Support Us

އިސްރާއީލާއި ފަލަސްޠީނުގެ ވެރީން ތައްލު އަބީބުގައި ބައްދަލު ކުރައްވައިފި


ފލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް 11 އަހަރު ފަހުން އިސްރާއީލަށް ރަސްމީ ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.

ފަލަސްޠީނުގެ ރަށްތަކާއި ސަހަރުތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޙަމަލާތައް މެދުނުކެނޑި ކޮންމެ ދުވަހަކުހެން ފަދަ ގޮތަކަށް ދެމުންދަނިކޮށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ތައްލު އަބީބަށް ރޭ ވަޑައިގެން އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސްގެ ގެކޮޅުގައި ބައްދަލުކުރައްވައިފައި ވަނީ އިސްރާއީލުގެ ސިޔާސީ އިދިކޮޅު ޕާޓިތަކުން މި ކަމާ ދެކޮޅުހަދަމުންދަނިކޮށްނެވެ. ބެނީ ގެންޓްސްގެ ގެކޮޅު ހުންނަނީ ތައްލު އަބީބު ކައިރީގައި އޮންނަ ހިސާބެއްގައެވެ.

އަބޫ މާޒިންގެ ކަށަވެތިކަން ގެންޓްސްއަށް

އިސްރާއީލުގެ ކާން ރޭޑިއޯ ފަލަސްޠީނުގެ މަޞްދަރުތަކާ ޙަވާލާދީ ބުނިގޮތުގައި މަޙްމޫދު ޢައްބާސް ގެންޓްސްއަށް ދެންނެވިއެވެ. "އިސްރާއީލީންނާ ދެކޮޅަށް ހަތިޔާރު ބޭނުން ކުރުމަށާއި ހަރުކަށި ޢަމަލުތައް ހިންގުމަށް ފަލަސްޠީނު ސަރުކާރުން ހުއްދައެއް ނުދޭނެއެވެ." ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނު މީހުންނާ ވަޒަންވެރިކޮށްފައިވާ ޔަހޫދީންނާ ދެމެދުގައި ކުރިމަތިލުންތައް ނުހިގާނެގޮތަކަށް އިސްރާއިލުން ވީވަރަކުން ގަދައަޅައި މަސައްކަތްކުރަންވާނެ ކަމަށް އަބޫ މާޒިން ގެންޓްސް އަށް ދެންނެވިއެވެ.

ފަލަސްޠީނުގެ ޖަމާޢަތްތަކާ ދެކޮޅަށް ފަލަސްޠީނު ސަރުކާރުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާތަން ފެނިވަޑައި ނުގަންނަވާ ކަމަށް ގެންޓްސް އަބޫ މާޒިނަށް ދެންނެވިއެވެ. މި ފިޔަވަޅުތައް ވަރުގަދަ ކުރެއްވުމަށް އޭނާ ޢައްބާސަށް ދެންނެވިއެވެ.

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި ރައީސް ޢައްބާސް މި ދަތުރުފުޅު ކުރައްވައިފައި ވަނީ ބޮޑުވަޒީރު ބެނެޓްގެ އޮފީހާ ވިލަރެސް ކުރައްވައިގެންނެވެ.

ކާން ރޭޑޮއޯ ހާމަކުރިގޮތުގައި މި މަހު ރާމަﷲގައި އިސްރާއީލުގެ ދެ ޒުވާނަކަށް ފަލަސްޠީނު ބަޔަކު ޙަމަލާދެމުންދަނިކޮށް އެ ދެ ޒުވާނުން ސަލާމަތްކޮށް ދިނުމަށް ޓަކައި ފަލަސްޠީނު ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކުރައްވައި ގެންޓްސް ރައީސް ޢައްބާސަށް ޝުކްރު ދެންނެވިއެވެ.

ޢައްބާސް– ގެންޓްސް ބައްދަލުވުމުގައި ފަލަސްޠީނުގެ ޖާސޫސީ އިދާރާގެ ރައީސް ޖެނެރަލް މާޖިދު ފަރަޖާއި މަދަނީ ކަންތައްތަކާ ބެހޭ ވަޒީރު ޙުސައިނުއް ޝައިޚު ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުން ހިނގަމުން ދަނިކޮށް ކުއްލިއަކަށް އެ މާލަން ތެރެއަށް ބެނީ ގެންޓްސްގެ ދަރިކަލުން ވަދެވަޑައިގެން ކަމަށް އިސްރާއީލުގެ މީޑިޔާތައް ބުންޏެވެ. އެހިނދު ގެންޓްސް އޭނާއަކީ އިސްރާއީލުގެ ލަޝްކަރުގައި ހިމެނޭ ސިފައިންގެ މީހެއްކަމަށް ވިދާޅުވިއެވެ. ޢައްބާސް ޖަވާބުގައި ވިދާޅުވިއެވެ. "މިގޭތެރެއިން ސުލްޙަ ޤާއިމުވެގެންދިޔުމަށް އުއްމީދު ކުރަމެވެ." ކާން ބުނާގޮތުގައި ގެންޓްސް ފަލަސްޠީނުގެ ރައީސަށް ޒައިތޫނި ތެޔޮފުޅިއެއް ވެދުމަށް އެރުއްވިއެވެ.

އިސްރާއީލުގެ މީޑިއާ ބުނާގޮތުގައި މިފަދަ ބައްދަލުވުމެއް ބޭއްވިދާނެކަމަށް މީޑިޔާ ނިމުތުކޮށްފައެއް ނުވެއެވެ.

އިދިކޮޅުން ފާޑުކިޔުން

ޢައްބާސް- ގެންޓްސް މި ބައްދަލު ކުރެއްވުމާ ދެކޮޅަށް އިސްރާއީލުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަރަށް ބޮޑަށް ފާޑު ކިޔެއެވެ. އިދިކޮޅު ލީކޯޑް ޕާޓީ ބުނާގޮތުގައި ބޮޑުވަޒީރު ބެނެޓް މަސައްކަތް ކުރައްވަނީ އޮސްލޯ މުޢާހަދާއަށް އަލުން ދިރުން ގެންނަވާށެވެ. މި ޕާޓީން ނެރުނު ބަޔާން ބުނާގޮތުގައި މި ކަމުގެ ސަބަބުން އިސްރާއީލުގެ ސަލާމަތަށް ގެއްލުން ލިބޭނެކަން ކަށަވަރެވެ.
އަނެއްކޮޅުން ފަލަސްޠީނުގެ ޙަމާސުން ސިފަކުރިގޮތުގައި މިއީ ފުރަގަހުން އައިސް ފަލަސްޠީނުގެ ބުރިކަށްޓަށް ވަޅި ހެރުންފަދަ ނުބައި ޢަމަލެކެވެ. ޙަމާސުގެ ތަރްޖަމާނު ޙާޒިމު ޤާސިމު ވިދާޅުވިގޮތުގައި ފަލަސްޠީނުގެ ވެރިކަމުގެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ސިޔާސީ ބައިބައިވުން ދުވަހެއް ދުވަހަކަށް ދަނީ ބޮޑުވަމުން ފުންވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *