Support Us

ހަނގުރާމަ ގަދަވެފައިވާތީ ބޭރު ޤައުމުތަކުގެ މީހުން އިތިޔޯޕިޔާ އިން އަވަހަށް ފައިބާން ގޮވައިލައިފި

އިތިޔޯޕިޔާގެ އަހްލީ ހަނގުރާމަ ގަދަވެ އިދިކޮޅު ޓިގްރޭ ހަނގުރާމަވެރީން ވެރިރަށް އެޑިސް އަބާބާއާ ކައިރިވަމުންދާތީ އެ ޤައުމުގައި ތިބި ބޭރު ޤައުމުތަކުގެ މީހުން އަވަހަށް އެ ޤައުމުން ބޭރުވުމަށް އެ ޤައުމުތަކުން މިއަދު ގޮވައިލައިފިއެވެ.

ފަރަންސޭސި ނޫސް އޭޖެންސީ ބުނާގޮތުގައި އެޑިސް އަބާބާގައި ހުންނަ ފަރަންސޭސި އެންބެސީން އިތިޔޯޕިޔާގައި އުޅޭ ފަރަންސޭސީންނަށް ނެޓް މެދުވެރިކޮށް އެ ޤައުމުން ވީހާ އަވަހަކަށް ފުރުމަށް ރަސްމީކޮށް މިއަދު އަންގައިފިއެވެ. " މި އޭޖެންސީ ބުނާގޮތުގައި ފަރަންސޭސި އެންބެސީން މި ދަނީ ފުރަން ބޭނުންވާ މީހުންނަށް ޓިކެޓްގެ ބުކިންގްތައް ހަދައި ދެމުންނެވެ. މި އެންބެސީ ބުނާގޮތުގައި ޙާލަތު ނިޔާކުރާގޮތުން ޗާޓަރު ފްލައިޓެއް ވެސް ހަމަޖައްސަން ޖެހިދާނެއެވެ. ފަރަންސޭސި އެންބެސީގެ މުވައްޒަފުންގެ ޢާއިލާތައް މިހާރު ދަނީ ފުރުވައިލަމުންނެވެ."

އެމެރިކާއާއި އިނގިރޭސިވިލާތާއި ތުރްކީން ވެސް މިހާރު ދަނީ އިތިޔޯޕިޔާގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުންނަށް އިތިޔޯޕިޔާއިން އަވަހަށް ފުރުމަށް ނަސޭހަތް ދެމުންނެވެ. މި ޤައުމުތަކުގެ އެންބެސީތަކުގައި މަސައްކަތްކުރާ އަސާސީނޫން މުވައްޒަފުން މިހާރު ވަނީ ފުރުވައިލައިފައެވެ.
އިތިޔޯޕިޔާގައި ތިބި ޖަރްމަނު މީހުން އެ ޤައުމުން ފުރުމަށް ޖަރްމަނު އެންބެސީން ވެސް މިއަދު ނޯޓިސް ފޮނުވައިފައިކަމަށް ޚަބަރު ލިބެއެވެ. ޖަރްމަނު އެންބެސީ ބުނާގޮތުގައި އެޑިސްއަބާބާގެ ވައިގެ ބަނދަރު އަދި ބަންދެއް ނުކުރެވެއެވެ. އެހެންކަމުން ޤަވާޢިދުން ދަތުރުކުރާ މަތިންދާބޯޓު ދަތުރުތަކުގައި އެމީހުންނަށް ފުރިދާނެއެވެ.

ހަނގުރާމައިގެ މައިދާނަށް ބަލާއިރު 2020ގެ ނޮވެންބަރު މަހުން ފެށިގެން އުތުރު އިތިޔޯޕިޔާގައި ދަނީ ހަނގުރާމަ ހިނގަމުންނެވެ. މި ހަނގުރާމަ ހޫނުވީ ބޮޑުވަޒީރު އާބީ އަޙްމަދު ޓީގްރޭ ހަނގުރާމަވެރީންގެ ވެރިކަން ވައްޓައިލުމަށް ޓަކައި ސިފައިން ފޮނުވުމުންނެވެ. 28 ނޮވެންބަރުގައި އާބީ ވަނީ ސަރުކާރު ސިފައިންނަށް ނަޞްރު ލިބިއްޖެ ކަމަށް ވިދާޅުވެފައެވެ. އެހެނަސް ޓީގްރޭ ހަނގުރާމަވެރީން މި ދިޔަ ޖޫން މަހު ވަނީ އެމީހުންގެ ސަރަޙައްދު އަނބުރާ ހިފައިފައެވެ. އެއަށްފަހު ޓިގްރޭ ހަނގުރާމަވެރީން ވަނީ އަވަށްޓެރި އަމްހަރާ ސަރަޙައްދާއި ޢަފްރު ސަރަޙައްދު ވެސް ހިފައިފައެވެ.

އިތިޔޯޕިޔާގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އެހެން ޖަމާޢާތްތައް ވެސް މިހާރު ދަނީ ޓީގްރޭ ހަނގުރާމަވެރީންނާ ގުޅި ސަރުކާރު ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ޓިގްރޭ ހަނގުރާމަވެރީން މި ހަފުތާގައި ވަނީ އިތިޔޯޕިޔާގެ ރޭލްވޭ މައިމަގު ހިފައި ވެރިރަށާ ދިމާއަށް ކުރިއަރަން ފަށައިފައެވެ. އެމީހުން މިހާރު ވަނީ ވެރިރަށާ 30 ހަކަށް ކީލޯމީޓަރު ކައިރިއަށް ވާޞިލުވެފައެވެ. ބޮޑުވަޒީރު އާބީ މިހާރު ވަނީ ހަނގުރާމައިގެ މައިދާނަށް އޭނާ ޞަޚްޞީގޮތުން ވަޑައިގަންނަވާނެކަން އިޢުލާން ކުރައްވައިފައެވެ. އެހެންކަމުން ވާހަކަ ދައްކައިގެން މަސްއަލަ ޙައްލު ކުރެވިދާނެ ކަމަކަށް ނުފެނެއެވެ. އދންނާއި އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާއިން މި ކަމަށް ޓަކައި މަސައްކަތް ކުރިއަސް އެޑިސްއަބާބާއިން މި ފަރާތްތަކަށް އިޖާބަ ދޭތަނެއް ނުފެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *