Support Us

ލީބިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުން ރެކޯޑް ޢަދަދަކަށް ގިނަ

ލީބިޔާގައި ބޭއްވުމަށް ހަމަޖެހެމުންދާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިފައިވާ ބޭފުޅުންގެ ޢަދަދު 70 އަށް އިތުރުވެއްޖެއެވެ. މި ބޭފުޅުންގެ ތެރޭގައި އަންހެން ބޭފުޅަކާއި ލީބިޔާގެ ކުރީގެ ޒަޢީމު މުޢައްމަރުލް ޤައްޛާފީގެ ދަރިކަލުން ސައިފުލްއިސްލާމި ހިމެނެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވެރިކަން ކުރާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ރައީސް ޢަބްދުލް ޙަމީދުއް ދުބައިބާ ވިދާޅުވިއެވެ. "ދެން މި ޤައުމު އައު ހަނގުރާމައެއް ނުދެކޭނެއެވެ." އޭނާއަކީ ވެސް ރިޔާސީ ކެންޑިޑޭޓެކެވެ.

އަނެއްކޮޅުން ލީބިޔާ ސަރުކާރަށް ތަބާވާ ޢަސްކަރީ ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވާގޮތުގައި ޤައްޛާފީގެ ދަރިކަލުން ސައިފުލްއިސްލާމަށާއި ސަރުކާރާ އިދިކޮޅު ޒަޢީމު ޖެނެރަލް ޙަފްތަރަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ. އެއީ އެ ދެ ބޭފުޅުންނާ ދެކޮޅަށް އެތައް މަސްއަލަތަކެއް ޝަރީޢަތަށް ހުށައެޅިފައިވާތީއެވެ. ޢަސްކަރީ ޕްރޮސިކިއުޓަރ ޖެނެރަލް އިންތިޚާބާ ބެހޭ ކަމިޝަނަރަށް މި ދެ ބޭފުޅުން ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުން އުނި ކުރުމަށް ގޮވައިލެއްވިއެވެ.

މި އިންތިޚާބު ކަޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަށް އދން ދަނީ ގޮވައިލަމުންނެވެ. އދން ލީބިޔާއަށް ކަނޑައަޅައިފައިވާ މަންދޫބު ޔާން ކޮބިޗް ވިދާޅުވިގޮތުގައި ސިޔާސީ ސިންތާގައި އެއްބަސްވެފައިވާ މަގުޗާޓާ އެއްގޮތަށް ހުރިހާ ފަރާތަކުން ވެސް ޢަމަލު ކުރަން ޖެހޭނެއެވެ. މި މަގުޗާޓަށް ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ތާއީދުކޮށްފައެވެ.

އދ ގެ މަންދޫބު ލީބިޔާގެ ރިޔާސީ މަޖިލީހުގެ ނައިބު ރައީސް ޢަބްދުﷲ އައްލާފީ އާ ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވިއެވެ.. "ވޯޓު ފޮށިތަކުގެތެރެއިން ލައިފާ އަމާން ބައްރަކަށް ޤައުމު ގެންދިޔުމަށް ޓަކައި މި މަރްޙަލާއަކީ ވަރަށް ޙައްސާސު ފިޔަވައްސެކެވެ." އޭނާ ހާމަކުރެއްވި ގޮތުގައި އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މަސްއަލަތައް ނިންމާނީ ކޯޓުންނެވެ.
ކޮބިޗް ވިދާޅުވިގޮތުގައި މާދަމާ ބޭއްވޭ ސަލާމަތީ މަޖިލީހުގެ ޖަލްސާއަށް އޭނާ މި ކަމާބެހޭގޮތުން ރިޕޯޓެއް ހުށައަޅުއްވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އެންމެ ފަހުން ގޮތް ނިންމާނީ ރައްޔިތުންނެވެ. މި އިންތިޚާބުގެ ނަތީޖާ ހުރިހާ ފަރާތްތަކަކުން ވެސް ޤަބޫލު ކުރަންޖެހޭނެއެވެ."

ރިޔާސީ މަޖިލީހުން ނެރުނު ބަޔާނެއް ބުނާގޮތގައި މިހާރުގެ ޤާނޫނުތަކާ އެއްގޮތަށް އިންތިޚާބު ބޭއްވުމަކީ ބައެއް ފަރާތްތަކުން ދެކޮޅު ހަދާ ކަމެކެވެ. އެއީ އެ ބޭފުޅުންނާމެދު "ޖަދަލު އުފެދިފައިވާ" ބައެއް ބޭފުޅުންނަށް މި ޤާނޫނުތަކުގެ ސަބަބުން މި އިންތިޚާބުގައި ވާދަ ކުރެއްވޭތީއެވެ. މި އިންތިޚާބުގައި މަކަރު ހެދުމަށާއި އޮޅުވައިލުމަށް ފުރްޞަތު އެބަ އޮތްކަމަށް ވެސް މި ފަރާތްތަކުން ބުނެއެވެ. ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގައިފައިވާ ކަމަށް ތުހްމަތު ކުރެވޭ އެއްވެސް ފަރްދަކަށް މި އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް މި ފަރާތްތަކުން ބުނެއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓަށް ބަލާއިރު މިހާރު މި ލިސްޓުގައި 70 ބޭފުޅެއްގެ ނަން އެބަ އޮތެވެ. މި ބޭފުޅުންގެ ތެރޭގައި "އަލްޙަރަކަތުލް ވަޠަނިއްޔަތު" ޕާޓީގެ ރައީސާ ލައިލާ ބިން ޚަލީފާވެއެވެ. މިއީ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި އަންހެން ޝަޚްޞިއްޔަތެވެ.

އިންތިޚާބާ ބެހޭ ކަމިޝަނުން ބުނާގޮތުގައި ބަރްލަމާނަށް 1534 ބޭފުޅަކު ކުރިމަތި ލައްވާފައި ވެއެވެ. ލީބިޔާގައި ވޯޓު ދިނުމުގެ ޙައޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 2.8 މިލިއަން މީހުންނެވެ. ރިޔާސީ އިންތިޚާބަށާއި ބަރްލަމާނަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *