Support Us

ޔުކްރޭނިޔާ އުފެއްދި ނުތަނަވަސްކަން ނައްތައިލުމަށް އެމެރިކާއަށާއި ނޭޓޯއަށް ރަޝިޔާގެ ހުށައެޅުންތަކެއް

މެދުތެރޭ ޔޫރަޕާއި އިރުމަތީ ޔޫރަޕްގައި ނޭޓޯއިން ޤާއިމުކޮށްފައި ހުރި ޢަސްކަރީ ބޭސްތަކާއި ބައިތިއްބައިފާ ތިބި ސިފައިން ބޭލުމަށް ނޭޓޯއާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ ކިބައިން ރަޝިޔާ އެދިއްޖެއެވެ.މިކަމާބެހޭގޮތުން އެމެރިކާ ބުނާގޮތުގައި ވޮޝިންގްޓަނުން މިދަނީ މި ކަމާ ބެހޭގޮތުން އެމެރިކާގެ ބައިވެރީންނާއެކު މަޝްވަރާ ކުރަމުންނެވެ.

އިނގިރޭސިވިލާތުގެ ޓައިމްސް ދުވަހު ނޫސް ބުނާގޮތުގައި މޮސްކޯގެ މި އެދުންތައް އައިސްފައިވަނީ ޤާނޫނީ ދެ މުޢާހަދާއެއްގެ ދެލިކޮޕީއެއްގެ ސިފައިގައެވެ. މި ނޫސް ބުނާގޮތުގައި "މޮސްކޯއިން މި ކަން ކޮށްފައި މި ވަނީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ވަރަށް ބީރަށްޓެހި ގޮތަކަށެވެ." މި ކަމަކީ ޔޫރަޕްގެ އިއްތިޙާދާއި ހުޅަނގުގެ އެއްބާރުލުމުގެ ވުޖޫދު ހިރާސަށް ހުށައަޅައިފާނެ އިންޒާރެއްކަމަށް ވެސް މި ނޫސް ބުންޏެވެ.

މި ދެ މުޢާހަދާގެ ދެލިކޮޕީ ނޭޓޯއަށާއި އެމެރިކާއަށް ގޮވައިލަނީ ނޭޓޯ އިރުމައްޗާ ވީ ފަރާތަށް ފުޅައުކުރުން ހުއްޓައިލުމަށާއި "އަނެއް ފަރާތުގެ ޤައުމީ ސަލާމަތް ބިރުވެރިކަމަކަށް ހާސާވެދާނެފަދަ ގޮތަކަށް ސިފައިންނާއި ހަތިޔާރު ނުބެހެއްޓުމަށެވެ."

މޮސްކޯއިން މި ދެ މުޢާހަދާގައި ގޮވައިލަނީ 1997ގެ ޙާލަތު އޮތްގޮތަށް އިރުމަތީ ޔޫރަޕްގެ ޙާލަތު އަނބުރާ ގެންދިޔުމަށާއި ނޭޓޯގައި ބައިވެރިވި މި ޤައުމުތަކަށް ދީފައިވާ ނޭޓޯގެ ޙިމާޔަތް ނައްތައިލުމަށެވެ.

މި ހުށައެޅުމުގައި ވަނީ ކުރީގެ ސޮވިއެޓް ޔުނިއަންގައި ހިމެނުނު ޤައުމުތަކުގައި އެމެރިކާގެ ޢަސްކަރީ ބޭސްތައް ހެދުންހުއްޓައިލުމަށް ރަޝިޔާއިން އެމެރިކާއަށް ގޮވައިލައިފައި ވެއެވެ. ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި މި ޤައުމުތަކަކީ ލެޓްވިޔާއާއި އެސްޓޯނިޔާއާއި ލިޓްވޭނިޔާއެވެ.
މީގެ އިތުރަށް ރަޝިޔާއިން ނޭޓޯއަށާއި އެމެރިކާއަށާއި ރަޝިޔާއަށް ގޮވައިލަނީ "އަނެއް ފަރާތުގެ ބިންތަކުގައި ހުންނަ އަމާޒުތަކަށް ޙަމަލާ ދިނުމުގެ ޤާބިލުކަން ހުރި" ހަނގުރާމަމަތީ ކަނޑުމަތީ އުޅަނދުތަކާއި މަތިންދާބޯޓުތައް ފެތުރުން މަނާކުރުމަށެވެ.

ރޫސީ ނޫސް އޭޖެންސީއެއް ކަމުގައިވާ ރިއާ ނޮވޮސްޓީ ބުންޏެވެ. "1997ގެ ފަހުން ނޭޓޯގައި ބައިވެރި އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގައި ނޭޓޯގެ ޤައުމުތަކުންނާއި އެމެރިކާއިން ސިފައިންނާއި ހަތިޔާރު މަރްކަޒުކޮށްގެން ނުވާނެއެވެ. ޚާއްޞަ ޙާލަތެއްގައި ރަޝިޔާގެ ހުއްދަލިބިގެން މެނުވީއެވެ."
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގީ ރިބަބިކޯފް ވިދާޅުވާގޮތުގައި ނޭޓޯއާ ހުޅަނގާ އެކުގައިވާ ގުޅުންތައް މިހާރު ވަނީ ވަރަށް ނުރައްކާތެރި ނުކުތާއަކާ ހަމައަށް ގޮސްފައެވެ. "އެމެރިކާއާއެކު މި ކަމާ ބެހޭގޮތުން ވާހަކަ ދައްކަން މޮސްކޯ އެދޭކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މި ތިބީ އެމެރިކާއާއެކު ވަގުތުން ވާހަކަދެއްކުންތައް ފަށަން ތައްޔާރަށެވެ."

ނޭޓޯއާއި އެމެރިކާގެ ރައްދު

ރަޝިޔާގެ ހުށައެޅުންތަކަށް ޖަވާބުދެމުން ވައިޓްހައުސުން ހާމަކުރި ގޮތުގައި އެމެރިކާއިން މިހާރު ދަނީ އެމެރިކާގެ ބައިވެރީންނާއެކު މި ހުށައެޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ. ވައިޓްހައުސުން ބުންޏެވެ. "ޔޫރަޕްގެ އަމްނު އޭގެމަތީގައި ޤާއިމުކުރެވިފައިވާ އަސާސީ އުޞޫލުތަކުން ގެއްލުމެއް ނުލިބޭނެއެވެ."

އެމެރިކާގެ އިދާރިއްޔަތުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވި ގޮތުގައި ރަޝިޔާގެ ހުށައެޅުންތަކާމެދު ވާހަކަ ދައްކަން އެމެރިކާ އޮތީ ތައްޔާރަށެވެ. އެހެނަސް އޭނާ ވިދާޅުވިއެވެ. "އެ ހުށައެޅުންތަކުގައި ހުރި ހުރިހާ ކަމެއް އަހުރެމެން ޤަބޫލު ނުކުރާނެކަން ރަޝިޔާއަށް ވެސް އެނގޭނެއެވެ." އޭނާ ރޮއިޓަރޒަށް ނަން ހާމަނުކުރުން ޝަރްޠުކުރައްވައި ވިދާޅުވިއެވެ. "ވާހަދެއްކުންތައް ބޭއްވުމަށް ހަމަޖެހޭ ގިއުގަނޑާ ބެހޭގޮތުން ދެތިން ދުވަހުގެ ތެރޭގައި ވޮޝިންގްޓަނުން މޮސްކޯއަށް ރައްދު ދޭނެއެވެ."

ނޭޓޯއިން ބުނި ގޮތުގައި ޔޫރަޕްގެ އަމްނާބެހޭ މޮސްކޯގެ މި ހުށައެޅުން އޮތީ އެނގިފައެވެ. ނޭޓޯއިން ބުންޏެވެ. "ނޭޓޯގެ ސަލާމަތާ ބެހޭ މިހާރުގެ ޙާލަތު މި ދަނީ އަގުކޮށް ބަލަމުންނެވެ."

ނޭޓޯއިން އަޑަށް ވަރަށް ބާރުލައިފައި ބުންޏެވެ. "އަހުރެމެންގެ ސަލާމަތީ ވެށްޓަށް ގެއްލުމެއް ލިބިދާނެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ނޭޓޯގެ ބައިވެރީންގެ އަމްނަށާއި ދިފާޢު ޖާމިނުކޮށް ދިނުމަށް ޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ނޭޓޯއިން އަޅާނެއެވެ."

ނޭޓޯގެ އިސް މަސްއޫލުވެރީންތަކަކާ ޙަވާދީ ރޮއިޓަރޒް ބުންޏެވެ. "ނޭޓޯ ފުޅައު ކުރުމުގެ މަސްއަލައިގައި ރަޝިޔާއަށް ވީޓޯއެއް ނުކުރެވޭނެއެވެ. ޢަސްކަރީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ޙައްޤު ނޭޓޯއަށް އަބަދު ވެސް ލިބިގެން ވެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *