Support Us

އެމެރިކާއާ ކުރިމަތިލުމުގައި ރަޝިޔާ ފަހަތަށް ޖެހުމެއްނެތް

ރަޝިޔާގެ ރައީސް ޕޫޓިން ހުޅަނގާ ދެކޮޅަށް ދެއްވަމުން ގެންދަވާ ޙަމަލާތައް އަދިވެސް ދަނީ އިތުރަށް ހޫނު ކުރައްވަމުން ކަމަށް ހުޅަނގުން ބުނެފިއެވެ. ރައީސް ޕޫޓިން ވިދާޅުވާ ގޮތުގައި ޔުކްރޭންގެ މަސްއަލައިގައި ހުޅަނގާ ކުރިމަތިލުމުގައި މޮސްކޯ ފަހަތަކަށް ނުޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅަނގު އެބައިމީހުންގެ ޢުދްވާނީ މަންހަޖާ އެކަހެރިނުވެއްޖެނަމަ ފަހަތަށް ނުޖެހި ރައްދުދޭން މޮސްކޯއަށް މަޖްބޫރުވާނެއެވެ.

ރައީސް ޕޫޓިން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރޫސީވިލާތުގެ ޢަސްކަރީ މަސްއޫލުވެރީންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މޮސްކޯއިން ސަލާމަތީ ޖާމިނުކަމާ ބެހޭގޮތުން ހުޅަނގަށް ހުށައަޅައިފައިވާ ހުށައެޅުންތަކަށް އަވަސް ރައްދެއް ދިނުމަށް ޕޫޓިން ގޮވައިލެއްވިއެވެ.

ހަރުކަށިކޮށް ރައްދު ދޭނަން

ޕޫޓިން މި މައުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ." ޔުކްރޭނުގައި އެމެރިކާއިން ކުރާ ކަންތައްތައް އެ ކުރަނީ އަހުރެމެންގެ އޮޅިގަނޑުމަތީގައެވެ. އަހުރެމެން ފަހަތަށް ޖެހޭނެކަމަށް ހީކުރުން ރަނގަޅެއްނުވާނެއެވެ. އަހުރެމެން ދެއަތް އުރައިލައިގެން ތިބޭނެކަމަށް އެމީހުންނަށް ހީވަނީހެއްޔެވެ؟ "ޕޫޓިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. " އަހުރެމެންގެ ހުޅަނގުގެ އެކުވެރީން ޢުދްވާނީ މަންހަޖަށް ތަބާވާނަމަ އެކަށީގެންވާ ޢަސްކަރީ ފިޔަވަޅުތަކާއި ފަންނީ ފިޔަވަޅުތައް އަހުރެމެން އަޅައިނަމެވެ. އަހުރެމެން އެ ފިޔަވަޅުތަކަށް ހަރުކަމާއެކު ރަޙްމަތްތެރިކަމެއްނެތި ރައްދު ދޭނަމެވެ."

ޕޫޓިންގެ ވާހަކަފުޅުގައި އޭނާ އަޅުއްވާނެ ކަމަށް މި ވިދާޅުވާ ފިޔަވަޅުތަކާ ބެހެގޮތުން އެއްވެސް ތަފްޞީލެއް ނުދެއްވައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނާއިބު ސަރްޖީ ރިޔަބިކޯފް އިންޒާރު ކުރައްވައިފައިވާ ގޮތުގައި ރަޝިޔާއިން ޔޫރަޕްގައި މެދުރާސްތާ މިސައިލްތައް ބަހައްޓަން ފަށާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ނޭޓޯއިން މިފަދަ ހަތިޔާރު ބަހައްޓާނަމަ ރަޝިޔާއިން ވެސް ހަމަ އެފަދަ ހަތިޔާރުތައް ބަހައްޓާނެއެވެ.

ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމަށް ހުޅަނގުން ދައްކާ ވާހަކަތަކަކީ މޮސްކޯ ބުނާގޮތުގައި އެއްވެސް އަސާސެއް ނެތް ދޮގު ތުހްމަތުތަކެކެވެ.

ރަޝިޔާއިން ހުށައަޅައިފައިވާ ސަލާމަތީ މަޝްރޫޢުގެ ދެލި ކޮޕީ ބުނާގޮތުގައި އިރުމަތީ ޔޫރަޕްގައި ނޭޓޯއިން ޢަސްކަރީ ޙަރަކާތްތައް ނުހިންގާނެކަމުގެ ޤާނޫނީ ޖާމިނުވުން މޮސްކޯއަށް ދޭންޖެހޭނެއެވެ.

ސީދާ ވާހަކަ ދެއްކުންތަކެއް ނުބޭއްވޭނެ

އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މިއަދު ވިދާޅުވިގޮތުގައި ރައީސް ބައިޑްނާ ރައީސް ޕޫޓިންގެ ސީދާ ބައްދަލުވުމެއް ބޭއްވުމާ ބެހޭގޮތުން އަދި އެއްވެސް ވިސްނުމެއް ނެތެވެ. ބްލިންކެން ނޫސްވެރީންނަށް ވިދާޅުވިގޮތުގައި ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި އެންމެ ފުރަތަމަ މަސައްކަތް ކުރެވޭނީ ޑިޕްލޮމެޓިކް ފެންވަރުގައެވެ.

ނޭޓޯ ވާހަކަދައްކަން ބޭނުން

އެހެނަސް ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓެންބަރގް ވިދާޅުވާ ގޮތުގައި ނޭޓޯއިން މި މަސައްކަތް ކުރަނީ މި އަންނަ އަހަރު ފެށޭހާ ތާނގައި ވާހަކަ ދެއްކުންތައް ބޭއްވޭތޯއެވެ. އޭނާ ވިދާޅުވިގޮތުގައި މި ވާހަކަދެއްކުންތައް ބޭއްވެން ޖެހޭނީ ޔޫރަޕްގެ ސަލާމަތާ ބެހޭ އަސާސީ އުޞޫލުތަކުގެ މަތީގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *