Support Us

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އައު ބާވަތާމެދު ދުނިޔެ ކަންބޮޑުވެފައި

ދުނިޔޭގެ ބައެއް ޤައުމުތަކުން ދެކުނު އެފްރިކާއަށް ދަތުރުކުރުން ހުއްޓައިލުމުން އެކަމާ ދެކޮޅަށް ދެކުނު އެފްރިކާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ކޮރޯނާ ވައިރަސްގެ އައު ބާވަތެއް ފެނުމާ ވިދިގެން ދުނިޔޭގެ ބައެއް ޤައުމުތަކުން ވަނީ ދެކުނު އެފްރިކާއަށާއި އެފްރިކާ ބައްރުގެ އިތުރު ހަ ޤައުމަކަށް ދަތުރުކުރުން ހުއްޓައިލައިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހުކުރު ދުވަހު އިޢުލާނުކުރި ގޮތުގައި ދެކުނު އެފްރިކާއިން ފެނުނު އައު ވައްތަރުގެ ނަމަކަށް ކިޔައިފައި ވަނީ އޮމިކްރޯން އެވެ. އެ ޖައްޢިއްޔާއިން ސިފަ ކުރިގޮތުގައި މިއީ އެކަމާމެދު "ކަންބޮޑުވާން ޖެހޭ" ބާވަތެކެވެ.

މި ބަލި ތަރައްޤީވަމުންދާ ގޮތް ދިރާސާ ކުރައްވާ ތަޖްރިބާކާރު ޖަމާޢަތުން ވިދާޅުވާ ގޮތުގައި ދެކުނު އެފްރިކާއިން ފުރަތަމަ ފަހަރަށް ފެނުނު މި ބާވަތް ފެނިފައި ވަނީ 24 ނޮވެންބަރުގައެވެ. މި ބާވަތުގެ ތެރޭގައި އެތައް އައު ގިންތިތަކެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ގިންތިތަކާމެދު ހާސްވެ ކަންބޮޑުވާން ޖެހެއެވެ.

މިއީ ކުރިން ފެނިފައިވާ ޑެލްޓާ ބާވަތަށްވުރެ ދެ ބައި ގިނަ ގިންތިތަކެއް ހިމެނޭ ބާވަތެކެވެ. އޭގެތެރޭގައި ކުރީގެ ވެކްސިންތަކަށް ގުޑައިނުލައި ބާރުގަދަ ބާވަތްތަކެއް ހިމެނެއެވެ. އަދި އޭގެތެރޭގައި ގައިންގަޔަށް އެރުން އަވަސް ބާވަތްތަކެއް ވެސް ވެއެވެ.

އެމެރިކާއިން ދަތުރުތައް ވަގުތީގޮތުން ހުއްޓައިލުން

މިކަމާ ވިދިގެން ރައީސް ބައިޑްން މިހާރު ވަނީ އެފްރިކާގެ ހަ ޤައުމަކަށް ދަތުރުކުރުން ތަޅުލައްވައިފައެވެ. އޭގެތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ.
މި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ވިޔަފާރި ޖަމްޢިއްޔާގެ ބައްދަލުވުމުގައި މި މަސްއަލައާމެދު ބަޙުސްކުރުމަށް ރައީސް ބައިޑްން މިއަދު ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކޮރޯނާ ވައިރަސްގެ ވެކްސިންގެ މިލްކިއްޔާތުގެ ޙިމާޔަތް ދުކޮށްލުމަށް އެމެރިކާ އޮތީ ތައްޔާރަށެވެ. އެއީ މި ކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މި ވެކްސިން އުފައްދުމަށް މަގުފަހިކޮށްދެއްވުމަށް ޓަކައި ކަމަށް ރައީސް ބައިޑްން ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން އެމެރިކާގެ މަސްއޫލުވެރީންތަކެއް ސީއެންއެނަށް ވިދާޅުވިގޮތުގައި ބަލި ކޮންޓްރޯލްްކުރުމާ ބެހޭ މަރްކަޒުގެ ވެރިޔާ ޑރ. އެންތަނީ ފައުޗީ ދެއްވި ނަސޭހަތާ އެއްގޮތްވާގޮތުގެ މަތިން ރައީސް ބައިޑްން މިހާރު ވަނީ އެފްރިކާގެ ހަތް ޤައުމަކަށް ދަތުރުކުރުން މަނާކުރައްވައިފައެވެ. އޭގެތެރޭގައި ދެކުނު އެފްރިކާ ހިމެނެއެވެ.

އެމެރިކާގެ މި މަސްއޫލުވެރީން ހާމަކުރެއް ވިގޮތުގައި ކޮރޯނާގެ މި އައު ވައްތަރާ ބެހޭގޮތުން މިހާރު ދަނީ މަޢުލޫމާތު އެއްކުރެވެމުންނެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މި ބާވަތާމެދު ކަންބޮޑުވާން ޖެހޭކަމަށް ބުނެފައިވާތީ ރައްކައުތެރި ވާން ޖެހޭނެ ކަމަށް އެމެރިކާ ދެކެއެވެ.

ޔޫރަޕްގެ އިއްތިޙާދު ވެސް ކަންބޮޑުވޭ

ޔޫރަޕްގެ އިއްތިޙާދުގެ ޞިއްޙަތާ ބެހޭ ކަމިޝަނަރ ވިދާޅުވާގޮތުގައި ކޮރޯނާ- 19އާއި އޭގެ ބާވަތްތައް ޔޫރަޕްގައި ފެތުރެމުންދާ މިންވަރު ވަރަށް ބޮޑެވެ.
ކޮރޯނާ ވައިރަސް އޮމިކްރޯން ބާރަށް ފެތުރެމުންދާތީ ދުނިޔެ ވަނީ އެކަމާމެދު ވަރަށް ކަންބޮޑުވެފައެވެ. ޔޫރަޕްގެ އިއްތިޙާދުން މިހާރު ވަނީ ދެކުނު އެފްރިކާއަށާއި އެ ޤައުމުގެ އަވަށްޓެރި ޤައުމުތަކަށް ދަތުރުކުރުން ހުއްޓައިލައިފައެވެ.

ބަލިމަޑުކަމުން ރައްކައުތެރިކޮށް ބަލިމަޑުކަން ފެތުރުން ހުއްޓުވުމާބެހޭ ޔޫރަޕުގެ މަރްކަޒު ބުނާގޮތުގައި އޮމިކްރޯންގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދަށާއި ޔޫރަޕްގެ އިޤްތިޞާދީ ސަރަހައްދާ ކުރިމަތިވެފައިވާ ނުރައްކަލުގެ ދަރަޖަ ވަރަށް ބޮޑެވެ.

ހޮލެންޑުން ބުނާގޮތުގައި ދެކުނު އެފްރިކާއިން އިއްޔެ އަމްސްޓަރޑަމަށް އެއި ދެ ފްލައިޓްގައި ތިބި 600 މީހުންގެ ތެރޭގައި މި ބަލި ޖެހިފައިވާ އެތައް ބަޔަކު ތިބިކަމަށް ބެލެވެއެވެ. ވައިގެ ބަދަރަށް އެ ދެ ފްލައިޓް އައުމާއެކު އެ ދެ ފްލައިޓުން އައި މީހުން ވަނީ އެކަހެރި ކުރެވިފައެވެ. އެއީ އޮމިކްރޯން ވައިރަސް ފެތުރިގެން ހިނގައިދާނެތީ އެޅުނު ރައްކައުތެރިކަމުގެ ފިޔަވަޅެކެވެ.

ދެކުނު އެފްރިކާއިން ދެކޮޅު ހަދާ

ދެކުނު އެފްރިކާގެ ޞިއްޙަތާ ބެހޭ ވަޒީރު މިއަދު ވިދާޅުވިގޮތުގައި އެ ޤައުމުން މި ކަމާބެހޭގޮތުން ތަޞައްރުފު ކުރަމުން މި ދަނީ ދެ ފުށް ފެންނަ ގޮތަށެވެ. އެހެންކަމުން އެ ޤައުމަށް ކުރާ ވައިގެ ދަތުރުތައް ހުއްޓައި ލުމަކީ އެއްވެސް ބަހަނާއެއް އޮތް ކަމެއް ނޫނެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި އޮމިކްރޯން ވައިރަހަކީ ޑެލްޓާއާއި ބީޓާއަށްވުރެ މާ ބާރަށް ފެތުރެމުންދާ ވައިރަހެކެވެ. އޭނާ ވިދާޅުވިގޮތުގައި މިހާރު ބޭނުން ކުރެވޭ ވެކްސިން މި އައު ބާވަތާ ދެކޮޅަށްވެސް ބޭނުން ކުރެވިދާނެކަމަށް ފެނެއެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރާ ނާލެޑީ ބަންޑޯރު ވިދާޅުވިއެވެ. "ތަފާތު ޤައުމުތަކުން އެ ޤައުމުތަކުގެ ރައްޔިތުން ޙިމާޔަތް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަށް ދެކުނު އެފްރިކާ އިޙްތިރާމު ކުރާނެތެވެ."

އެ ޤައުމުތަކަށް ދަތުރުނުކުރަން ނަސޭހަތްތެރިވެފައިވާ އެފްރިކާގެ ޤައުމުތަކަކީ މޮޒަންބީގާއި ޒިމްބާބުވީއާއި ބޮޓްސްވާނާއާއި ލިސޫޓޫއާއި އިސްވާޓީނީއާއި ނެމީބިޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *