Support Us

އީރާނުގެ ނައްސި ސިޔާސަތު ބަދަލު ކުރުމަށް ސުޢޫދީ ރަސްގެފާނު ގޮވައިލައްވައިފި

އީރާނުން ގެންގުޅޭ ސަރަޙައްދީ ސިޔާސަތާއި ނައްސި ސުލޫކު ބަދަލު ކުރުމަށް ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދިލް ޢަޒީޒު ޠަހަރާނަށް ގޮވައިލައްވައިފިއެވެ. އޭގެ ބަދަލުގައި ވާހަކަ ދެއްކުމަށާއި އެއްބާރުލުމަށް ކުރިމަތިލުމަށް އެ ރަސްގެފާނު ގޮވައިލެއްވިއެވެ.

ސުޢޫދީ ރަސްގެފާނު އީރާނުގެ ވެރީންނަށް މި ކަމަށް ގޮވައިލެއްވީ ސުޢޫދީ ޢަރަބިއްޔާގެ ޝޫރާ މަޖިލިސް ރޭ ހުޅުއްވާ ދެއްވަމުން ދާދިވަރުކޮށް ދެއްވި ޚިޠާބުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުﷲޔާން މީގެ ދެތިން ދުވަސްކުރިން ހާމަކުރެއްވި ގޮތުގައި އީރާން އޮތީ ސުޢޫދިޔާއާއެކު ވާހަކަދެއްކުންތައް ފަށައި ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ތައްޔާރަށެވެ. ސުޢޫދީ– އީރާނު ވާހަކަދެއްކުންތައް ބޭއްވެމުން ދަނީ ޢިރާޤު މެދުވެރިވެގެންނެވެ.

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ޠަހަރާނުން ބައިނަލްއަޤްވާމީ މުޖްތަމައާއެކު އެއްބާރުލަމުން ނުދާތީ ސަލްމާން ރަސްގެފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ލުބްނާނުގެ މިއަދުގެ ސިޔާސީ ޙާލަތަށް ބައްލަވައިލައްވަމުން ސަލްމާން ރަސްގެފާނު ހާމަކުރެއްވި ގޮތުގައި ލުބްނާނުގެ ދައުލަތުގެ ހުޅުތަކަށް ޙިޒްބުﷲއިން ބާރު ފޯރުވަމުންދާތީ ރިޔާޟު އެކަމާ ކަންބޮޑުވެއެވެ. ޙިޒްބު ﷲ ޖަމާޢަތަކީ އީރާނުގެ މަދަދު ލިބިގެން ސިޔާސީ ޙަރަކާތްތައް ހިންގާ ލުބްނާނުގެ ޖަމާޢަތެކެވެ.

ސުޢޫދީ ޢަރަބިއްޔާއިން އީރާނާއެކު ސިޔާސީ ގުޅުން ކަނޑައިލީ 2016ވަނަ އަހަރުގައެވެ. އެއީ އީރާނުގައި ހުންނަ ސުޢޫދީ އެންބެސީއަށް ޙަމަލާދީ މި އެންބެސީ އަންދައިލުމުންނެވެ. އީރާނު މީހުން ސުޢޫދިޔާއާ ދެކޮޅަށް މުޒާހަރާކޮށް ސުޢޫދީ އެންބެސީއަށް ވަދެގަތީ ސުޢޫދީ ޝީޢީ ޒަޢީމެއް ކަމުގައިވާ ނަމިރުއް ނަމިރަށް މަރުގެ އަދަބު ދިނުމުންނެވެ.

ސަލްމާން ރަސްގެފާނުގެ ޚިޠާބުގައި ދުނިޔޭގެ ތެލުގެ ބާޒަރަށް ވެސް ބައްލަވައި ލެއްވިއެވެ. ސަލްމާން ރަސްގެފާނު ވިދާޅުވިގޮތުގައި އޯޕެކް+ އެއްބަސްވުމަކީ ތެލުގެ ބާޒާރަށް ހަމަޖެހުން ގެނައުމަށް ޓަކައި އެއްބަސްވެވުނު އެއްބަސްވުމެކެވެ. އެ ރަސްގެފާނު ވިދާޅުވި ގޮތުގައި މިއީ ވަރަށް މުހިއްމު އެއްބަސްވުމެކެވެ. މި އެއްބަސްވުމާ އެއްގޮތަށް ރިޔާޟުން ޢަމަލު ކުރަމުންދާނެ ކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ. މި އެއްބަސްވުމަށް ހުރިހާ ފަރާތްތަކުން ކަށަވެތިވުމަށް ވެސް ސަލްމާން ރަސްގެފާނު މި ޚިޠާބުގައި ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *