Support Us

ހަވާއީ ޢާލަމީ ބަނދަރެއް ބިނާކުރުމުގެ މަސައްކަތް އިންޑޮނީޝިޔާގައި

އިންޑޮނީޝިޔާގެ އަބްރޯ ޤަބީލާގެ މީހުން ވޭތުވެދިޔަ 15 ޖީލުގައި އުޅެފައިވަނީ އެމީހުންގެ ކާބަފައިންނާ އެއްފަދަ ގޮތަކަށް ޒަމާނީ ޙަޟާރަތާއި ވަސީލަތްތަކާ ބީރަށްޓެހި މާޙައުލެއްގައެވެ. ދަނޑުވެރިކަން ކުރުމަށް ޓަކައި ފަސްގަނޑު ޖެހުމަށް ގެންގުޅެނީ ލަކުޑިން ހަދާފައިވާ އިސްކަރާބު ފާޑުގެ އެއްޗެކެވެ. އެމީހުންގެ ޖަންގައްޔަކީ ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހީގެ ގިނަ ބާވަތްތަކަކުން މުއްސަނދިކަން ލިބިފައިވާ މޫސުމީ ވާރޭއިން ހެދިފައިވާ ބިޔަ ޖަންގައްޔެކެވެ. ބޮޑެތި ހަރުފައާއި ވަލު އޫރުތައް ހިފަނީ ދަންތުރަ ޖަހައިގެންނެވެ. އަބްރޯ ޤަބީލާގެ މީހުން ދިރިއުޅެނީ އިންޑޮނީޝިޔާގެ ބިޔާކު ޖަޒީރާގައެވެ.

އެމީހުން ބުނާގޮތުގައި އެމީހުންގެ ހުރިހާ ވެސް އެއްޗަކީ މި ބިމެވެ. އެމީހުން ދެނެގަނެވޭނީ މި ބިމުންނެވެ. އެމީހުންގެ ރިޒްޤުގެ މަޞްދަރަކީ މި ބިމެވެ. އެމީހުންގެ ކާބަފައިންނާ އެމީހުންނާ ގުޅުވައިދޭ ވަސީލަތަކީ ވެސް ހަމަ މި ބިމެވެ. މި ދުނިޔޭގައި އެމީހުންނަށް ލިބިފައިވާ މި ބިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ދަނީ ބޮޑުވަމުންނެވެ. އެމެރިކާގެ ނިވްޔޯކް ޓައިމްސްގެ ރިޕޯޓެއް ބުނާގޮތުގައި މި ކަމުގެ ސަބަބަކީ އިންޑޮނީޝިޔާ ސަރުކާރުން ހަވާގެ ޒަމާނުގެ ތެރެއަށް ވަންނާން މަސައްކަތްރުމެވެ.

ބިޔާކު ޖަޒީރާ ހަވާގެ ވާދަވެރިކަމުގެ މުބާރާތަށް

އިންޑޮނޭޝިޔާ ސަރުކާރު ބުނާގޮތުގައި މި ޤަބީލާގެ މީހުން ދިރިއުޅޭ މި ޖަޒީރާގެ ބިމުން 250 ފައްދާނު (ފައްދާނަކީ 4200 އަކަ މީޓަރު) ބިން މިހާރު ވަނީ ދައުލަތަށް ނަގައިފައެވެ. ސަރުކާރުން ދަނީ ހަވާއަށް ދަތުރުކުރުމަށް ޓަކައި މި ޖަޒީރާގައި ކުޑަ ބަނދަރެއް ހެދުމުގެ މަޝްރޫޢެއް 2017 ގައި ފަށައިފައެވެ. މި ޤަބީލާގެ ޒަޢީމުން ވިދާޅުވާގޮތުގައި މި މަޝްރޫޢުގެ ސަބަބުން އެމީހުންނަށް ކާބަފައިންގެ ޒަމާންވީ ބިން ދޫކޮށް ދާން މަޖުބޫރު ކުރެވޭނެއެވެ.

އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވެދޫދޫ ވަނީ މި ޚިޔާލު ސްޕޭސް އެކްސްގެ މުއައްސަސާގެ ބާނީ އިލޯން މާސްކަށް އަރުވައިފައެވެ. މި ބަނދަރު ހަދާނީ ކޮން ތަނެއްގައި ކަމެއް އޭނާ ކަނޑައެއް ނާޅުއްވައެވެ. ރައީސް ވެދޫދޫ މިކަމާ ބެހޭގޮތުން ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މި ޖަޒީރާގެ އަޞްލު ވެހީން މި މަޝްރޫޢާ ދެކޮޅު ހަދައެވެ.

ރައީސް ވެދޫދޫގެ މި މަޝްރޫޢަކީ ޤައުމު ތަރައްޤީ ކުރެއްވުމަށް ޓަކައި ކުރައްވާ މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިންޑޮނޭޝިޔާއަކީ އެތައް އަތޮޅުތަކަކުން އުފެދިފައިވާ ޖަޒީރާ ޤައުމެކެވެ. އިންޑޮނޭޝިޔާ ސަރުކާރުން ޤައުމު ތަރައްޤީ ކުރުމަށް ޓަކައިވައިގެ އައު ބަނދަރުތަކާއި ހަލިމަގުތަކާއި ހަކަތައިގެ އިސްޓޭޝަންތައް ހަދަމުންދަނީ ވެށްޓަށް އިސްކަމެއް ނުދީއެވެ.މިފަދަ މަޝްރޫޢުތަކުން ފައިދާ ލިބޭ ފަރާތްތަކުގެ ތެރޭގައި ބިޔަ ކުންފުނިތަކާއި ސިޔާސީ މޫލަވެރީން ހިމެނެއެވެ.

ހަވާއާ ބެހޭ ބަނދަރުގެ ސަބަބުން ވެހީންނަށް ގެއްލުން ލިބޭނެ

ބިޔާކު ޤަބީލާގެ ޒަޢީމުން ވިދާޅުވާ ގޮތުގައި ޙިމާޔަތް ކުރެވިފައިވާ މޫސުމީ ވާރޭގެ ޖަންގަލިތަކުން އެތައް ހާސް ގަހެއް ކެނޑިގެން ދާނެއެވެ. އެ ރަށްތަކުގެ ފެހި ސާލުތައް ނެތިގެންގެންގޮސް ހަނަފަސްކަން ބޮޑުވާން ފަށާނެއެވެ. މީގެއިތުރަށް ހިޖްރަކުރާ ދޫނިތަކަށް ވެސް ހަލަބޮލިކަން އަންނާނެއެވެ. އަދި އަދި އަބްރޯ ޤަބީލާގެ ވެހީން އެމީހުންގެ ވަޒަނުން ފައްސައިލެވޭނެއެވެ.

ބިޔާކުގެ ޢުރުފީ މަޖިލީހުގެ ރައީސް އަބޫލޮސް ސަރްވީރު ނިވްޒްވީކަށް ހާމަކުރެއްވި ގޮތުގައި "ވެހީން ދެކޭގޮތް ވަރަށް ސާފެވެ. އަހުރެމެން މި ރޭވުމާ ދެކޮޅު ހަދަމެވެ. މި ބަނދަރުގެ ސަބަބުން އަހުރެމެންގެ ދަނޑުބިންތައް ގެއްލިގެން ދާނެއެވެ. އަހުރެމެން ކައި އުޅެނީ ހަވާއީ ބަނދަރަކުންނޫނެވެ. އަހުރެމެން ކައި އުޅެނީ އަލައާއި ކަނޑުމަހެވެ. އަހުރެމެން ޒަމާނުއްސުރެ އުޅެމުން މި އަންނަނީ އަހުރެމެންގެ ކާބަފައިންގެ ފުށުން ވާރުތަވި އަހުރެމެންގެ ބިމުގައެވެ. މި ވާހަކަތައް ކަލޭމެން ހަވާއީ ބަނދަރު ހަދަން އުޅޭ މީހުންނަށް ކިޔާދޭށެވެ!"

ބިޔާކު ޖަޒީރާއަކީ އެމެރިކާގެ ހަވާއީ ގައި އޮންނަ މާވީ ޖަޒީރާއާ އެއްވަރުގެ ޖަޒީރާއެކެވެ. މި ޖަޒީރާ އޮންނަނީ ނިވް ގިނީގެ އުތުރުގައެވެ. ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާ ސިފައިން ޖަޕާނު ސިފައިން ބަލިކޮށްފައި ވަނީ މި ޖަޒީރާކައިރީ ގައެވެ. ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުން ފެށިގެން މި ޖަޒީރާއަކީ އިންޑޮނޭޝިޔާގެ ބިމެކެވެ. ހޮލެންޑްގެ އިސްތިޢުމާރުގެ ދަށުގައި އޮތް ހުޅަނގު ޕެޕުއާގެ ބިންތައް އެ ރަށްތަކުގެ ރައްޔިތުންގެ ވޯޓާއެކު އދ ން ޙަވާލުކޮށްފައި ވަނީ އިންޑޮނޭޝިޔާއާއެވެ.

ޕެޕުއާގެ ގިނަ ރައްޔިތުން ބުނާގޮތުގައި 1969 ގައި މި ނެގި ވޯޓަކީ މަކަރާޙީލަތުން އޮޅުވާލައިފައިވާ ވޯޓެކެވެ. އެމީހުން އިންޑޮނޭޝިޔާއާ އެއްކޮޅަށް ވޯޓު ދިނުމަށް އެއްބަސްވަންދެން އެމީހުންގެ ޒަޢީމުން ވަނީ ޖަލުގައި ބަންދުކޮށްފައެވެ.

އަބްރޯ ޤަބީލާއަކީ ބިޔާކު ޖަޒީރާގައި އުޅޭ 360 ޤަބީލާގެ ތެރޭގައި ހިމެނޭ ޤަބީލާއެކެވެ. މި ޤަބީލާގައި މިހާރު ތިބީ އެންމެ 90 މީހުންނެވެ. މި ޤަބީލާތައް ދިރިއުޅެމުންދަނީ ވަރުބޮން ސަރަޙައްދުގައެވެ. އެއީ ހަދަން ރާވާފައިވާ ހަވާއީ ބަނދަރާ ދޮޅު މޭލެއްހާ ދުރުގައި އޮންނަ ރަށެކެވެ. އެމީހުން އެޅެނީ މި ރަށުގެ ޕެސިފިކް ކަނޑާ ވީ ފަރާތުގައެވެ.

އެ ހިސާބުގައި ހުންނަ ފެހި ގަހަކީ އެ ގަހުގެ ގޮފިތަކުގެތެރޭގައި ތަފާތު ކުލަކުލައިގެ ކޮކާތައް އުޅޭ ގަހެކެވެ. އެމީހުންގެ ގާތުގައި މިއީ މުޤައްދަސް ގަހެކެވެ. އެމީހުން ބުނާގޮތުގައި ވެބްރޯން ޤަބީލާގެ އަޞްލަކީ މި ގަހެވެ. އެމީހުންގެ ކާބަފައިންގެ މައްޗަށް ދުޢާކުރުމަށާއި ޤުރްބާނީތައް ކަތިލުމަށް ގޮސް އުޅެނީ މި ގަސްދޮށަށެވެ. އެމީހުން ބައެއްފަހަރަށް މި ގަސްދޮށަށްގޮސް ފޭލިގެ ޖަހައިގެން އެތައް ދުވަހަކު އެތާނގައި ތިބެއެވެ. އެމީހުން މަސްބާނަންދާ ކަނޑާއި ދަނޑުވެރިކަން ކުރާ ބިން އޮންނަނީ މި ގަހާ ކައިރި ހިސާބެއްގައެވެ.

މި ގަހުގެ ދަށުގައި އިށީނދެގެން އެ ޤަބީލާގެ ޒަޢީމު މާރޓިން އަބްރޯ ވިދާޅުވިގޮތުގައި "ޕެޕުއާ މީހުންނަށް ބަލާއިރު ބިމަކީ އެމީހުންގެ ޝަޚްޞިއްޔަތެވެ. އެހެން ޤަބީލާއަކުން އަހުރެމެން ބަލައެއް ނުގަންނާނެއެވެ. އަހުރެމެންގެ ދަރީންނާއި ކާފަ ދަރީން ދާނީ ކޮންތަނަކަށް ހެއްޔެވެ؟"

މި ޤަބީލާގެ ބައެއް މީހުން އިންޑޮނީޝިޔާގެ އެހެން ހިސާބުހިސާބުގައި މިހާރު އެބަ އުޅެއެވެ. އެހެނަސް ގިނަ މީހުން އަދިވެސް އުޅެނީ އެމީހުންގެ ޠަބީޢީ ވެށީގެތެރޭގައެވެ. އެމީހުން ދިރިއުޅެނީ މަސްވެރިކަންކޮށްގެން ބޭނޭ މަހުންނާއި އަލައާއި ކުރުކުރާއި ކައްޓަލައިގެ މަތީގައެވެ. އެމީހުން ދަނޑުވެރިކަން ކުރާ ބިން ދެ އަހަރުން ދެ އަހަރުން ބަދަލު ކުރެއެވެ. މީގެ މާނައަކީ ދަނޑުވެރިކަން ކުރަމުންދަނީ ދައުރުވާ ގޮތަށެވެ. ބިމަށް ގެއްލުން ނުލިބޭ ގޮތަށެވެ.

ވަރުބޯ ޖަޒީރާގައި ހާހެއްހާ މީހުން އުޅެއެވެ. އޭގެތެރެއިން ބައެއް މީހުން އެހެން ޤަބީލާތަކުގެ މީހުންނާ ކާވެނި ކުރެއެވެ. އެއީ ވަރަށް މަދުންނެވެ. ހޮލެންޑްގެ އިސްތިޢުމާރުގެ ދުވަސްވަރު އޭގެތެރެއިން ބައެއް މީހުން ވަނީ ނަޞާރާ ދީނަށް ވައްދައިފައެވެ. މި ޖަޒީރާގައި ފައްޅިއެއް ވެސް ހުރެއެވެ. މި ފައްޅިން ވެސް ސަރުކާރުގެ މި މަޝްރޫޢާ ދެކޮޅު ހަދައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް