...

Support Us

ނިޔުކްލިއަރ ވާހަކަދެއްކުންތަކުގެ ފެށުން އުންމީދީ ކަމަށް ސިފަކުރެވޭ

އީރާނުގެ ނިޔުކްލިއަރ ފައިލާ ގޮތުން ބޭއްވެމުންދިޔަ ވާހަކަދެއްކުންތައް ފަސް މަސްވާންދެން މެދުކެނޑިފައި އޮތުމަށްފަހު އިއްޔެ އަލުން ވިއެނާގައި ފެށިއްޖެއެވެ. ފުރަތަމަ ޖަލްސާއަށްފަހު ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި ރަޝިޔާއާއި އިރާނުގެ ޑިޕްލޮމެޓުން ސިފަކުރެއްވިގޮތުގައި ފެށުން އުންމީދީއެވެ. މިއީ އީރާނާއެކު އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރްމަނާއި ރަޝިޔާއާއި ޗައިނާއާއި އެމެރިކާ 2015ގައި ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުން ބޭއްވޭ ވާހަކަދެއްކުންތަކެކެވެ. ދެހާސް އަށާރައގައި ރައީސް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ މި އެއްބަސްވުމުން ވަކިވުމުން އީރާނުން ވަނީ މި ކަމާހެދި ރުޅި އައިސްފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ އެހެނިހެން ޤައުމުތައް ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރޮއިޓަރޒް ބުނާގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވި ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި އީރާނާއި ރަޝިޔާއިން އިއްޔެގެ ޖަލްސާއަށްފަހު ނޫސްވެރީންނަށް ހާމަކުރިގޮތުގައި ފެށުން އުންމީދީއެވެ. އެމެރިކާއާއެކު ސީދާ ވާހަކަދެއްކުންތައް ބާއްވަން އިރާނުން ބޭނުން ނުވާތީ މި ޖަލްސާއަށް އެމެރިކާ ޙާޒިރެއް ނުވެއެވެ.

ޔޫރަޕްގެ އިއްތިޙާދުގެ މަސްއޫލުވެރިޔާ އެންރީކޭ މޯރާ ވިދާޅުވިގޮތުގައި ވިއެނާގައި އިއްޔެ ބޭއްވުނު ޖަލްސާއިން އީރާނު މި ކަމުގައި ސަމާސާ ކަނޑައިގެން ވާހަކަދެއްކުންތައް ކުރިއަށް ގެންދާން ބޭނުންވާކަން އެނގުނެވެ. ހުރިހާ ބައިވެރީން ވެސް މި ބައްދަލުވުން އުންމީދީ ކަމަށް ބުނެއެވެ.

މޯރާ ނޫސްވެރީންނަށް ހާމަކުރެއްވިގޮތުގައި އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޠަހަރާނުން އެދުނެވެ.އޭނާ ވިދާޅުވިގޮތުގައި ކުރީން ބޭއްވުނު ވާހަކަދެއްކުމުގެ ހަ ބުރުގެ ނަތީޖާއާ އީރާނުން ދެކޮޅެއް ނަހަދައެވެ. މި ހަ ބުރުގެ ނަތީޖާއަކީ ކުރިމަގުގެ މަސައްކަތް އޭގެމަތީގައި ބިނާކުރުމަށް ލިބިފައިވާ ރަނގަޅު އަސާސެއްކަމަށް ހުރިހާ ފަރާތްތަކެއް ވެސް އެއްބަސްވިއެވެ. އޭނާ ވިދާޅުވިގޮތގައި އީރާނުގެ އައު އިދާރިއްޔަތުގެ ސިޔާސީ ޙައްސާސިއްޔަތުތަކަށް "އަހުރެމެން ރިޢާޔަތް ކުރާނަމެވެ."

މި ވާހަކަ ދެއްކުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ރަޝިޔާގެ މަންދޫބު މީޚާއީލް އޮލިޔަނޯފް ކުރެއްވި ޓްވީޓެއް ބުނާގޮތުގައި "ވާހަކަ ދެއްކުންތައް ފެށުނީ ކޮންމެވެސް ކާމިޔާބުތަކަކާއެކުގައެވެ."

އީރާނުގެ ވަފްދުގެ ރައީސް ޢަލީ ބާޤިރީ ނޫސްވެރީންނަށް ވިދާޅުވިގޮތުގައި "އަހުރެން ވެސް ބަލަނީ އުންމީދީ ކަމަށެވެ."
ހުޅަނގުގެ ޤައުމުތަކުން އެދެނީ ޖޫން 2021 ގައި ވާހަކަދެއްކުންތައް ނިމުނު ހިސާބުން ފަށައިގެން ކުރިއަށް ދިޔުމަށެވެ. ވާހަކަދެއްކުންތައް މެދުކަނޑައިލަން ޖެހުނީ އީރާނުގެ ރިޔާސީ އިންތިޚާބަ ހެދިއެވެ. އައު ރައީސަކާއެކު އައު ސިޔާސަތެއް އޮންނާނެކަމަށް ހުރިހާ ފަރާތްތަކެއް ވެސް ދެކޭތީއެވެ. މި ވާހަކަދެއްކުންތަކަކީ އެންމެން ވެސް ދެކޭގޮތުގައި އެމެރިކާއާ އީރާނާ ދެމެދުގައި ބޭއްވޭ ނުސީދާ ވާހަކަދެއްކުންތަކެކެވެ.އެއްބަސްވެފައިވާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ޢަމަލުކުރުން ޠަހަރާނުން ހުއްޓާލީ 2018ގައި ވޮޝިންގްޓަން މި އެއްބަސްވުމުން ބޭރުވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.