Support Us

މިޞްރުގެ މިނިވަން އޮފިސަރުންގެ ނިމުމެއް ނެތް އިންގިލާބު

ޚާންދާނީވެރިކަމުގެ ދުވަސްވަރު ރޯމަނުންނާއި ގަދީމީ ޔޫނާނު (ގުރީކު)ގެ ބާރުގެ ދަށުގައި މިޞްރު އޮތެވެ. އެލެގްޒެންޑާ ދަ ގްރޭޓާއި ޖޫލިއަސް ސީޒަރ އާއި ނަޕޯލިއަން ބޮނަޕާޓް ފަދަ އަސްކަރީ ވެރިން މިޞްރު ހިފިއެވެ. ފަރަންސޭސިވިލާތާއި ތުރުކީވިލާތާއި އިނގިރޭސީވިލާތުގެ އަޅުވެތިކަމުގައި ވެސް މިޞްރު އޮތެވެ. ގަދީމީ ޙަޟާރަތެއް އޮތް މިޞްރުގެ ވެރިކަމުގެ މި ޒަމާނުގެ ތާރީޚު ލިޔެވެން ފެށީ 1952 ވަނަ އަހަރު އެ ޤައުމުގެ ސިފައިންގެނައި އިންގިލާބަކުންނެވެ.

"މިނިވަން އޮފިސަރުން"ގެ އިންގިލާބީ ހަރަކާތުގައި މިޞްރުގައި އޮތް ރަސްގެފާނު ފާރޫޤު އަލް އައްވަލްގެ ރަސްކަން ނިމުމަކަށް ގެނައެވެ. އަދި 1953 ވަނަ އަހަރު ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރިއެވެ.

މިޞްރުގެ ފުރަތަމަ ޖުމްހޫރީ ރައީސަކީ ޖެނެރަލް މުޙައްމަދު ނަޖީބު (1953- 1954) އެވެ. ރައީސް ނަޖީބަށް ކުރިމަތިވި މަޖުބޫރު އިސްތިޢުފާއަކަށް ފަހު ރައީސްކަމަށް އިސްވެވަޑައިގަތީ ޖެނެރަލް ޖަމާލު ޢަބްދުއްނާޞިރު (1956- 1970) އެވެ. ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އެ މަނިކުފާނު އަވަހާރަވުމުން ޖެނެރަލް މުޙައްމަދު އަންވަރުއްސާދާތު (1970- 1981) ރައީސްކަމަށް އިސްވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތެއްގައި ސިފައިންގެ ހެވިކަން ބައްލަވަން އިންނަވަނިކޮށް ދިން ބަޑީގެ ހަމަލާއެއްގައި ރައީސް ސާދާތު އަވަހާރަކޮށްލިއެވެ. އެއަށްފަހު ރައީސްކަމަށް އިސްވެވަޑައިގަތީ ޙުސްނީ މުބާރަކު (1981- 2011) އެވެ. ރައްޔިތުން ނުކުމެ ކުރި އިހުތިޖާޖުތަކާއެކު ރައީސް މުބާރަކަށް ވެރިކަން ދޫކޮށްލައްވަން މަޖުބޫރުވީ "އަރަބި ބަހާރު"ގައެވެ.

މިޞްރުގެ ރައްޔިތުން 2012 ވަނަ އަހަރުގެ ޖޫން 24ގައި ރައީސަކު ހޮވުމަށް ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުންވޯޓު ލިއެވެ. މިޞްރުގައި މިހާތަނަށް އުފެދުނު ޑިމޮކްރެޓިކް ހަމަ އެކަނި ސަރުކާރުގެ ރައީސަކަށް ރައްޔިތުން އިންތިޚާބުކުރީ ޑރ. މުޙައްމަދު މުރުސީ (2012- 2013) އެވެ. ރައީސް މުރުސީގެ ވެރިކަން ބަދަލުކުރީ އަނެއްކާ ވެސް ސިފައިން ގެނައި އިންގިލާބެއްގައެވެ. މި އިންގިލާބީ ލީޑަރަކީ ސިފައިންގެ ވެރިޔާ ޢަބްދުލް ފައްތާޙު އަލް ސީސީ އެވެ. ފަހުން ބޭއްވި އިންތިޚާބެއް ސީސީ ވަނީ ކާމިޔާބު ކުރައްވާފައެވެ. ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އެ އިންތިޚާބު އޮބުޒާވުކުރި ފަރާތްތަކުން ބުނެފައިވަނީ އެ އިންތިޚާބުގައި ވޯޓުލީ ހަމައެކަނި ސީސީގެ ސަޕޯޓަރުން ކަމަށެވެ. ޖޫން 8، 2014 ގައި ރައީސްކަމުގެ ހުވާ ޖެނެރަލް ޢަބްދުއްފައްތާޙު ސަޢީދު ޙުސައިން ޚާލިދު އަލް ސީސީ ކުރެއްވިއެވެ.

ރައީސްކަމުން ދުރުކޮށް، ހައްޔަރުކޮށް، ދައުވާ އުފުލައި ރައީސް ޑރ. މުރުސީގެ މައްޗަށް އިއްވީ މަރުގެ ޙުކުމެވެ. އެ ޙުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރެވުނެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް 2019 ޖޫން 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުރުސީ ވަނީ އަވަހާރަވެފައެވެ.

ޖެނެރަލް ނަޖީބާއި ޖެނެރަލް ޖަމާލު ޢަބްދުއްނާޞިރާއި ޖެނެރަލް އަންވަރުއްސާދާތު ފަދަ ބޭފުޅުން "މިނިވަން އޮފިސަރުން"ގެ ގޮތުގައި އިސްވެ ތިއްބަވައިގެން 1952 ވަނަ އަހަރު ގެންނެވި އަސްކަރީ ވެރިކަމުގެ ސަގާފަތަށް ނިމުމެއްނައެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *