ސުޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން ރޭ ޤަޠަރަށް ވަޑައިގެންފިއެވެ.މިއީ ރިޔާޟާއި ދައުޙާ ސުލްޙަވުމަށްފަހު އޭނާ ދައުޙާއަށް ކުރައްވާ ފުރަތަ ދަތުރުފުޅެވެ.
ބިން ސަލްމާނަށް ދައުޙާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ބިން ޙަމަދު އާލުސާނީއެވެ.
ބިން ސަލްމާނުގެ މި ދަތުރުފުޅަކީ ސުޢޫދީ ޢަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފް ސަމިޓަށް ދަޢުވަތު އެރުވުމަށް ޓަކައި ކުރައްވާ ދަތުރުފުޅެކެވެ. ބިން ސަލްމާން މި ދަޢުވަތު ހިއްޕަވައިގެން ހޯމަދުވަހު ވަޑައިގެންނެވީ ޢުމާނަށެވެ. އެއަށްފަހު އަންގާރަ ދުވަހު ވަޑައިގެންނެވީ އަބޫ ޡަބްއިއަށެވެ.
ޤަޠަރާއި ސުޢޫދީ ޢަރަބިއްޔާ ޞުލްޙަވެ ރަޙްމަތްތެރިކަން އައު ކުރެވުނީ ސުޢޫދީ ޢަރަބިއްޔާގެ އަލްޢުލާ ސަހަރުގައި ބޭއްވުނު ގަލްފުގެ 41ވަނަ ސަމިޓްގައެވެ. ސުޢޫދީން 2017ވަނަ އަހަރު ޤަޠަރާ ގުޅުން ކަނޑައިލުމުން ގަލްފު ސަރަޙައްދު ވަރަށް ބޮޑަށް ގަޑުބަޑުވެގެން ދިޔައެވެ.
ގަލްފުގެ އެއްބާރުލުމުގެ މަޖްލިސް ޤާއިމު ކުރެވުނީ 1981ވަނަ އަހަރުއެވެ. މި މަޖިލީހުގެ މެންބަރުންނަކީ ސުޢޫދީ ޢަރަބިއްޔާއާއި ޤަޠަރާއި އިމާރާތާއި ބަޙްރައިނާއި ކުވައިތާއި ޢުމާނެވެ.
ގަލްފުގެ ސަމިޓް ބޭއްވުމަށް ހަމަޖެހެމުންދަނީ މި މަހުގެ 14ވަނަ ދުވަހުގައި ކަމަށް އެނގިފައި ވެއެވެ.



advertisment