Support Us

ޔުކްރޭނަށް ޙަމަލާދިނުމަށް ރަޝިޔާ ތައްޔާރުވަނީ

ރަޝިޔާއިން ޔުކްރޭނަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ދުވަހު ނޫސް ބުނެފިއެވެ. މި ނޫސް ބުނާގޮތުގައި މި ޙަމަލާގައި ރަޝިޔާގެ 175 ހާސް ސިފައިން ބައިވެރިވާނެއެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ މި ނޫސް ބުނިގޮތުގައި މޮސްކޯއިން ތައްޔާރުވަމުން ދަނީ ފަންނީ ފައުޖުތައް ހިމެނޭ ގޮތަށް ސަތޭކަ ބެޓޭލިއަން މި ޙަމަލާއަށް ނެރުމަށެވެ. މަދުވެގެން 175 ހާސް ސިފައިންނާއެކު ޓޭންކާއި ބޮޑުބަޑިއާއި ޢަސްކަރީ އެހެނިހެން ހަތިޔާރުތަކާއި އާލަތްތައް ޙަމަލާގައި ބައިވެރިވާނެ ކަމަށް އެމެރިކާގެ މި މަސްއޫލުވެރިއާ ވިދާޅުވިއެވެ.

ނަން ހާމަނުކުރަން ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އޭނާ ހާމަކުރެއްވި ގޮތުގައި ރޫސީ ސިފައިން ހަތަރު ހިސާބެއްގައި ރުކުވައިލެވޭނެއެވެ. މިއިން ކޮންމެ ހިސާބަކަށް ހަނގުރާމަވެރި ފަންނީ 50 ފައުޖު ހިމެނޭނެއެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި ޕެންޓަގަނުން މިކަމާ ބެހޭގޮތުން ކޮމެންޓެއް ކުރުމާ ވަނީ ދެކޮޅު ހަދައިފައެވެ. އެހެނަސް ޕެންޓަގަން ބުންޏެވެ. "ރަޝިޔާއިން ޔުކްރޭނަށް ޢުދްވާނީ ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާތީ ވޮޝިންގްޓަން އެކަމާ ވަރަށް ކަންބޮޑުވެއެވެ." ޕެންޓަގަންގެ ތަރްޖަމާނު ލެފްޓްނެންޓް ކަރނަލް ޓޯނީ ސިމެލްރޯތު ވިދާޅުވިއެވެ. "އެ ސަރަޙައްދުގެ ނުތަނަވަސްކަން ކުޑަކުރެވޭތޯ އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ޔުކްރޭންގެ އިރުމަތީ ސަރަޙައްދުގެ މަސްއަލައަށް ޑިޕްލޮމެޓިކް ޙައްލެއް ހޯދައިދެވޭތޯ ވޮޝިންގްޓަން ދަނީ މަސައްކަތް ކުރަމުންނެވެ."

ޔުކްރޭންގެ ޖަސްޓިސް މިނިސްޓަރ އޮލިކްސީޗު ރިޒްނިކޯފް ޔުކްރޭންގެ ބަރްލަމާނުގައި ވާހަކަފުޅު ދައްކަވަމުން ހާމަކުރެއްވި ގޮތުގައި ޖާސޫސީ މަޢުލޫމާތުތައް ބުނާގޮތުގައި އެންމެ ބޮޑަށް ލަފާކުރެވޭ ގޮތުގައި ރަޝިޔާއިން މި ޙަމަލާ ދޭނީ ޖަނަވަރީ 2022 ގެ ފަހުކޮޅުގައެވެ. ރިޒްނިކޯފު ވިދާޅުވިގޮތުގައި ރަޝިޔާއިން ދޭނެކަމަށް ބެލެވޭ ޙަމަލާގައި ލައްކައެއްހާ ސިފައިން ބައިވެރިވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި މަސައްކަތް ކުރަނީ އެ ކަން ނުހިނގޭނެ ގޮތަކަށް މަސްރަޙު ހިހޫ ކުރެވޭތޯއެވެ." އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ދަނީ ޔުކްރޭން ސަރަޙައްދު ކައިރީގައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވަމުންނެވެ.

އެމެރިކާ ރަޝިޔާ ވާހަކަދެއްކުންތައް

އެމެރިކާއިން ރަޝިޔާއަށް ފިއްތުންތައް އިތުރުކޮށްގެން މިފަދަ ހާމަލާއަކާ ދުރަށް މޮސްކޯ ލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ދިޔަ ހުކުރު ދުވަހު ރައީސް ބައިޑްން ވިދާޅުވިގޮތުގައި "ޙަމަލާއެއް ދެވިއްޖެނަމަ ޔުކްރޭން ދިފާޢުކޮށްދިނުމަށް އެމެރިކާއިން ދަނީ އިސްނެގުމެއް ނަގަމުންނެވެ."

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ރޫސީ ޚާރިޖީ ވަޒީރު ލެވްރޯފާ ސްޓޮކްހޯލްމްގައި ބައްދަލު ކުރައްވައި ރަޝިޔާގެ ރޭވުންތަކާމެދު އެމެރިކާ ކަންބޮޑުވާކަމަށް ވަނީ ދަންނަވައިފައެވެ. ބްލިންކެން އިންޒާރު ކުރެއްވިގޮތުގައި ކުރިމަތިލުމުގެ މައިދާނުގައި މޮސްކޯ ކުރިއަށްދާނަމަ ހިތި ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެއެވެ. އޭނާ އިންޒާރު ކުރެއްވި ގޮތުގައި މޮސްކޯއާ ދެކޮޅަށް އިޤްތިޞާދީ މައިދާނުގައި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެއެވެ.

ރަޝިޔާ މައިތިރި ކުރެވޭވަރުގެ ހަރުކަށި ފިޔަވަޅެއް ރަޝިޔާއާ ދެކޮޅަށް އެޅުމަށް ޔުކްރޭނުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށާއި ނޭޓޯއަށް ދަނީ ގޮވައިލަމުންނެވެ. ރޮއިޓަރޒް ބުނާގޮތުގައި ކިއީފުން ދަނީ ރަޝިޔާއަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ. މިއީ ކިއީފު އެކަމާ ދެކޮޅު ހަދާ ތުހްމަތެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް