Support Us

އީރާނުގެ ނިޔުކްލިއަރ ފައިލާ ބެހޭގޮތުން ވާހަކަ ދެއްކުންތައް އަލުން ފަށައިފި

އީރާނުގެ ނިޔުކްލިއަރ ފައިލާބެހޭގޮތުން ވާހަކަ ދެއްކުންތައް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި މިއަދު އަލުން ފަށައިފިއެވެ. ދުނިޔެ އުންމީދު ކުރަނީ މި ވާހަކަ ދެއްކުންތަކުގެ ސަބަބުން އެމެރިކާއާއި އީރާނު 2015ވަނަ އަހަރުގެ މި އެއްބަސްވުމާ އެއްގޮތަށް އަލުން ޢަމަލު ކުރާން ފަށާނެ ކަމަށެވެ.

މި އެއްބަސްވުމުން އެމެރިކާ ވަކިވީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގައެވެ. އެމެރިކާ މި އެއްބަސްވުމުން ވަކިވުމުން އީރާނުން ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމު އަލުން ކުރިއަށް ގެންދާން ފަށައިފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ ހުޅަނގުގެ ޤައުމުތައް ބުނާގޮތުގައި އީރާނުން ވަނީ މި އެއްބަސްވުން އީރާނަށް މަނާކޮށްފައިވާ ބައެއް ކަންތައްތައް ކުރާން ފަށައިފައެވެ. ހުޅަނގު ތުހްމަތު ކުރާ ގޮތުގައި އީރާނުން ވަނީ ޔޫރޭނިއަމް މުއްސަނދި ކުރާން ފަށައިފައެވެ. އެއީ ނިޔުކްލިއަރ ބޮމެއް އުފެއްދުމަށް ޓަކައެވެ. އެހެނަސް އީރާނު ބުނާގޮތުގައި އެ ޤައުމުން ޔޫރެނިއަމް މުއްސަނދިކުރަމުން ދަނީ ޞުލްޙަވެރި ބޭނުންތަކަށް ޓަކައެވެ.

ތިންވަނަ ފަރާތެއް ބުނާގޮތުގައި އީރާނުން ޔޫރޭނިއަމް މުއްސަނދި ކުރަމުން ދަނީ ވާހަކަދެއްކުންތަކުގައި އެމެރިކާއަށް ފިއްތުންތައް އިތުރު ކުރުމަށް ޓަކައެވެ.

އީރާނުގެ ވަފްދުގެ ރައީސް ޢަލީ ބާޤިރީ ވިއެނާގައި އިއްޔެ ވިދާޅުވިގޮތުގައި "ވާހަކަދެއްކުންތައް ބޭއްވުމުގެ މަޤްޞަދަކީ އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކެންސަލް ކުރުމެވެ." އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ބާޤިރީ ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެމެން މި ތިބީ އަނެއް ފަރާތުން އެއްބަސްވުމަށް ކަށަވެތިވޭތޯ ބަލާށެވެ. އަހުރެމެން ބޭނުން ވަނީ އަސާސީ ޖާމިނުވުންތަކަކަށެވެ."

އީރާނުގެ މި މަސްއޫލުވެރިޔާ އީރާނުގެ ނޫސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ވިއެނާއަށް ގޮސް އަހުރެމެން މި ތިބީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާށެވެ. ދެވަނަ ބޭނުމަކީ އީރާނުގެ ރައްޔިތުންނަށް ނިޔުކްލިއަރ ޢިލްމުތަކުން ފައިދާ ޙާޞިލު ކުރެވޭނެ މަގު ފަސޭހަކުރުމެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ހުޅަނގުން އެއްބަސްވުމަކާ ހަމައަށް ވާޞިލުވާކަށް ނޭދެއެވެ. އެހެނަސް އެމީހުން މަސައްކަތް ކުރަނީ އީރާނު އަތުން އިމްތިޔާޒުތަކެއް ހޯދާށެވެ." އޭނާ ވިދާޅުވިއެވެ. "އީރާނުން ޢަސްކަރީ ބިރުދެއްކުންތަކަށް ބޮލެއް ނުލަނބާނެއެވެ." އޭނާ އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. "މާޒީގެ ކުށްތައް ހުޅަނގުން ތަކްރާރު ނުކުރުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *