އެމެރިކާގެ ރައީސް ބައިޑްނާއި ޗައިނާގެ ރައީސް ޝީ ދާދިވަރުކޮށް މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ސަމިޓް ފަށްޓަވަމުން ބައިޑްން ވިދާޅުވިގޮތުގައި ދުނިޔޭގެ އެންމެ އިސް ދެ ޒަޢީމުންގެ ހައިސިއްޔަތުން އެ ދެބޭފުޅުންގެ އިސްތަށިފުޅުގައި ޒިންމާތަކެއް ވަނީ އެޅިފައެވެ. އެމެރިކާއާއި ޗައިނާއާ ދެމެދުގައިވާ ނުތަނަވަސް ގުޅުމުގެ ސަބަބުން ހުޅުވިފައިވާ އަރާރުމަކާ ދިމާއަށް ގޯޅި އެޅިޔަ ނުދީ ހިފެހެއްޓުމަކީ އެ ދެ ބޭފުޅުންގެ މަސްއޫލިއްޔަތެކެވެ.
ބައިޑްން ވިދާޅުވިއެވެ. "އެ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ވާދަވެރިކަން ގަސްތުގައި ވިޔަސް ގަސްތުގައި ނޫނަސް އަރާރުމަކަށް ބަދަލުވެގެން ގޮސްގެން ނުވާނެއެވެ."
ޗައިނާގެ ރައީސް ޝީ ޖަވާބުގައި ވިދާޅުވި ގޮތުގައި އެ ދެ ޤައުމާ ވަނީ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. މިހެންވެ ގުޅުންތައް މެދުކެނޑުނަ ނުދިނުމަށާއި އެއްބާރުލުން ހަރުދަނާކުރުމަށް ޓަކައި އެކުގައި މަސައްކަތް ކުރަން ވަނީ ޖެހިފައެވެ. އެކުގައި ޞުލްޙަމަސަލަސްކަންކަން މަތީ ދިރިއުޅުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމު ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝީ ވިދާޅުވިއެވެ.
ޝީ ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާއި ކޮރޯނާ ވައިރަސް ވަބާ ފަދަ ދުނިޔެއާ ކުރިމަތިވެފައިވާ ބޮޑެތި މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި އެ ދެ ޤައުމުގެ ދެމެދުގައި ހަމަޖެހުން ލިބިފައިވާ ދުޅަހެޔޮ ގުޅުމެއް އޮތުން ލާޒިމު ކުރެއެވެ.
މީގެ ކުރިން ޝީއާއި ބައިޑްން ދެފަހަރަކު ފޯނުން ގުޅުއްވާފައި ވެއެވެ. އެހެނަސް މިއީ ވީޑިއޯ ކޮންފަރެންސް މެދުވެރިކުރައްވާ އެ ދެ ޒަޢީމުން ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.
ދާދިވަރުކޮށް މި ސަމިޓް ބޭއްވިފައި މިވަނީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދީ ބާރުގެ ދެމެދުގައި ކޮރޯނާ ވަބާއާއި ހޮންގްކޮންގާއި ޝިންޖިއެންގްގެ އިންސާނީ ޙައްޤުތަކާއި ޓައިވާނުގެ މިނިވަންކަމާ ބެހޭ މުހިއްމު މަސްއަލަތަކުގައި އެ ދެ ޤައުމުގެ ދެމެދުގައި އަރާރުންތައް ހިނގަމުންދާ ވަގުތެއްގައެވެ.
މި ސަމިޓްގެ ކުރިން ވައިޓްހައުސްގެ ތަރްޖަމާނު ޖީން ސައިކީ ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި މި ސަމިޓާމެދު މާ އުންމީދީ ނަޒަރަކުން ނުބެލުން ރަނގަޅެއް ވާނެއެވެ. ފާހަގަ ކުރެވޭވަރުގެ ރަނގަޅު ނަތީޖާއެއް ނުނުކުމެ ހިނގައިދާނެއެވެ.



advertisment