...

Support Us

ލޭޒަރު ހަތިޔާރު އެޅި ހަނގުރާމަމަތީ ޑްރޯނެއް ތުރްކީން ތަޖްރިބާކޮށްފި

ތުރްކީގެ ޢަސްކަރީ މޭސްތިރީން ލޭޒަރު ހަތިޔާރުއެޅި ހަނގުރާމަމަތީ ޑްރޯނެއް ތަޖްރިބާކޮށްފިއެވެ. މިއީ ދުނިޔޭގައި އުފެއްދި މި ބާވަތުގެ ފުރަތަމަ ޑްރޯން ކަމަށް މީޑިޔާތަކުން ބުނެއެވެ. މި ޑްރޯނުގެ ނަމަކީ "އިރީން" އެވެ. މި ޑްރޯނުގެ ފިޔަގަނޑު ހަދައިފައި ވަނީ ވަށައިގެން އެނބުރޭ ގޮތަށެވެ. މި ކަމުގެ ސަބަބުން އޭތީގެ އަމާޒުފަތްގަނޑު މަތީގައި ދިގު މުއްދަތަކަށް ހޯރައަޅައިގެން އޮވެވޭނެއެވެ. މި ޑްރޯނަށް ތިން ހާސް މީޓަރު މަތީގައި އުދުހެވޭނެއެވެ.

ތުރްކީން ބުނާގޮތުގައި މި ޑްރޯން އުފައްދައިފައިވަނީ ތުރްކީގެ ސައެންސީ ބަޙުސާއި ފަންނިއްޔާތު މުއައްސަސާ (ޓޮޕިޓެކް) އާއި ތުރްކީގެ އިލެކްޓްރޯނިކާއި މަޢުލޫމާތުގެ ނިޒާމުތަކާ ބެހޭ "އަސީސް ޖާރިދު" ކުންފުންޏާ ގުޅިގެންނެވެ. މި ދެ ފަރާތް ގުޅިގެން މި މަސައްކަތްކޮށްފައި ވަނީ ތުރްކީގެ އަމްނާބެހޭ ޢާންމު އިދާރާގެ ބެލުމުގެ ދަށުންނެވެ.

މި ޑްރޯންގެ އަޖުމަބެލިއިރު 100 މީޓަރާއި 500 މީޓަރު ދުރުން އަމާޒަށް ޙަމަލާދީ ތިން މިއްލިމީޓަރުގެ ދިގު ހުރަހެއް ލިބިފައިވާ އެކަތަގަނޑެއް ފޫއަޅުވައިލައި އޭގައި ލޯވަޅެއް އެޅިއެވެ. އެއަށް 500 މީޓަރު ދުރުން މި ކަން ކުރެވިފައިވަނީ 90 ސިކުންތުންނެވެ. އަދި 300 މީޓަރު ދުރުން ކުރެވިފައިވަނީ 30 ސިކުންތުންނެވެ. އަދި ހަމަ 100 މީޓަރު ދުރުން މި މަސައްކަތް 10 ސިކުންތުގެ ތެރޭގައި ކޮށްލައިފައި ވެއެވެ.

މި ޑްރޯންގެ ހުރިހާ ފިޔަވަހިތަކެއް ނިމުމުން ތުރްކީ ޢަސްކަރިއްޔާގެ ޚިދްމަތަށް މި އައު ހަތިޔާރު ނެރެވޭނެއެވެ.

ތުރްކީގެ ސަލާމަތީ އިދާރާގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި މިއީ އެނބުރޭ ފިޔަގަނޑުލީ ޑްރޯނެއްގައި ލޭޒަރު ހަތިޔާރު ބޭނުން ކުރެވުނު ފުރަތަމަ ފަހަރެވެ. އޭނާ ވިދާޅުވިގޮތުގައި އިރީން ޑްރޯން ބޭނުންކުރެވޭނީ ހަނގުރާމައިގެ މައިދާނުގައި ޢަސްކަރީ ވަޒަންތަކާއި ބޮންތައް ކުދިކުދިކޮށް ފުނޑުފުނޑުކޮށްލުމަށެވެ. މި ޑްރޯންގެ ސަބަބުން އިންސާނީ ގެއްލުން ކުޑަވެގެންދާނެއެވެ. ބޮންތަކާއި މައިންތައް ހޯދައި ނެގުމަށް އިންސާނުން ފޮނުވުމުގެ ބަދަލުގައި އިރީން ޑްރޯނަށް މި މަސައްކަތް ކުރެވޭނެއެވެ.

ތުރްކީން އުފައްދާ ހަނގުރާމަމަތީ ޑްރޯން ވަނީ ވަރަށް ކާމިޔާބު ގޮތެއްގައި ލީބިޔާގެ ހަނގުރާމައިގައްޔާއި ސޫރިޔާގެ އިދްލިބުގައްޔާއި އަރްމީނިޔާއާއި އަޒަރުބައިޖާނާ ދެމެދުގައި ނަގަރުނޯ ކަރްބާޚު ހަނގުރާމައިގައި ބޭނުންކުރެވި އޭގެ ކާމިޔާބުކަން ދުނިޔެއަށް ފެނިފައެވެ.

އަޑަށްވުރެ ބާރަށް ދަތުރުކުރާ ޑްރޯން އުފެއްދުމުގެ މަޝްރޫޢެއް ވެސް ތުރްކީން ފަށައިފައިވާ ކަމަށް އަނާޟޫލު ނޫސް އޭޖެންސީން ބުނެއެވެ. މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ ހަނގުރަމަމަތީ މަތިންދާބޯޓުގެ މައިދާނަށް ވަރަށް ބޮޑު އިންޤިލާބެއް އަންނާނެއެވެ.

ކަނޑަށް ބަލާއިރު މި އަހަރުގެ ކުރީކޮޅު ތުރްކީން ވަނީ ނެއްވަކާނުލައި ދަތުރުކުރާ ހަނގުރާމަމަތީ ލޯންޗެއް ތަޖްރިބާކޮށްފައެވެ. މި ލޯންޗުގެ ނަމަކީ "އުލާޤު" އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *