ޗއިނާގެ ރައީސް ޝީ ޖިންގް ޕިންގާއެކު އިއްޔެ ބޭއްވެވި ބައްދަލުވުން ވަރަށް ރަނގަޅު ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑްން ސިފަކުރައްވައިފިއެވެ.
އިއްޔެ ހެނދުނު ދާދިވަރުކޮށް ބޭއްވެވި ސަމިޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ބައިޑްން ވިދާޅުވިގޮތުގައި އޭނާއާއި ޝީ ފަސްފަހަތުން ވަޑައިގަންނަވަން ޖެހޭ އެތައް މަސްއަލަތަކެއް އެބަހުށްޓެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އޭނާގެ އެހީތެރީން ޗައިނާއާއެކު މި މަސްއަލަތަކާ ބެހޭގޮތުން އިތުރު ވާހަކަ ދެއްކުންތައް ބާއްވާނެއެވެ. މިއީ ކޮން ކަހަލަ މަސްއަލަތަކެއް ކަމެއް ބައިޑްން ވިދާޅެއް ނުވެއެވެ.
އެ ދެބޭފުޅުންގެ އިއްޔެގެ ބައްދަލު ކުރެއްވުމުގައި ޓައިވާނާ ބެހޭ ގޮތުން އެއްވެސް "ކުރިއެރުމެއް" ޙާޞިލުކުރެއްވުނުތޯ ނޫސްވެރީން ދެންނެވުމުން ބައިޑުން ވިދާޅުވިއެވެ. "ޓައިވާނުގެ ޤާނޫނަށް އަޅުގަނޑުމެން ތާއީދު ކުރާ ވާހަކަ އަޅުގަނޑު ޝީއަށް ދެންނެވީމެވެ."
ޓައިވާނަށް އެހީވުމާ ބެހޭގޮތުން އެމެރިކާގެ ކޮންގްރެސް އިން ވަނީ އެތައް ޤާނޫނުތަކެއް ފާސްކޮށްފައެވެ. ޚާއްޞަކޮށް ރައީސް ޓްރަމްޕްގެ ވެރިކަމުގައި ވަނީ އެތައް ޤާނޫނުތަކެއް ފާސްކޮށްފައެވެ. އެހެނަސް ޗައިނާއިން ވަނީ މި ޤާނޫނުތަކާ ދެކޮޅު ހަދައިފައެވެ. ޗައިނާ ބުނާގޮތުގައި އެއީ އެ ޤައުމުގެ ދާޚިލީ މަސްއަލައަކާ ބެހޭ ޤާނޫނުތަކެކެވެ.
ހަތިޔާރު މަދުކުރުމާ ބެހޭ ވާހަދެއްކުންތައް
އަނެއްކޮޅުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވަން ވިދާޅުވާގޮތުގައި ބައިޑްން ޝީގެ ބައްދަލު ކުރެއްވުމުގައި ހަތިޔާރު މަދުކުރުމާ ބެހޭގޮތުން ވަނީ ބަޙުސް ކުރައްވައިފައެވެ. "އިސްތިރާތީޖީ ހަމަޖެހުމާ" ބެހޭގޮތުން ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިޔުމަށް ދެ ރައީސުން އެއްބަސްވެ ވަޑައިގެންނެވިއެވެ. ޗައިނާއިން ނިޔުކްލިއަރ ހަތިޔާރާއި މިސައިލް ހަތިޔާރު ތަރައްޤީ ކުރަމުން އިތުރު ކުރަމުން ދާތީ އެމެރިކާއިން ވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ.
ބްރޫކިންގްސް އިންސްޓިޓިޔުޓުގެ ސިންތާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޮލިވަން ވިދާޅުވިއެވެ. "މި ވާދަވެރިކަން އަރާރުމަކަށް ބަދަލުވެގެން ދިޔަ ނުދިނުމަށް ޓަކައި ތަފާތު ފެންވަރުތަކުގައި ވާހަކަދެއްކުންތައް ކުރިއަށް ދާތަން ފެންނާނެއެވެ." ނަމަވެސް ސޮލިވަންގެ ވާހަކަފުޅުގައި މި ވާހަދެއްކުންތައް ބޭއްވެމުންދާނީ ކޮން ފެންވަރެއްގައި ކޮން ގޮތަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ. އޭނާ ހާމަކުރެއްވިގޮތުގައި ރަޝިޔާއާއެކު ބޭއްވެމުންދާ ވާހަކަދެއްކުންތަކާ މި ވާހަކަދެއްކުންތައް ވަރަށް ތަފާތެވެ."
ރަޝިޔާއާއެކު ބޭއްވެމުންދާ ވާހަކަދެއްކުންތަކަކީ މާ ފުން މާ ބޮޑަށް ފައްކާވެފައިވާ ވާހަކަދެއްކުންތަކެކެވެ. ޗައިނާއާ އެމެރިކާއާ ދެމެދުގައި ބޭއްވެމުންދާ ވާހަކަދެއްކުންތައް އަދި "ރިއްސެޔޮ ނުލައި" ކަމަށް ސޮލިވާން ވިދާޅުވިއެވެ. ދެ ޒަޢީމުން މި މަސްއަލައާމެދު ބަޙުސް ކުރެއްވިއެވެ. މިކަމުގައި ކުރިއަށް ދެވޭނެ ރަނގަޅު މަގަކާމެދު ވިސްނަން ޖެހިފައިވާ ކަމަށް ސޮލިވާން ވިދާޅުވިއެވެ. ހަތިޔާރު މަދުކުރުމާ ބެހޭގޮތުން އެމެރިކާ-ރަޝިޔާ–ޗައިނާ ބައިވެރިވާ އައު މުޢާހަދާއެއް އެކުލަވައިލުމަށް ވޮޝިންގްޓަނުން ގޮވައިލައެވެ.

ފުރަތަމަ ސަމިޓް
އިއްޔެ ޗައިނާއަށް ވަރަށް ހެދުނުގެ ވަގުތެއްގައި ބޭއްވުނު މި ސަމިޓަކީ ބައިޑްން- ޝިގެ ފުރަތަމަ ސަމިޓެވެ. ސަމިޓް ބޭއްވުނީ ދާދިވަރުކޮށް ޓީވީ މެދުވެރިކޮށެވެ. ޗައިނާއިން އެ ޤައުމުގެ ޝިންޖިއެންގް ސަރަހައަދުގެ ރައްޔިތުންނާއި ޓިބެޓްގެ ރައްޔިތުންނާމެދު މުޢާމަލާތު ކުރަމުންދާ ލާއިންސާނީ ގޮތް ރައީސް ބައިޑްން ފާހަގަ ކުރެއްވިއެވެ. އަދި ހޮންގްކޮންގްގައި ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވެސް ބައިޑްން ފާހަގަ ކުރެއްވިއެވެ.
ޗައިނާއިން ވިޔަފާރިއާއި އިޤްތިޞާދީ މައިދާނުގައި ގެންގުޅޭ ސިޔާސަތުން އެމެރިކާގެ ޞިނާޢަތްތަކާއި މަސައްކަތު މީހުން ޙިމާޔަތް ކުރުމަށް ބައިޑްން ވަރަށް އިސްކަން ދެއްވާކަމަށް ވެސް ވިދާޅުވިއެވެ. އެ ދެ ޤައުމުގެ ދެމެދުގައި އޮތް ވާދަވެރިކަން ގަސްތުގައި ވިޔަސް ނުގަސްތުގައި ވިޔަސް ކޯޅުމަކަށް ބަދަލު ވެގެން ދިޔަ ދީގެން ނުވާނެ ކަމަށް ބައިޑްން ވިދާޅުވިއެވެ.
ޓައިވާނާ ބެހޭގޮތުން "އެކަހެރި ފިޔަވަޅެއް" ނޭޅުމަށް ރައީސް ބައިޑްން ޗައިނާއަށް އެންގެވިއެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި "އެއް ޗައިނާ"ގެ ސިޔާސަތަށް އެމެރިކާ ކަށަވެތިވާނެއެވެ، އެ އެއްބަސްވުމަށް ވަފާތެރިވެސް ވާނެއެވެ.
ދެ ރައީސުންގެ ބައްދަލުވުމުގައި އިންޑިޔާ ކަނޑާއި ޕެސިފިކް ކަނޑު މިނިވަންކަމާއެކު ހުޅުވިފައިވާ ސަރަޙައްދުތަކަކަށް ހެދުމުގެ މަސްއަލައާ މެދު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެ ސަރަޙައްދުތަކުގައި އެމެރިކާއިން ކަށަވެތިވެފައިވާ ގޮތަށް ޢަމަލު ކުރަމުން ދާނެ ކަމަށް ރައީސް ޝީއަށް ރައީސް ބައިޑްން ދެންނެވިއެވެ. އެ ސަރަޙައްދުތަކުގެ ފާގަތިކަމަށް ޓަކައި އެ ސަރަޙައްދުގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓެން ޖެހޭނެކަމަށް ވެސް ބައިޑްން ވިދާޅުވިއެވެ.
ޗައިނާ ބުނީ ކީކޭ
ޗައިނާގެ ރައީސް ޝީ ވިދާޅުވިގޮތުގައި އެމެރިކާއާ ޗައިނާއާ ދެމެދުގައި ގުޅުންތައް މެދުކަނޑައިނުލައި ކުރިއަށް ގެންދެވެން ވާނެއެވެ. އަދި އެއްބާރުލުން ދަމަހައްޓަން ޖެހޭނެއެވެ. "ޒަމާންވީ ރަޙްމަތްތެރިޔާއާ" ޓީވީގެ ޒަރީޢާއިން ނަމަވެސް ބައްދަލު ކުރެއްވުނީތީ އުފާ ކުރައްވާކަމަށް ޝީ ވިދާޅުވިއެވެ. ޝީ ދެންނެވިއެވެ. "އަޅުގަނޑު މި ހުރީ މަނިކުފާނާއެކު އެއްބާރުލާން ތައްޔާރަށެވެ."
ޗައިނާގެ ރަސްމީ ނޫސް އޭޖެންސީން ބުނިގޮތުގައި ޓައިވާނުގެ މަސއަލައިގައި ރަތް ރޮނގު ހުރަސްކޮށްފިނަމަ ޗައިނާއަށް ޖެހޭނީ "ކަނޑައި ވައްޓައިލެވޭފަދަ ފިޔަވަޅުތަކެއް އަޅާށެވެ."
ޗައިނާއިން ސިފަކުރި ގޮތުގައި މި ސަމިޓަކީ "ބިނާކުރަނިވި މަތިވަރު ރަނގަޅު ޞަރީޙަ ބައްދަލު ކުރެއްވުމެކެވެ."



advertisment