މި އަންނަ އަހަރުގެ މާރިޗުމަހުގައި ޖަޒާއިރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢަރަބި ސަމިޓް ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް ޓަކައި ޖަޒާއިރުން މަސައްކަތް ފަށައިފިއެވެ. މި ސަމިޓްގައި ޢަރަބި ޤައުމުތަކުގެ ޒަޢީމުން ޝަޚްޞީގޮތުން ބައިވެރިވެ ވަޑައިގަތުމަކީ މުހިއްމު ކަމެއްކަމަށް ޖަޒާއިރުން ބުނެއެވެ.
ޖަޒާއިރުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި މި ސަމިޓްގައި ސުޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ނުވަތަ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނާއި އިމާރާތުގެ ވަލީޢަހްދު މުޙައްމަދު ބިން ޒާއިދާއި މިޞްރުގެ ރައީސް އަބްދުލް ފައްތާޙުއް ސީސީ ބައިވެރިވެ ވަޑައިގަތުން ވަރަށް މުހިއްމެވެ. މި ތިން ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައިފިނަމަ މި ބޭބޭފުޅުންގެ ފޭލިގެތަކުގެ ދަށުގައި އޮންނަ ޤައުމުތައް މި ސަމިޓްގައި ބައިވެރިވާނެކަމުގެ ޖާމިނުވުން ލިބޭނެއެވެ.
ބައިވެރިވާނެކަމުގެ ޔަޤީންކަން އޮތް ޤައުމުތައް
ޖަޒާއިރާ އެ ޤައުމުތަކާ ދެމެދުގައިވާ ރަނގަޅު ބަދަހި ގުޅުމަށް ބަލާއިރު މި ސަމިޓްގައި ބައިވެރިވާނެކަމުގެ ޔަޤީންކަން އޮތް ޤައުމުތަކަކީ ތޫނިސްގެ ރައީސް ޤައިސް ސުޢައްޔިދާއި މޮރިޓޭނިޔާގެ ރައީސް މުޙައްމަދު ވިލްދު އަލް ޣަޒްވާނީއާއި ލުބްނާނުގެ ރައީސް މިޝޭލް ޢައުނެވެ. މި ބޭބޭފުޅުންގެ އިތުރަށް ޢިރާޤުގެ ރައީސް ބުރްހުމު ޞާލިޙާއި ޤަޠަރުގެ އަމީރު ޝައިޚު ތަމީމާއި ބިން ޙަމަދާއި ޢުމާނުގެ ސުލްޠާނު ހައިޘަމު ބިން ޠާރިޤާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ސުޢޫދިޔާ ޙާޒިރުވުން ވަރަށް މުހިއްމު
މީޑިޔާތައް ބުނާގޮތުގައި ޖަޒާއިރު ސަމިޓަށް ސުޢޫދީ ޢަރަބިއްޔާ ޙާޒިރު ކުރުވުން ޖަޒާއިރަށް މާ ބުރަކަމަކަށް ނުވާނެއެވެ. ޖަޒާއިރު ދެކޭގޮތުގައި މި ސަމިޓުން ނިންމަން ޖެހޭ ވަރަށް ގިނައެވެ.
ދާރިސުން ވިދާޅުވާގޮތުގައި ސުޢޫދީ ނޫސްވެރިޔާ ޚަޝްޤަޖީގެ މަރުގެ މަސްއަލައިގައި ޖަޒާއިރުން ގެންގުޅުނު އަދި މިހާރުވެސް ގެންގުޅޭ ސިޔާސަތުގެ ސަބަބުން ސުޢޫދީ ވަލީޢަހްދު ބިން ސަލްމާން ޖަޒާއިރުގެ އެދުންތަކަށް އިޖާބަ ދެއްވާނެއެވެ. ޚަޝްޤަޖީގެ މަސްއަލައިގައި އެ ދުވަސްވަރު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ރިޔާޟު ވަނީ ކޮންމެވެސްވަރަކަށް އެކަނިވެރިވެފައެވެ. މި މަސްއަލައިގައި ޖަޒާއިރުން ވަނީ ބިން ސަލްމާނަށް ތާއީދުކޮށްފައެވެ. ޖަޒާއިރުގެ ބައެއް ސިޔާސީ ޕާޓީތަކާއި އިންސާނީ ޙައްޤުތަކާބެހޭ ޖަމްޢިއްޔާތަކުން ޚަޝްޤަޖީގެ މަސްއަލައިގައި ސުޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް މުޒާހަރާތައް ބޭއްވިނަމަވެސް ޖަޒާއިރުން ވަނީ ބިން ސަލްމާނަށް މަރްޙަބާ ދަންނަވައިފައެވެ. ބިން ސަލްމާން 2018ވަނަ އަހަރުގެ ޖަނަވަރީގައި ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ޖަޒާއިރަށް ކުރެއްވި ދަތުރުފުޅުކަން ފާހަގަ ކުރެވެއެވެ.
މީގެ އިތުރަށް ސުޢޫދިޔާއަކީ މަޣްރިބާ ޖަޒާއިރުގެ އަރާރުމުގައި އަސާގެ މެދުގައި ހިފައިގެން އޮތް ޤައުމެކެވެ. އެ ދެ ޤައުމު ޞުލްޙަކުރުމަށް ޓަކައި ރިޔާޟުން މުހިއްމު ދައުރެއް ވަނީ ކުޅެފައެވެ. އަދި މިހާރުވެސް ދަނީ ކުޅެމުންނެވެ.
މިޞްރު މުހިއްމު ވަނީ ކީއްވެ
ޖަޒާއިރު ދެކޭގޮތުގައި މި ސަމިޓްގައި ރައީސް ސީސީ ބައިވެރިވެވަޑައިގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ފުރަތަމަ ސަބަބަކީ ޢަރަބިލީގުގެ މައި މަރްކަޒު ޤާހިރާގައި ހުންނާތީއެވެ. މި ޖަމްޢިއްޔާގެ އަމީން ޢާންމަކީ މިޞްރު ބޭފުޅެއްކަމުގައި ވާން ޖެހޭތީ އެ މަޤާމު ފުރުއްވަމުން ވަޑައިގެންފައި ވަނީ މިޞްރު ބޭފުޅުންނެވެ.
ޖަޒާއިރު ދެކޭގޮތުގައި މިޞްރުގެ ރައީސް މުޙައްމަދު މުރްސީއާ ދެކޮޅަށް ގެނެވުނު އިންޤިލާބާ ވިދިގެން މިޞްރު އެފްރިކާގެ އެއްބައިވަންތަކަމުގެ އިއްތިޙާދުން 2013ގައި ބޭރަށް ލެވުމުން އެ އިއްތިޙާދަށް މިޞްރު އަނބުރާ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ޖަޒާއިރުންނެވެ. އެހެންކަމުން ރައީސް ސީސީއަކީ ޖަޒާއިރުގެ މި ހެޔޮކަމަށް ރައްދުދޭން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ.
އދގެ މިއަހަރުގެ ޢާންމު ޖަމްޢިއްޔާގެ ބައްދަލުވުންތަކުގެ ތެރޭގައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ވަނީ ޖަޒާއިރުގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމަށްފަހު މި ދެބޭފުޅުން ހާމަކުރެއްވި ގޮތުގައި ސަރަޙައްދީ ގިނަ މަސްއަލަތަކުގައި އެ ދެ ޤައުމުގެ ޚިޔާލު އެއްގޮތެވެ. އޭގެތެރޭގައި ލީބިޔާ މަސްއަލަ ހިމެނެއެވެ. ލީބިޔާގެ މަސްއަލައިގައި މިޞްރަކީ ޖެނެރަލް ޙަފްތަރަށް ތާއީދު ކުރާ ޤައުމެކެވެ. ޖަޒާއިރުން ތާއީދު ކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގެންފައިވާ ލީބިޔާގެ ޤައުމީ ސަރުކާރަށެވެ.
ސޫރިޔާ ގޮންޖެހުމެއް
ސޫރިޔާއަކީ އެ ޤައުމުގައި ހިނގަމުންދާ އަހްލީ ހަނގުރަމަޔާ ހެދި ޢަރަބިލީގުން އެ ޤައުމުގެ މެންބަރުކަން ގަޑުކޮށްފައިވާ ޤައުމެކެވެ. ޖަޒާއިރުގެ ސަމިޓްގައި ސޫރިޔާ ބައިވެރި ކުރުމަށް ޓަކައި މި "ގަނޑުކުރުން" އުވައިލެވެން ޖެހޭނެއެވެ. ޖަޒާއިރު ބުނާގޮތުގައި މި އަންނަ އަހަރުގެ މާރިޗުގެ ކުރިން މި މަސްއަލަ ޙައްލު ކުރެވޭތޯ ޖަޒާއިރުން މަސައްކަތް ކުރާނެއެވެ. މި މަސްއަލައިގައި ޖަޒާއިރުން ދަނީ ބައެއް ޢަރަބި ޤައުމުތަކާއެކު މަޝްވަރާކުރަމުންނެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި މި ކަމާ ބެހޭގޮތުން ޖަޒާއިރުން ދަނީ ޢިރާޤާއި އިމާރާތާއި ލުބްނާނާއެކު ވިލަރެސްކުރަމުންނެވެ. މިދާކަށް ދުވަހު އިމާރާތުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝައިޚު ޠަޙްނޫން ބިން ޒާއިދު ވަނީ ދިމަޝްޤަށް ދަތުރުފުޅެއް ކުރައްވައިފައެވެ. މި ކަމުގެ ސަބަބުން ރަނގަޅު ނަތީޖާއަކާ ހަމައަށް ދެވިދާނެ ކަމަށް ޖަޒާއިރު އުންމީދު ކުރެއެވެ. ޖަޒާއިރުގެ ޚާރިޖީ ވަޒީރު ވިދާޅުވާ ގޮތުގައި ޢަރަބީން އެއްގަލަކަށް އަރަންވީ ވަގުތު އަތުވެއްޖެއެވެ.
ފަލަސްޠީނު ސަމިޓް
މުޙައްލިލުން ވިދާޅުވާ ގޮތުގައި މި އަންނަ ޢަރަބި ސަމިޓަށް "އިސްރާއީލާއެކު ގުޅުންތައް ޠަބީޢީކުރުމުގެ މައްސަލަ" ހުށައަޅަން ޖަޒާއިރުން ގަސްތު ކުރެއެވެ. މަޣްރިބާ އިސްރާއީލުން ގުޅުންތައް ޠަބީޢީ ކުރުމުގެ ސަބަބުން މަޣްރިބާ ޖަޒާއިރުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ނުބައި ވެފައެވެ.ޖަޒާއިރަށް މިހާރު ވަޑައިގެން އުޅުއްވާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާއެކު މި މަސްއަލައާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލު ކުރައްވައިފައެވެ. މި މަސްއަލަ ސަމިޓަށް އެޖެންޑާ ކުރަން ރައީސް ޢައްބާސަށް ފެނިވަޑައިގަންނަވާތޯ ރައީސް ތައްބޫން ބައްލަވާނެއެވެ. ރައީސް ޢައްބާސް މި މަސްއަލައިގައި ހުންނެވީ ވަކި ގޮތެއް ކަނޑައަޅުއްވަން ދަތިފުޅުވެފައެވެ. އެއީ މަޣްރިބާއި އިމާރާތް ފަދަ ފަލަސްޠީނަށް މުހިއްމު ދެ ޤައުމެއް ފަލަސްޠީނުދެކެ ރުޅި އަތުވެދާނެތީ ޢައްބާސް ކަންބޮޑުވެ ވަޑައިގަންނަވައެވެ. މި ދެ ޤައުމަކީ ފަލަސްޠީނު ސަރުކާރަށް އެހީވާ މުހިއްމު ދެ ޤައުމެވެ.
މާލީ ދަތިކަމެއްގެ ތެރޭގައި ދެމިއޮތް ފަލަސްޠީނަށް އިމާރާތުން މާލީ ބޮޑެތި އެހީތަކެއް ލިބެއެވެ. މަޣްރިބަށް ބަލާއިރު ޤުދްސުގެ ބައިތުމާލާ ބެހޭ ކޮމެޓީގެ ރިޔާސަތު ބަލަހައްޓަނީ މަޣްރިބުންނެވެ.
ޖަޒާއިރުގެ ރައީސް ޢަބްދުލްޙަމީދު ތައްބޫން ތަކްރާރުކޮށް ވިދާޅުވާ ގޮތުގައި ޖަޒާއިރު ސަމިޓްގެ އަމާޒަކީ ބައިބައިވެފައިވާ ޢަރަބީން އެއްގަލަކަށް އެރުވުމެވެ. އަދި ފަލަސްޠީނު މަސްއަލައިގެ މިސްރާބު ރަނގަޅުކުރުމަށް ޓަކައި ސަމުގާ ރަނގަޅު ކުރުމެވެ.
ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލް މާލިމީ ފަލަސްޠީނުގެ ރޭޑިއޯއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ރައީސް ޢައްބާސް ޖަޒާއިރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މަޤްޞަދަކީ ފަލަސްޠީނު މަސްއަލައަށް އަންނަމުންދާ ތަރައްޤީތަކާ ބެހޭގޮތުން ވިލަރެސް ކުރެއްވުމެވެ.
ޖަޒާއިރުގެ އަމާޒު
ޖަޒާއިރުން މަސައްކަތް ކުރަމުން ދަނީ އެ ޤައުމުގެ ސިޔާސީ ދައުރު އަލުން ދިރުވައި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިސް ދައުރެއް އަދާކުރުމެވެ. ކުރީގެ ރައީސް ޢަބްދުލްޢަޒީޒު ބޫ ތަފްލީޤާގެ ވެރިކަމުގައި އޭނާ ދިގު މުއްދަތަކަށް އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ޖަޒާއިރު ވަނީ ޚާރިޖީ ސިޔާސަތުގައި ދުވެލި މަޑުވެފައެވެ. ޖަޒާއިރުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ޢަބްދުލް ޙަމީދު ޙަރަކާތު ވިދާޅުވާގޮތުގައި އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުންފަދަ މަސްއަލަތަކުގައި ޖަޒާއިރުން ގެންގުޅޭ ސިޔާސަތަށް ތާއީދު ހޯދާން ރައީސް ތައްބޫން ބޭނުންފުޅުވެއެވެ. އެފްރިކާގެ އިއްތިޙާދުން އިސްރާއީލަށް ދިން މުރާޤިބުކަން (އޮބްޒަރވަރުކަން) އުވާލެވުނީ ޖަޒާއިރުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ.
ޖަޒާއިރު ބޭނުންވަނީ ބައިރޫތު ސަމިޓްގައި 2002ގައި ފާސްކޮށްފައިވާ ޢަރަބި އިސްނެގުން އަލުން ދިރުވާށެވެ. މިއީ ޢަބްދުﷲ ރަސްގެފާނު ހުށައެޅުއްވި އިސްނެގުމެކެވެ. މި އިސްނެގުން ގޮވައިލަނީ "ޞުލްޙައަށް ޓަކައިބިން" ދޫކޮށްލައި ފަލަސްޠީނުގެ ބިމުގައި އިސްރާއީލާއެކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް ސުލްޙަވެރިކަމާއެކު އެ ދެ ދައުލަތް އެ ބިމުގައި އޮތުމަށެވެ.



advertisment