޓަކައި ހަދައިފައިވާ ޚާޢްޞަ ވެބް ޞަފްޙާއަކަށް އީރާނުން ވަދެފައެވެ.

މި ނޫސް ބުނާގޮތުގައި ބްލެކް ޝެޑޯ ނަމަކަށް ކިޔާ މީޑިއާފޭރޭ ޖަމާޢަތަކުން އިސްރާއީލުގެ ސާވާތަކަކަށް ވަދެފައި ވެއެވެ. މިއީ އީރާނުގެ މީޑިއާފޭރޭމީހުންގެ ޖަމާޢާތެއް ކަމަށް ބުނެވެއެވެ.
އީރާނުގެ ނިޔުކްލިއަރ އަނދުނައާ ބެހޭ މަރްކަޒުތަކަށް 25 އޮކްޓޯބަރު 2021ގައި އިސްރާއީލުން ދިން ޙަމަލާއާ ވިދިގެން އީރާނުގެ ސައިބަރާނީ ހަނގުރާމަވެރީން އިސްރާއީލު ސިފައިން ބޮޑެތި މަސްއޫލުވެރީންގެ މަޢުލޫމަތުތަކެއް ވަނީ ހާމަކޮށްފައެވެ.
އަދި 2020 ގައި އީރާނުން ވަނީ އިސްރާއީލުގެ ބޯފެނާއި ނަރުދަމާއާ ބެހޭ ނިޒާމަށް ސައިބަރާނީ ޙަމަލާއެއް ދީފައެވެ. ތައްލު އަބީބުން މި ޙަމަލާ ސިފަކުރީ އެއީ އިންސާނީ ކުށެއްގެ ސަބަބުން ހިނގި ކަމެއް ކަމުގައެވެ. އިސްރާއީލުން މިކަން ފޮރުވަން ވަނީ މަސައްކަތްކޮށްފައެވެ.

ދިރާސާތައް ބުނާ ގޮތުގައި ސައިބަރާނީ މައިދާނުގައި ޗައިނާއާއި ރަޝާއަށް ފަހު ދެވަނަ މަޤާމުގައި އޮތީ އުތުރު ކޮރެއާއާއި އީރާނެވެ.
މޭންޑިއެންޓް ކުންފުނީގެ ތަންފީޒީ ރައީސް މެންޑިޔާ ވިދާޅުވާ ގޮތުގައި އީރާނަކީ އިލެކްޓްރޯނީ ޙަމަލާތަކުގައި ވަރަށް ބާރުގަދަ ޤައުމެކެވެ. އެމީހުން މިހާރު ދަނީ އެމެރިކާގެ ދިފާޢުތައް ވެސް ފޫއަޅުވަމުންނެވެ. އެމެރިކާގެ ސޯލަރވިނޑް ފޫއަޅުވައިލައިފާނެ ކަމުގެ އިންޒާރު މި ދިޔަ އަހަރު މެންޑިޔާ ވަނީ ވޮޝިންގްޓަނަށް ދެއްވައިފައެވެ. އެމެރިކާ ތުހްމަތު ކުރާ ގޮތުގައި ސޯލަރވިންޑަށް ޙަމަލާ ދިނީ ރަޝިޔާއިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *