Support Us

ސޫރިޔާއާއި އީރާނުގެ ދޮރޯށިތެރެއިން ލައިފާ މެދުއިރުމަތިން އެމެރިކާ ބޭރަށް ލުމަށް ޗައިނާއާއި ރަޝިޔާ ކުރާ މަސައްކަތް

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ މިދިޔަ ޖުލައިމަހު ސޫރިޔާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އަސަދު 95.1 ޕަސަންޓުގެ ވޯޓުން ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާތީ ރައީސް ބައްޝާރުލް އަސަދަށް ތާރީފު ކުރެއްވިއެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އިންތިޚާބެއް ބޭއްވުމުގެ މާނައަކީ އަސަދުގެ ބާރުގަދަކަމާއި ޤައުމުގެ އެއްބައިވަންތަކަމުގެ ހަރުދަނާކަމެވެ. އެމެރިކާއާއި ޔޫރަޕުގެ އިއްތިޙާދުގެ ޤައުމުތައް މި ނަތީޖާ ބަލައެއް ނުގަނެއެވެ. މީގެއިތުރަށް މި ނަތީޖާއަކީ ސޫރިޔާގެ އިދިކޮޅު ބާރުތައް ވެސް އެކަމާ ދެކޮޅު ހަދާ ނަތީޖާއެކެވެ.

ރަޝިޔާއާއި އީރާނުން އަސަދުގެ ސަރުކާރު ޙިމާޔަތްކުރުމަށް ޓަކައި ޢަސްކަރީ ބާރުތައް ސޫރިޔާއަށް ފޮނުވާފައިވާ ގޮތަށް ބޭޖިންގުން ސޫރިޔާއަށް ސިފައިންނެއް ނުފޮނުވައެވެ. އެހެނަސް ޗައިނާއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އަސަދުގެ ސަރުކާރު ދަމަހައްޓައިދޭ ވަރުގަދަ ބާރެކެވެ. ހުޅަނގުގެ ޤައުމުތަކުން ސޫރިޔާގެ ނިޒާމީ ބާރުތަކަށް ދެމުންދާ ވައިގެ ޙަމަލާތައް ޗައިނާއިން ކުށްވެރިކޮށް އދ މަޖިލީހުގައި ދިމަޝްޤު ދިފާޢުކޮށް ވާހަކަދައްކަމުން ދެއެވެ. ޗައިނާއިން ބޭނުންކޮށްފައިވާ 16 ވީޓޯގެ ތެރެއިން 10 ވީޓޯ ބޭނުންކޮށްފައި ވަނީ އަސަދުގެ ސަރުކާރު ޙިމާޔަތް ކުރުމަށެވެ.

ޗައިނާ މެދުއިރުމައްޗަށް ވަނުން

މެދުއިރުމަތީގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުގެ މަލަތައް ކުރަހަމުން މޮޑަރން ޑިޕްލޮމަސީ މަޖައްލާ ބުނެފައިވަނީ މި ސިޔާސަތުގެ ބިންގަލަކީ "މަގޭ ދުޝްމަނާގެ ދުޝްމަނަކީ މަގޭ މިތުރެކެވެ." މި އުޞޫލުގެ ދަށުން ބައްޝާރަށް ވާގިވެރިވުމަށް ޓަކައި މޮސްކޯއާ އެއްބައިވިއެވެ. އަދި ހަމަ މި މޭރުމުން އީރާނަށް ވެސް ވާގިވެރިވާން ފެށިއެވެ.

މިކަމާވިދިގެން މެދުއިރުމަތީގެ މަސްއަލަތަކުގެތެރެއަށް ޗައިނާއިން ވަންނާން ފެށިއެވެ. އަދި މެދުއިރުމަތީގެ މަސްއަލަތަކަށް ބާރުފޯރުވާ ކުރުންތެރި ޤައުމަކަށް ޗައިނާވެގެން ދިޔައެވެ. މި ކަން ވެގެން ދިޔައީ އެމެރިކާގެ ނުފޫޒާ ކުރިމަތިވި ގޮންޖެހުމަކަށެވެ. މަސްރަޙުން ފެންނަފެނުމުގައި ރަޝިޔާއާއި ޗައިނާއާއި އީރާނު އަތުގުޅާލައިފައި ވަނީ ޗައިނާއާއި ހުޅަނގާ ދެމެދުގައި ހިނގަމުންދާ "އައު ފިނިހަނގުރާމަ"އެއްގެ ދަށުންނެވެ.

އަސަދު ޗައިނާގެ ޚާރިޖީވަޒީރާ ބައްދަލު ކުރެއްވުން: ޖުލައި 2021ގައި

މި މަފްހޫމުގެ ދަށުން ޗައިނާގެ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މެދުއިރުމަތީގައި އެމެރިކާގެ ސިޔާސަތާއި ޔޫރަޕްގެ ސިޔާސަތާ ސީދާ ނުބީހި މި ސަރަޙައްދުގެ ޤައުމުތަކާއެކު ދޭދޭ ގުޅުންތައް ޤާއިމުކުރުމުގެ ރާސްތާއެއް ޗައިނާއިން އިޚްތިޔާރު ކުރިއެވެ. މި ކަމުގައި އެ ޤައުމުތަކުގައި ހިނގަމުންދާ ދާޚިލީ ކަންތައްތަކަށް ޗައިނާއިން ރިޢާޔަތްކުރަމުން ނުދާކަން ފާހަގަ ކުރެވެއެވެ.

ޗައިނާ ޤަބޫލުކުރާގޮތުގައި މެދުއިރުމަތީގައި އެމެރިކާއާއެކު ތަވާޒުނުހަމަ ބާރެއް ޤާއިމު ކުރުމަށް ޓަކައި ޢަސްކަރީގޮތުންނާއި އިޤްތިޞާދީ ގޮތުން ޗައިނާއަށް އެހީ ވެދޭނެ ބާރެއް ބޭނުންވާނެއެވެ. އެއީ ޗައިނާގެ ޙަޔަވީ މަޞްލަޙަތުތަކާއި އިޤްތިޞާދީ މަޞްލަޙަތުތައް ޖާމިނުކޮށްދެވޭވަރުގެ ބާރަކަށް މި ބާރު ވާން ވާނެއެވެ. ޗައިނާ ދެކޭގޮތުގައި އޭޝިޔާގައި އޮތް މި ބާރަކީ އީރާނެވެ. ޗައިނާގެ ޙަޔަވީ މަޞްލަޙަތުތަކާއި އިޤްތިޞާދީ މަޞްލަޙަތުތައް ޖާމިނުކޮށްދެވޭވަރުގެ ބާރު އީރާނަށް ލިބިގެން ވެއެވެ.އެމެރިކާ ބިރުގަންނަގޮތުގައި ޗައިނާއިން އީރާނަށް މަދަނީ އަދި ޢަސްކަރީ ފަންނިއްޔާތު ފޯރުކޮށްދިނުމުގެ ސަބަބުން އެ ބާރަށް ހުރަސްއަޅަން ދަތި ބޮޑު ބާރަކަށް އީރާނު މެދުއިރުމަތީގައި ވެގެން ހިނގައިދާނެއެވެ.

އެމެރިކާގެ ބާރުތައް މެދުއިރުމަތިން ބާލަން ނިންމާފައިވާތީ ސުޢޫދީ ޢަރަބިއްޔާފަދަ މެދުއިރުމަތީގެ ޤައުމުތަކުން މިހާރު ވަނީ އެ ޤައުމުތަކުގެ ސިޔާސަތު މުރާޖަޢާކުރަން ފަށައިފައެވެ. ރިޔާޟުން މިހާރު ދަނީ ޠަހަރާނާއެކު ގުޅުންތައް ޠަބީޢީ ކުރުމާބެހޭގޮތުން ވާހަކަދައްކަމުންނެވެ. ޗައިނާއިން މިކަމަށް ހިތްވަރުދޭ ކަމަށް މި މަޖައްލާއިން ބުންޏެވެ.

މީގެ އިތުރަށް ޗައިނާ– އީރާން އިޤްތިޞާދީ ބައިވެރިވުމާބެހޭ އެއްބަސްވުމަށް ބަލާއިރު 25 އަހަރުގެ ދިގު މުއްދަތަކަށް އެކުލަވައިލެވުނު މި އެއްބަސްވުމުގެ ސަބަބުން ޗައިނާގެ "ކަމަރު އިސްނެގުން"ގެ ނުފޫޒު ގަލްފުގެ ހުރިހާ ޤައުމުތަކަކާއި މުޅި ސޫރިޔާއާއި ޢިރާޤު ޝާމިލުވާ ގޮތަށް ފުޅައުވެގެންދާނެއެވެ.މި އެއްބަސްވުމުގެ ސަބަބުން ސޫރިޔާ ވެގެންދާނި އީރާނާއި ޢިރާޤާއި ތުރްކީ ބައިވެރިވާ ވިޔަފާރީގެ މަރްކަޒަކަށެވެ. އެމެރިކާ ދެކޭގޮތުގައި މިއީ އެމެރިކާގެ މަޞްލަޙަތަށާއި އިޤްތިޞާދީ އަހައްމިއްޔަތަށާއި އިސްތިރާތީޖީގެ އަހައްމިއްޔަތަށް ބިރުހުރި ގުޅުމެކެވެ.

އީރާނުގެ ކުރީގެ ރައީސް ޗައިނާގެ ރައީސާއެކު

ޗައިނާގެ ސިޔާސަތު މާ އަޑުގަދަކޮށް

މެދުއިރުމަތީގައި އޮތް ޗައިނާގެ ސިޔާސަތަކީ ހަމައެކަނި އިޤްތިޞާދީ ކަމެއްނޫނެވެ. ބޭޖިންގް ދެކޭގޮތުގައި އެ ޤައުމާ މުޢާމަލާތު ކުރަންޖެހިފައިވާ ސަރަޙައްދަކީ ސިޔާސީ ހިރާސްތަކުން ފުރިފައިވާ ސަރަޙައްދެކެވެ.މިހެންވެ ޗައިނާއިން މަސައްކަތް ފެށީ ސިޔާސީ ގަނޑުތައް ތަރްތީބު ކުރާށެވެ. ޗައިނާގެ ޙަރަކާތްތައް މަޑުމަޑުން ފުޅައު ކުރަމުންނެވެ. މެދު އިރުމަތީގެ މަސްއަލަތަކުގައި މެދުމިންވަރުގެ ސިޔާސަތަކަށް ތަބާވެގެންނެވެ.

ޗައިނާއިން ބުނާގޮތުގައި އެ ޤައުމާވެސް ވަނީ "ހައްދު ފަހަނަޅައިދިޔުމާއި ނިރުބަވެރިކަމާއި ދީނީ ހަރުކަށި ޢަމަލުތަކާއި ދާޢިޝް ފަދަ ޙައްދުފަހަނަޅައިފައިވާ ޖަމާޢަތްތަކާ ކުރިމަތިލާން ޖެހިފައެވެ."  ޗައިނާ ބުނާގޮތުގައި "މިފަދަ ދީނީ ޖަމާޢަތްތަކުން ވަނީ އެ ޤައުމުގެ އީގޯރުންގެ ތެރެއިން ފަސް ހާހަށްވުރެ ގިނަ ހަނގުރާމަވެރީން މިފަދަ ޖަމާޢަތްތަކަށް ވައްދައިފައެވެ." މިއިން އެނގެނީ ޗައިނާ މިހާރު ވަނީ އެ ޤައުމުގެ ސަރަޙައްދުން ބޭރުގައި ނިރުބަވެރިކަމާއި ޙައްދުފަހަނަޅައިދިޔުމާ ދެކޮޅަށް ސިޔާސީ އަދި އިސްތިރާތީޖީ ފެންވަރުގައި މަސައްކަތް ކުރާން ތައްޔާރުވެފައިކަމެވެ.ވޭތުވެދިޔަ ގިނަ ދަހަރުތަކެއްގައި ޗައިނާގެ އީގޯރު މުސްލިމުންގެ ހުވިއްޔަތާއި ޝަޚްޞިއްޔަތު ނައްތައިލުމަށްޓަކައި ޗައިނާއިން ވަނީ ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅައިފައެވެ. މިކަމުގެ ސަބަބުން އެމީހުންގެ ބަހާއި ސަޤާފަތް ފަނާވެގެން ހިނގައިދާނެކަމުގެ ބިރުވަނީ ވަރަށް ބޮޑުވެފައެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ނޫސް ބުނާގޮތުގައި ޝިންޖިއެންގްގެ އީގޯރީންގެ ސަޤާފަތް އޮތީ ފަނާވެދިޔުމުގެ ތުންފަތްމަތީގައެވެ. އެމީހުންގެ ސަޤާފަތުގެ މިއަދުގެ ރޫޙަކީ ޅެމެވެ. މި ނޫހުގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި އީގޯރުން ދަނީ އިންދިރާސްވަމުންނެވެ. ފަނާވަމުންނެވެ.

ޗައިނާއިން މެދުއިރުމަތީގެ ޤައުމުތަކާއެކު ގެންގުޅޭ ސިޔާސަތުގެ ޚާއްޞަ ސިފައަކީ ވިލުންތެރިކަމާއި ޕްރެގްމެސީއެވެ. ޗައިނާއިން ދަނީ އަރަބި ލީގާއި ޗައިނާ- ގަލްފް މަންސާފަދަ މެދުއިރުމަތީގެ ޖަމާޢަތްތަކާއެކު ގުޅުންތައް ޤާއިމުކުރަމުންނެވެ.

ޗައިނާއިން ދަނީ މެދުއިރުމަތީގައި ސަލާމަތީ ކަންތައްތަކުގައި ވެސް ބައިވެރިވަމުންނެވެ. ދެކުނު ސޫދާނުގައި އޮންނަ ސަލާމަތީ ބާރުގައި ޗައިނާ ބައިވެރިވެފައި ވަނީ މިހެންވެގެންނެވެ.

މީގެ އިތުރަށް ޗައިނާގެ ފައިތިލަ މެދުއިރުމަތީގައި ސާބިތު ކުރުމަށް ޓަކައި ޗައިނާއިން ވަނީ ޖިބޫޓީގައި ކަނޑުގެ ބޭހެއް ހަދައިފައެވެ. ފަލަސްޠީނުގެ މަސްއަލައިގައި ވެސް ޗައިނާ ގެންގުޅޭ ސިޔާސަތަށް ދަނީ ބަދަލުތައް ގެންނަމުންނެވެ. ފަލަސްޠީނާއެކު ގުޅުންތައް ދަމަހައްޓަމުންދާއިރު އިސްރާއީލާއެކުގައި ވެސް ދަނީ ގުޅުންތައް ވަރުގަދަކުރަމުންނެވެ. މިއީ އެމެރިކާގެ ތާއީދު އޮތް ޤައުމުތަކުގައި ޗައިނާގެ ވަކި ހިއްޕުމަށް ގެންގުޅޭ ސިޔާސަތުގެދަށުން އަޅަމުންދާ ފިޔަވަޅުތަކެކެވެ.

އެހެންކަމުން މިއަދު މެދުއިރުމަތީގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަކީ އެމެރިކާއަށް ގޮންޖެހުމުގެ ސިޔާސަތެކެވެ. ޖެހިލުންކުޑަކަމާއެކު ކުރިމަތިލުމުގެ ސިޔާސަތެކެވެ. ޗައިނާއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅެއް އަޅައިފާނެތީ ބިރު ނުގަނެ ގެންގުޅޭ ސިޔާސަތެކެވެ.

އެމެރިކާއާ ދެކޮޅަށް ޞީނީ – ރޫސީ އެއްބާރުލުން

މި ވާހަކަތަކުން އެނގެނީ ޗައިނާއިން މެދުއިރުމަތީގައި މަސައްކަތް ކުރަނީ އަރާރުންވާ ފަރާތްތަކުގެ ތެރެއަށް ވަދެ ޗައިނާގެ މަޞްލަޙަތާ އެއްގޮތަށް މި ފަރާތްތަކާއެކު ގުޅުންތައް ޤާއިމު ކުރުމަށްކަމެވެ. މި އަހަރުގެ މާރިޗް މަހު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ޠަހަރާނަށާއި ރިޔާޟަށް ކުރެއްވި ދަތުރުފުޅުން މި ކަން ހާމަވެއެވެ. ސޫރިޔާގެ ރައީސް ބައްޝާރަށް ވާގިވެރިވުމަކީ ވެސް މި ސިޔާސަތުގެތެރޭގައި ހިމެނޭ ބައެކެވެ. ޗައިނާގެ ތާއީދާއެކު އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި ސީދާ ވާހަކަދެއްކުންތައް ބޭއްވުމަށް ރަޝިޔާއިން ކުރާ މަސައްކަތް ވެސް ހިމެނެނީ މީގެތެރޭގައެވެ.

އިޖްތިމާޢީ ޢިލްމުތަކާބެހޭ ޗައިނާގެ ވިދާރާއިން ޝާއިޢު ކުރި ފޮތުގައި ހިމެނޭ މައުޟޫޢުތަކުގެ ތެރޭގައި "ދަ ޔެލޯ ބުކް އޮފް ދަ މިޑްލް އީސްޓް" ހިމެނެއެވެ. ޗައިނާގެ ތަޖްރިބާކާރުން ދެކޭގޮތުގައި "މެދުއިރުމަތި އޮތީ އެމެރިކާގެ ވޭލާއިން ބޭރަށް ނުކުތުމުގެ އޮޅިގަނޑުމަތީ"ގައެވެ. އެމެރިކާ ފަހަތަށް ޖެހުމުގެ ސަބަބުން އިރުމަތީގެ ބާރުތަކަށް ދަނީ މި "ހުސްތަން" ފުރައިލުމަށް ޓަކައި އެ ސަރަޙައްދަށް ވަނުމަށް ފުރްޞަތު ތަނަވަސްވަމުންނެވެ. މި ސަރަޙައްދުގެ ޤައުމުތައް ދެކޭގޮތުގައި ޗައިނާ- ރަޝިޔާ ގެންގުޅޭ ތަރައްޤީގެ އުސްލޫބުތަކަކީ އޭގެ މައްޗަށް ބަރޯސާވެވިދާނެ މުޑިތަކެކެވެ. ޗައިނާ ރަޝިޔާގެ ނަމޫނާއަށް މި ސަރަޙައްދުގެ ޤައުމުތައް ޝައުޤުވެރިވަމުން އަންނަލެއް މާ ބޮޑެވެ.

ހުޅަނގު އޭޝިޔާއާއި އެފްރިކާއާ ބެހޭ ޗައިނާގެ ދިރާސާއެއް ބުނާގޮތުގައި މެދުއިރުމަތީގެ ބާރުގެ ތިލަފަތް އެއް ތަނޑިއަށް ބުރަވުމަށްވުރެ ބޮޑަށް މިއަދު ލެނބިފައިވަނީ ދެ ތަނޑީގެ ގުޅުންތަކަށެވެ.

ހުޅަނގުގެ ދިރާސާތައް ބުނާގޮތުގައި މެދުއިރުމަތީގައި އޮތް އެމެރިކާގެ އަތްގަދަކުރުން އަނބުރާ ހޯދަން ބޭނުންވާނަމަ އެމެރިކާގެ މަޞްލަޙަތުތަކަށް އެ ސަރަޙައްދުގައި ގޮންޖަހަމުންދާ ޗައިނާ ރަޝިޔާ ގެ އިޖްރާއާތުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *