...

Support Us

އިސްރާއީލުން ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދީފި

އިސްރާއީލުން ރޭ ޣައްޒާގެ ތަފާތު ތަންތަނަށް އަނެއްކާ ވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ. ޣައްޒާގެ އެންމެ ބޮޑު އެއް އަވަށް ކަމުގައިވާ ޚާން ޔޫނުސުން އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ތަންތަން ގޮވަމުން ދިޔަ އަޑު އިވުނެވެ.

ފަލަސްޠީނުގެ މީޑިއާތައް ބުނާގޮތުގައި ފަލަސްޠީނުގެ ޖިހާދީ ޖަމާޢަތްތަކުން އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކާ ކުރިމަތިލައި އެ ބޯޓުތައް ފައްސައިލިއެވެ. ފަލަސްޠީނުގެ މީޑިއާ ބުނާގޮތުގައި އިސްރާއީލުގެ ބޯޓުތަކުގެ އަމާޒަކަށް ވެފައިވަނީ ޚާން ޔޫނުސްގެ ހުޅަނގުގައި ހުރި ޤައްސާމު ބްރިގޭޑްގެ މަރްކަޒެކެވެ.

އިސްރާއީލުގެ "ކާން" ޓީވީ ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނީ ތައްލު އަބީބުގެ އައްސޭރިފަށަށް ދެ ރޮކެޓެއް ވެއްޓުމާ ވިދިގެންނެވެ. އިސްރާއީލު ބުނާގޮތުގައި މި ދެ ރޮކެޓް އައިސްފައި ވަނީ ޣައްޒާއިންނެވެ.އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި "މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫނެވެ."

ހުރިހާ މަޞްދަރުތަކަކުން ލަފާކުރާގޮތުގައި އިސްރާއީލަށް ފޮނުވައިލި ދެ ރޮކެޓްގެ މަސއޫލިއްޔަތު އުފުއްލަން ޖެހޭ ފަރާތަކީ އިސްލާމީ ޖިހާދު ޙަރަކާތެވެ. އެހެނަސް ތައްލު އަބީބުން މި ޙަމަލާގެ މަސްއޫލިއްޔަތު އަޅުވަނީ ޙަމާސްގެ ބޮލުގައެވެ.

ޣައްޒާއިން ދިން ޙަމަލާއާ ވިދިގެން އިސްރާއީލުގެ ޢަސްކަރީ ރޭޑިއޯއިން ފަލަސްޠީނީންނަށް އިންޒާރެއް ދިނެވެ. ޣައްޒާއިން ފޮނުވައިލި ދެ ރޮކެޓްގެ ސަބަބުން އިސްރާއީލަށް ގެއްލުމެއް ނުލިބުނަސް އިސްރާއީލުން މި ޙަމަލާއަށް ވަރުގަދަ ރައްދެއް ދޭނެކަމަށް މި ރޭޑިއޯ ބުންޏެވެ.

އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ޣައްޒާއިން ފޮނުވައލި ދެ ރޮކެޓް ވެއްޓިފައި ވަނީ ޣޫޝް ދާން ނަމަކަށް ކިޔާ ހިސާބަށެވެ. މިއީ ތައްލު އަބީބާ ޔާފާ އާ ދެމެދުގައި އޮންނަ ސަރަޙައްދެކެވެ. މި ޙަމަލާގެ ސަބަބުން އެ ހިސާބުގަނޑުގެ މީހުންގެ ހިތަށް ވަރަށް ބޮޑު ބިރުވެރިކަމެއް ވަނެވެ.

މިޞްރުން ގުޅުން

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ބަދީޢޫތު އަޙްރަނޫތު ދުވަހުނޫސް ބުނިގޮތުގައި އިސްރާއީލުން ރޭ ދިން ޙަމަލާއާ ވިދިގެން މިޞްރުން އިސްރާއީލަށާއި ފަލަސްޠީނަށް ގުޅައި ނަފްސު ކޮންޓްރޯލް ކުރުމަށް ނަސޭހަތްތެރިވިއެވެ. މި ޙަމަލާތަކުގެ ސަބަބުން މާޙައުލު ނުތަނަވަސް ވެދާނެތީ މިޞްރު ވަރަށް ކަންބޮޑުވެއެވެ.

އިސްރާއީލުގެ މަސްއޫލުވެރިއަކު އިސްރާއީލު ވައްލާ ވެބް ޞަފްޙާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އިސްރާއީލުން މި ހާދިސާއާމެދު ބަލަނީ އެއްވެސް ސަމާސާކަމެއް ނެތިއެވެ. އެއީ އޮޅުމަކުން ހިނގިކަމެކޭ ބުންޏަސް އިސްރާއީލަށް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ."

ހަނިއްޔާއާއި ސިންވާރު އަވަހާރަކޮށްލުމަށް އިސްރާއީލު ގޮވައިލުން

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ކުރީގެ ވަޒީރަކު ޙަމާސް ޖަމާޢަތުގެ އިސް ދެ ޒަޢީމުން ކަމުގައިވާ އިސްމާޢީލު ހަނިއްޔާއާއި ޔަޙްޔައް ސިންވާރު އަވަހާރަކޮށްލުމަށް ރޭ ގޮވައިލައްވައިފިއެވެ. އޭނާ ވިދާޅުވިގޮތުގައި ޣޫޝް ދާނަށް ރޮކެޓް ޙަމަލާތައް ދިނީ ޙަމާސުންނެވެ. އިސްރާއިލުގެ ޗެނެލް 14 އިސްރާއީލުގެ ކުރީގެ މުވާޞަލާތީ ވަޒީރު އައްޔޫބުލް ޤަރާއާ ޙަވާލާދީ ބުންޏެވެ. އޭނާ ވިދާޅުވިއެވެ. "ރަންތީސީއާއި އަޙްމަދު ޔާސީންގެ އަރިހަށް ހަނިއްޔާއާއި ސިންވާރު ފޮނުވައިލަން ޖެހޭ ވަގުތު އަތުވެއްޖެއެވެ." ރަންތީސީއާއި ޔާސީން އިސްރާއީލުން އަވަހާރަކޮށްލީ 2004 ގައެވެ.

އިސްރާއީލަށް ފޮނުވައިލި ދެ ރޮކެޓް ފޮނުވައިލުމުގެ ޒިންމާ ފަލަސްޠީނުގެ އެއްވެސް ޖަމާޢަތަކުން އަދިއެއް ނޫފުއްލައެވެ. މި ދިޔަ އަހަރުގެ މޭ 21ގައި މިޞްރު މެދުވެރިވެގެން ޙަމަސާއި އިސްރާއީލު ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައެވެ. މި ކަމަށް އެއްބަސްވީ 11 ދުވަހު ކުރިމަތިލުންތަކަކަށް ފަހުގައެވެ. އިސްރާއީލުން މި ދިން ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. މުޅި ޣައްޒާގެ އުސް ޢިމާރާތްތައް ވަނީ ބިމާ ހަމަކޮށްފައެވެ. ޣައްޒާގެ ބިނާރުތައް ވަނީ ހަލާކުކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.