Support Us

2021 އަކީ އެފްރިކާގައި އިންޤިލާބުތަކުގެ އަހަރެއް؟

އެފްރިކާ ބައްރަށް އިންޤިލާބެއް އައުމަކީ އާދަޔާ ޚިލާފު ކަމެއްނޫނެވެ. އެހެނަސް 2021އަކީ އާދަޔާ ޚިލާފަށް އިންޤިލާބުތައް ގިނަ އަހަރެކެވެ.

އެފްރިކާގެ ޤައުމުތަކަށް ހުޅަނގުގެ އިސްތިޢުމާރުގެ ކިބައިން މިނިވަންކަން ލިބުނުފަހުން އެ ބައްރުގެ ޤައުމުތަކަށް ޢާންމު ގޮތެއްގައި އިންޤިލާބުތައް އަންނަމުން ދިޔައެވެ. މިގޮތުން 1960 އާއި 2000އާ ދެމެދުގެ އަހަރުތަކަށް ބަލާއިރު އެވްރެޖު ގޮތެއްގައި އަހަރަކު ހަތަރު އިންޤިލާބު އައިސްފައި ވެއެވެ. މި ސައްތައިގެ އަހަރުތަކަށް ބަލާއިރު 2000އާއި 2019އާ ދެމެދުގެ އަހަރުތަކުގައި އިންޤިލާބުގެ އެވްރެޖް ޢަދަދު ވަނީ އަހަރަކު ދޭކަށް މަދުވެފައެވެ.
އެހެނަސް 2021ވަނަ އަހަރު އެފްރިކާގެ ބައްރު ޒީނަތްތެރިވެފައި ވަނީ ޢަސްކަރީ އިންޤިލާބުތަކާއި ކޮރޯނާ ވަބާއާއި ޖަދަލުތައް ބޮޑު އިންތިޚާބުތަކުންނެވެ. ޗާޑާއި މާލީއާއި ގީނީއާއި ސޫދާނުގައި ވަނީ ޢަސްކަރީ އިންޤިލާބުތަކެއް ގެނެސްފައެވެ. ތޫނިސްގައި އިންތިޚާބު ކޮށްފައިވާ ރައީސް ޤައިސް ސުޢައްޔިދު ވަނީ އިސްތިސްނާއީ އިޖްރާއާތުތަކަކުން ތިން ބާރުގެ މައްޗަށް އިސްވެވަޑައިގެންފައެވެ. ތޫނިސްގެ ސިޔާސީ އެންމެ ބޮޑު ޕާޓީ ސިފަ ކުރާގޮތުގައި އެއީ "ރަތް ލާ ޖެހި" އިންޤިލާބެކެވެ.

ސޫދާނުގެ އިންޤިލާބު

އިންޤިލާބަކީ ސިފައިން ފާޅުގޮތަކަށް ޤާނޫނާ ޚިލާފަށް ޤައުމެއްގެ ވެރިކަމަށް ވެރިވެގަތުމެވެ. މި ތާރީފުގެ ދަށުން މިނާއިރު މި ދިޔަ ސައްތައިގެ ފަންސާހުގެ އަހަރުތަކުން ފެށިގެން އެފްރިކާގައި 200 ވަރަކަށް އިންޤިލާބު ގެނެސްފައި ވެއެވެ. މީގެތެރެއިން ދެބައި ކުޅަ އެއްބައި ވަނީ ކާމިޔާބުވެފައެވެ. އެހެނަސް އިންޤިލާބުތަކުގެ ވެރީން އެބޭބޭފުޅުންގެ މި ޢަމަލަކީ އިންޤިލާބެއްކަމަކަށް ދެކެވަޑައެއް ނުގަންނަވައެވެ. ބައެއް ފަހަރަށް "ޝަރްޢީ" ސަރުކާރުތަކާ ދެކޮޅަށް ރައްޔިތުން ތެދުވާ ތެދުވުންތައް ވެސް ކާމިޔާބުވެފައި ވަނީ ސިފައިންގެ އެހީގައެވެ.

މި ކަން މިހާރު ބަދަލުވަމުން އެބަ އަންނަކަމަށް އެފްރިކާގެ ވަޠަނީ ދީމުޤްރާޠީ މަރްކަޒުގެ ޑިރެކްޓަރު ކްރިސްޓޮފަރ ފޯމޯނީވާ ވިދާޅުވިއެވެ. އޭނާ ޑޮޗްވެލާ އަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އިންޤިލާބުތަކަށް ބަލާއިރު އެއީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫނެވެ. ރައްޔިތުން އިންޤިލާބުގެ ވެރީން ބަލައިގަތުމަށް ލޯތްބެއް ނުކުރެއެވެ."

ސޫދާނުގައި އިންޤިލާބާ ދެކޮޅަށް މުޒާހަރާތައް

ސޫދާނުގައި އިންޤިލާބީންނާ ދެކޮޅަށް މުޒާހަރާތައް ބޭއްވެމުން ދިޔައީ އެއްވެސް މީހަކު ހީވެސް ނުކުރާނެ ފަދަ ގޮތަކަށް ހާހުން ހާހުންނެވެ. އެމީހުންނާ ދެކޮޅަށް ސިފައިން ބަޑި ބޭނުން ކުރަމުން ދިޔައިރުގައި ވެސް މި މުޒާހަރާތަކަށް ހުއްޓުވައެއް ނުލެވުނެވެ. އެންމެ ފަހުން ސިފައިންގެ ވެރީންނަށް މަޖްބޫރުވެވަޑައިގަތީ ބޮޑުވަޒީރު ހަމްދޫކު ބޮޑުވަޒީރުކަމަށް އަނބުރާ ގެންނަވާށެވެ. އޮކްޓޯބަރު 25ގައި ސޫދާނުގެ ރައްޔިތުންނަށް ހޭލެވުނީ ބޮޑުވަޒީރު ޙަމްދޫކާއި ބައެއް ވަޒީރުން ހައްޔަރު ކުރި ޚަބަރައިގެންނެވެ ސިފައިންގެ ވެރިޔާ އަލްބުރްހާނު ވެރިކަން ކުރާ ޢަސްކަރީ މަޖިލީސް އެ ދުވަހު އުވާލައްވައި ސިފައިންނާއި މަދަނީންނާ ގުޅިގެން އުފައްދާފައިވާ ވެރިކަން ކުރާ ސިޔާދަތީ މަޖިލިސް އުވާލެއްވިއެވެ. އެހެނަސް ރައްޔިތުން މި ނިންމުންތައް ޤަބޫލުނުކޮށް މަގުމައްޗަށް ނުކުމެ މުޒާހަރާތައް ކުރިއަށް ގެންދާން ފެށިއެވެ. އެންމެ ފަހުން ބުރްހާނަށް މަޖްބޫރުވެވަޑައިގަތީ ޙަމްދޫކު އަލުން ބޮޑުވަޒީރުކަމަށް ގެންނަވާށެވެ.

ތޫނިސްއާއި ޤައިސް ސުޢައްޔިދުގެ އިޖްރާއާތުތައް

ތޫނިސްއަށް އިންޤިލާބެއް ނައި ނަމަވެސް އެ ޤައުމުގެ ރައީސް ޤައިސް ސުޢައްޔިދު އެޅުއްވި އާދަޔާ ޚިލާފު ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ ދީމުޤްރާޠީ ރާސްތާ ވަނީ އަލުން ކަސިޔާރުވެފައެވެ. މި ދިޔަ ޖުލައި މަހުގެ 25ވަނަ ދުވަހު ރައީސް ސުޢައްޔިދު ވަރަށް ކުއްލިގޮތަކަށް ބޮޑުވަޒީރު މުޝައިޝީ މަޤާމުން ވަކިކުރައްވައި ސުޢައްޔިދު ތަންފީޒީ ބާރާ ޙަވާލުވެ ވަޑައިގެންނެވިއެވެ. އެއަށްފަހު އޭނާ ބަރްލަމާނުގެ މަސައްކަތް 30 ދުވަހުގެ މުއްދަތަށް ގަޑުކުރެއްވިއެވެ. މީގެއިތުރަށް ބަރްލަމާނުގެ މެންބަރުންނަށް ޤާނޫނު ލިބިދޭ ޙަޞާނަތު އުވާލެއްވިއެވެ. މީގެ އިތުރަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތާ ވެސް ސުޢައްޔިދު ޙަވާލުވެ ވަޑައިގެންނެވިއެވެ.

އެއަށްފަހު ރައީސް ސުޢައްޔިދު އެ ޤައުމުގެ ބަރްލަމާނު ކަނޑައެޅިފައިވާ ވަކި މުއްދަތެއް ނެތް ގޮތަށް ގަނޑުކުރެއްވިއެވެ. އެއް އަހަރު ފަހުން ތޫނިސް ގައި ޢާއްމު އިންތިޚާބެއް ބާއްވަވާނެކަމަށް ސުޢައްޔިދު އިޢުލާން ކުރެއްވިއެވެ.

ރައީސް ސުޢައްޔިދު ވިދާޅުވާ ގޮތުގައި އޭނާ ހުށައަޅުއްވާފައިވާ އިޞްލާޙުތަކާ ބެހޭގޮތުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް މި އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހު ނަންގަވާނެއެވެ. އެއަށްފަހު 17 ޑިސެންބަރު 2022ގައި ޢާންމު އިންތިޚާބު ބާއްވަވާނެ ކަމަށް އިޢުލާނު ކުރެއްވިއެވެ.

މި ކަންތައްތަކުގެ އިތުރަށް ކޮރޯނާގެ ސަބަބުން ވެސް އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މި ކަންތައްތަކުގެ ސަބަބުން މަސައްކަތް ނުލިބި ތިބި މީހުންގެ ޢަދަދު ވަނީ 18 ޕަސަންޓަށް މައްޗަށް ގޮސްފައެވެ. އެ ޤައުމުގެ ބޭރުގެ ދަރަނި ވަނީ 30 ބިލިއަން ޑޮލަރަށް އިތުރުވެ ޤައުމު ބަގުރޫޓުވެ އިނދަޖެހެން ކައިރިވެފައެވެ.

ރައީސް ސުޢައްޔިދުގެ މި މަގުޗާޓަށް އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ތާއީދުކޮށްފައެވެ. އެމެރިކާއިން ބުނިގޮތުގައި ތޫނިސްގެ ރައްޔިތުންގެ އެދުންތަކަށް ވާގިވެރިވާ ކޮންމެ ޢަމަލަކަށް އެމެރިކާ ތާއީދު ކުރާނެއެވެ. އެމެރިކާއިން ރައީސް ސުޢައްޔިދަށް ގޮވައިލީ އިޞްލާޙީ ޢަމަލުތައް ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދެވުމަށެވެ.

އެފްރިކާގެ އިންޤިލާބުތައް

ސޫދާނަށް މިނިވަންކަން ލިބުނު ފަހުން އެ ޤައުމަށް 15 އިންޤިލާބެއް ގެނެވިފައި ވެއެވެ. މީގެތެރެއިން ކާމިޔާބު ވެފައިވަނީ އެންމެ 5 އިންޤިލާބެވެ.
އެފްރިކާގެ އެންމެ އާބާދީ ބޮޑު ޤައުމު ކަމުގައިވާ ނައިޖީރިޔާއަކީ މިނިވަންކަން ލިބުނު އަހަރުތަކުގެ ކުރީކޮޅުގައި 8 އިންޤިލާބު ދެކެފައިވާ ޤައުމެކެވެ. 1966އާ 1993އާ ދެމެދުގައި އެ ޤައުމަށް 8 އިންޤިލާބު ގެނެވިފައި ވެއެވެ. ނަމަވެސް 1999ން ފެށިގެން ނައިޖީރިޔާއަކީ ދީމުޤްރާޠީ އިންތިޚާބުތަކުގެތެރެއިން ލައިފާ ވެރިކަން ބަދަލުވަމުން އަންނަ ޤައުމެކެވެ.

އެފްރިކާގެ ބުރުންޑީގެ ތާރީޚަކީ ތަފާތު 11 އިންޤިލާބު ދެކެފައިވާ ޤައުމެކެވެ. މި އިންޤިލާބުތައް އައިސްފައި ވަނީ އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ހިނގަމުންދާ ޤަބަލީ ގަޑުބަޑުތަކާ ވިދިގެންނެވެ.

ސީރަލިޔޯނަކީ ވެސް އެތައްއެތައް އިންޤިލާބުތަކެއް ތަޖްރިބާ ކޮށްފައިވާ ޤައުމެކެވެ. މިގޮތުން 1967އާ 1968އާ ދެމެދުގައި ތިން އިންޤިލާބު ދެކެފައި ވެއެވެ. އޭގެފަހުން 1971ގައި އެ ޤައުމަށް އިންޤިލާބެއް ގެނެވުނެވެ. އަދި 1992އާއި 1997އާ ދެމެދުގައި އެ ޤައުމަށް ފަސް އިންޤިލާބެއް ގެނައުމަށް މަސައްކަތްކުރިއެވެ.

ގާނާއަކީ ވެސް ޢަސްކަރީ އިންޤިލާބުތަކެއް ޙިއްޞާކޮށްފައިވާ އެފްރިކާގެ ޤައުމެކެވެ. ދެ ދަހަރެއްގެ ތެރޭގައި އެ ޤައުމަށް އަށް އިންޤިލާބު ގެނެސްފައި ވެއެވެ. އެންމެ ފުރަތަމަ ގެނައި އިންޤިލާބު ގެނެވިފައި ވަނީ 1966ގައި ރައީސް ކުއާމީ ނެކްރޫމާއާ ދެކޮޅަށެވެ.
2020ގައި މާލީއަށް އިންޤިލާބެއް ގެނެވުނެވެ. އޭގެފަހުން 2021ގައި މި "އިންޤިލާބުގެ ތެރެއިން އިންޤިލާބެއް" ގެނެވުނެވެ.

މި އަހަރު އިންޤިލާބު ދެކެފައިވާ ޤައުމުތަކުގެ ތެރޭގައި ގިނީއާއި ޗާޑު ހިމެނެއެވެ.

އެފްރިކާގެ ޤައުމެއް ކަމުގައިވާ ޔޫގެންޑާގެ އިދިކޮޅު ސިޔާސީ ބޭފުޅެއް ކަމުގައިވާ ބޮބީ ވޭން ވިދާޅުވާގޮތުގައި "ޔޫގެންޑާއާއި އެފްރިކާގެ ބައެއް ޤައުމުތަކުގައި ސަރުކާރުތަކުންނާއި ޙާކިމާއިން އެބޭބޭފުޅުންގެ ނަފްސުތައް މަތިވެރި ކުރެއްވުމަށް ޓަކައި މެނުވީ މަސައްކަތެއްޕުޅެއް ނުކުރައްވައެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުތަކުގައި ހިމެނެނީ އެބޭފުޅުންގެ ޖީބުތައް މުއްސަނދި ކުރުމެވެ." އޭނާ ވިދާޅުވިގޮތުގައި މިކަންކަން ހުއްޓުވޭނީ ޒުވާނުން ބާރުވެރި ކުރެވިގެންނެވެ. ޒުވާނުން މި ފަދަ ވެރީންނާ ދެކޮޅަށް މަގުމައްޗަށް ނުކުމެގެންނެވެ.

"2021ގެ އެފްރިކާ… ދިމުޤްރާޠިއްޔަތުގެ ނިމުން" ނަމަކަށް ކިޔާ ރިޕޯޓް ބުނާގޮތުގައި އެފްރިކާގައި އިންޤިލާބުތައް ގިނަވަމުންދާ ވަރަކަށް މި އިންޤިލާބުތަކާ ދެކޮޅު ހަދާ ރައްޔިތުންގެ އަޑުތައް ވެސް ދަނީ އިތުރުވަމުންނެވެ. އެފްރިކާ ރިޕޯޓް ނަމަކަށް ކިޔާ ވެބް ޞަފްޙާ ބުނާގޮތުގައި އެފްރިކާގައި ގެނެވޭ ބައެއް އިންޤިލާބުތައް ގެނެވެނީ ހުޅަނގުގެ ތާއީދާވެސް ލައިގެންނެވެ. ހުޅަނގުގެ މަޞްލަޙަތުތައް ރައްކައުތެރި ކުރާންވެގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *