Support Us

އިތިޔޯޕިޔާ.. އާބީ އަޙްމަދުގެ ނޮބެލް އިނާމުން ތަޅަމުންދާ ލޭތިކިތައް

އިތިޔޯޕިޔާ ވެފައި ވަނީ އެފްރިކާގެ ބައްރުގައި އޮތް އިސްތިޢުމާރީ ކަޅު ފިޔަވައްސަށްފަހު އެ ބައްރުގެ ވެރިރަށް ކަމުގައެވެ. ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތްކުރުމަށާއި މިނިވަންކަމުގެ ޙަރަކާތްތަކަށް ވާގިވެރިވުމަށް އުފެއްދުނު އެފްރިކާގެ އެއްބައިވަންތަކަމުގެ ޖަމްޢިއްޔާ އުފަންވެފައިވަނީ މި ޤައުމަށެވެ.
ޤާހިރާގައި 1964ވަނަ އަހަރު ބޭއްވުނު މި ޖަމްޢިއްޔާގެ ސަމިޓުން ނިންމި ނިންމުންތަކުގެ ތެރޭގައި އިސްތިޢުމާރުގެ ސަބަބުން އުފެދުނު ސަރަޙައްދުތަކަށް އިޙްތިރާމު ކުރުން ވެއެވެ. މި ކަމުގެ ސަބަބުން އިސްތިޢުމާރީ ހަނގުރާމަތަކުން މިނިވަންކަން ލިބުނު ޤައުމުތަކަށް އަރާރުންތަކާއި ހަލަބޮލިކަމާ ދުރުގައި ޞުލްޙަމަސަލަސްކަންމަތީގައި ދެމި އޮވެވުނެވެ.

އެޑިސްއަބާބާ ވެފައިވަނީ އެފްރިކާގެ ތަފާތު ފިކްރުތަކުގެ ވެރީން އެއްގަލަކަށް އަރުވައިދިން ރަމުޒަކަށެވެ. އިތިޔޯޕިޔާއަކީ އެފްރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މިނިވަންކަން ލިބުނު އެއް ޤައުމެވެ.

އަމްހަރީ ނަސްލުގެ އިމްބަރާޠޫރުންގެ ޒަޢާމަތުގެ ދަށުގައި އެތައް ސަރަޙައްދުތަކެއް ހިމެނޭ އެއް ދައުލަތެއް ޤާއިމުވެގެން ދިޔައެވެ. ނަސްލާއި މޮށެއުޅޭ ބަސް ތަފާތުވެ ސަޤާފަތް ސިންދަފާތުވިޔަސް އެއް ދައުލަތެއްގެ ގިއުގަނޑުގެ ތެރޭގައި ބެނދެވިގެން އޮތެވެ. މި ދައުލަތުގައި ހިމެނޭ ޤައުމިއްޔާތުތަކަކީ: އަމްހަރީންނާއި، އޫރޯމޯއިންނާއި، ޓިގްރީންނާއި، ޞޫމާލީންނެވެ. މި ޤައުމިއްޔާތުތަކުގެ އިތުރަށް ކުދިކުދި އެތައް ޤައުމިއްޔާތުތަކެއް މި ދައުލަތުގައި ހިމެނުނެވެ. އެހެންކަމުން ދާޚީލީ އަރާރުންތަކާއި ކޯޅުންތައް މެދުނުކެނޑި ހިނގަމުން ދިޔައެވެ. އިމްބަރާޠޫރު ހޭލާ ސިލާސީގެ މަޑުމައިތިރި ސިޔާސަތުގެ ދަށުގައި އިތިޔޯޕިޔާ ކުރިއަށް ދަނިކޮށް 40 އަހަރު ފަހުން، 1974ގައި އެ ޤައުމަށް ޢަސްކަރީ އިންޤިލާބެއް ގެނެވިއްޖެއެވެ. މި އިންޤިލާބުގެ ޒަޢީމަކީ ކަރނަލް މެންގެސްޓޯ ހޭލާ މަރިޔާމެވެ.

ހޭލާ ސިލާސީ

ހޭލާ މަރިޔާމަކީ ވާތު ފިޔައިގެ ފިކްރުގެ ބޭފުޅެކެވެ. އޭނާގެ ޚުދްމުޚްތާރު ވެރިކަމުގެ ދުވަސްވަރުގައި އިތިޔޯޕިޔާގައި އޮތީ މުޅިންވެސް ހަނގުރާމައެވެ. ތަޅާފޮޅުމާއި އަރާރުމެވެ. އޭނާ އެރިތުރިޔާއާއި ޞޫމާލާ ދެކޮޅަށް އެތައް ހަނގުރާމަތަކެއް ކުރެއްވިއެވެ. ނަތީޖާއަކަށް ވީ ހަރުކަށިކަމާއި ފަޤީރުކަން ޤައުމަށް ވެރިވުމެވެ.

ހޭލާ މަރިޔާމު

އިތިޔޯޕިޔާއަކީ 12 ކޯރާއި 22 ކުޅި އޮތް އެތައް މިލއަން ހެކްޓަރެއް މުއްސަނދި ދަނޑު ބިންތައް ލިބިފައިވާ ޤައުމެކެވެ. އެހެނަސް އެ ޤައުމު ދިރިއުޅެމުން ދިޔައީ ބަނޑަށް ޖެހުމުގެ ހިރާހުގެ ތެރޭގައެވެ. މި ހިނގި ހަނގުރާމަތަކުގެ ސަބަބުން އެތައް ދިހަ ހާސް ބަޔަކު މަރުވެ އެތައް މިލިއަން ޑޮލަރުތަކެއްގެ ބުރަ އުފެއްލަން ޖެހުނެވެ. ޤައުމު ބަދަލުވެގެން ދިޔައީ އެ ޤައުމުގެ ބިމަށް ނުކަތާވަރުގެ ކަށްވަޅުތަކަކަށާއި ޖަލުތަކަކަށެވެ. ނަތީޖާއަކަށް ވީ ފުރަތަމަ ފަހަރު ގޮވިވަރަށްވުރެ ބާރުގަދަ ގޮވުމަކުން ޤައުމު ދެވަނަފަހަރަށް ގޮވުމެވެ. މި ފަހަރުގެ ގޮވުމުގައި ހަނގުރާމަމަތީ އެތައް ޖަމާޢަތްތަކެއް ބައިވެރިވިއެވެ. މި ޖަމާޢަތްތަކުގައި ހިމެނޭ އެންމެ ވަރުގަދަ ޖަމާޢަތަކީ ޓިގްރޭ ޖަމާޢަތެވެ. މި އިންޤިލާބަށްފަހު ސަރުކާރުގެ ވެރިކަމަށް އިސްކުރެވުނީ މެލެސް ޒިނާވީއެވެ. އޭނާއަކީ ތަރައްޤީގެ ޚިޔާލުހުރި ވަރަށް އިސްތިރާތީޖީ ސިކުނޑިއެއްގެ ވެރިއެކެވެ. އޭނާ ވަރަށް އުންމީދީ އިޤްތިޞާދީ މަޝްރޫޢުތަކެއް ރާއްވަވައި ބޭރުގެ ވުނަކުރުންތަކަށް ޤައުމު ހުޅުވާލެއްވިއެވެ. ތަޢުލީމު ތަރައްޤީ ކުރައްވައި ޤައުމަށް ބޭނުންވާ ބިނާރުތަކަށް މަގުފަހި ކުރެއްވިއެވެ. އެއްގަމުގެ ހަލިމަގުތަކާއި ރޭލްވޭ ބިނާކުރެއްވިއެވެ.

ނަތީޖާއަކަށްވީ ޤައުމު އައު ފިޔަވައްސަކަށް ހޭލުމެވެ. ސަރަޙައްދުތައް ތަފާތު ކުރުމެއް ނެތިއެވެ. ހުރިހާ މައިދާންތަކެއް ޝާމިލުވާ ގޮތަށެވެ.
ނަމަވެސް ޢަޤީދާގެ ތަފާތުކަމާއި ސަޤާފީ އަރާރުމާއި އިޖްތިމާޢީ ބައިބައިވުންތަކުގެ ލަޢުނަތުން ޤައުމު ސަލާމަތެއް ނުވިއެވެ. ޤައުމުގައި އޮތް އެންމެ ބޮޑު ނަސްލު އޫރޯމޯ ނަސްލުގެ މީހުން ވާދަވެރި ޓިގްރޭއިން ޤައުމުގައި ވެރިކަން ކުރާތީ ހިތްހަމައެއް ނުޖެހުނެވެ. ޤައުމުގައި 1995ގައި ފާސްކުރެވުނު ޤާނޫނުއަސާސީގައި ޤައުމު ބަހާފައި ވަނީ ނުވަ ސަރަޙައްދަކަށެވެ. މިއިން ކޮންމެ ސަރަޙައްދަކަށް ދާޚިލީ މިނިވަންކަން ދީފައި ވެއެވެ. މި ޤާނޫނުއަސާސީ އެކުލަވައިލުމުގައި އެންމެ އިސްބަސް ކިޔާފައި ވަނީ ޓީގްރޭއިންނެވެ.

މި ޤާނޫނު އަސާސީގައި އައިސްފައިވާ އެންމެ ބޮޑު ބަލިފަޔަކީ އަދި އެންމެ ނުރައްކާތެރި އުނި ސިފައަކީ ސަރަޙައްދުތައް ނަސްލުތަކަށް ބަލައިގެން ބަހާފައި އޮތްއޮތުމެވެ. އަދި ކޮންމެ ސަރަޙައްދަކަށް އެ ސަރަޙައްދުގެ ރައްޔިތުން އެދޭ ގޮތެއްގެ މަތިން މައި ސަރުކާރާ ވަކިވުމުގެ އިޚްތިޔާރު ދީފައި އޮތުމެވެ.

މެލެސް ޒިނާވީ

މެލެސް ޒިނާވީ ގެންގުޅުއްވި ޝާމިލު ފުޅައު ތަރައްޤީގެ ސިޔާސަތުގެ ސަބަބުން ޤައުމުގެ އެއްބައިވަންތަކަން ރޫޅިގެން ނުގޮސް ހިފެހެއްޓުނެވެ. ޤައުމުގައި ހަރުދަނާ ވަޠަނީ ރޫޙެއް އުފެދި ހަރުދަނާވެގެން ދިޔައެވެ. އަހްލީ ހަނގުރާމައިގެ ސަބަބުން ޤައުމު ދެކެފައިވާ ހައިހޫނުކަމާއި ފަޤީރުކަން މަޑުމަޑުން ނެތެމުން ދާން ފެށިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކާއެކު ގުޅުން ބަދަހިވެ ރަޙްމަތްތެރީން ގިނަވެގެން ދިޔައެވެ. އިތިޔޯޕިޔާއަށް ސުލްޙަމަސަލަސްކަން އައިސް އަމާން ތަނަކަށް ވިއެވެ.

މެލިސް ޒިނާވީ އަވަހާރަވުމުން އިތިޔޯޕިޔާއަށް އެ ޤައުމުގެ އެއްބައިވަންތަކަން ބަދެދޭ ކަމަރު ގެއްލިގެން ދިޔައެވެ. ޤަބީލާތަކުގެ އެތެރެ ހަށީގައި ހެދިފައި ހުރި ނަސްލީ ތަޢާއްޞުބާއި އަމިއްލަ ސަޤާފަތުގެ ބޯތައް ވަރުގަދައަށް ހެދި ބޭރަށް ނުކުމެ ޤައުމު އަނެއްކާ ވެސް ބައިބައިވުމެއްގެ ތެރެއަށް ހިނގައްޖެއެވެ.

އާބީ އަޙްމަދު 2018ގައި ޤައުމުގެ ވެރިކަމާ ޙަވާލުވެ ވަޑައިގެންފިއެވެ. "އެފްރިކާގެ ދަޅު"ގެ ސަރަޙައްދުގައި ޞުލްޙަ ޤާއިމު ކުރެއްވުމަށް ޓަކައި މަސައްކަތްތަކެއް ކުރެއްވިއެވެ. ސޫދާނުގެ އަހްލީ ހަނގުރާމަ ނިމުމަކަށް ގެންނެވުމުގައި އޭނާ މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މި ކަމުގެ ސަބަބުން އޭނާއަށް ސުލްޙައިގެ ނޮބެލް އިނާމު ލިބިވަޑައިގަތެވެ. މިކަމުގެ ސަބަބުން އިރުމަތީ އެފެރިކާގެ ޤައުމުތަކަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަދި ކިއެއްތޯއެވެ؟ މުޅި އެފްރިކާ ވެސް އެއީ ހެޔޮ ފާލެއް ކަމުގައި ތަޞައްވުރު ކުރިއެވެ. އެންމެން ވެސް ލަފާކުރިގޮތުގައި އިތިޔޯޕިޔާ އެފްރިކާގެ އިޤްތިޞާދުގެ މިނިކާވަގަށް ވާނެއެވެ. ނަމަވެސް އާބީއާ ބޮޑު ދެ މަސްއަލައަކާ ކުރިމަތިލައްވަން ޖެހިވަޑާއިގަތެވެ. އެއީ ނަހްޟާ ޑޭމްގެ މަސްއަލައާއި ޓިގްރޭ ސަރަޙައްދުގެ މަސްއަލައެވެ. ނަހްޟާ ޑޭމްގެ މަސްއަލައިގައި ރަޙްމަތްތެރި އަވަށްޓެރި ދެ ޤައުމުކަމުގައިވާ މިޞްރާއި ސޫދާނާއެކު ހުޅުވިފައިވާ ކުރިމަތިލުމަކާ ހަމައަށް ވަނީ ވަޑައިގަންނަވަން ޖެހިފައެވެ. ޓިގްރޭ މަސްއަލައިގެ ސަބަބުން ޤައުމުގެ މަރްކަޒީ ޢަސްކަރިއްޔާއާށް ވަނީ ޓިގްރޭ މިނިވަންކުރުމަށް މަސައްކަތް ކުރާ ޖަމާޢަތާ ކުރިމަތިލާން ޖެހުނެވެ. މި ކުރިމަތިލުންތަކުގައި ސަރުކާރުގެ ޢަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ބަރުދާސްތު ކުރަން ޖެހުނެވެ. މި ކުރިމަތިލުންތައް ފުޅައުވެ މިހާރު ވަނީ ހަނގުރާމައަކަށް ބަދަލުވެފައެވެ. މި ހަނގުރާމައިގައި ޓީގްރޭ ހަނގުރާމަވެރީން މިހާރު ވަނީ އިތިޔޯޕިޔާގެ ރޭލްވޭ މަގުތައް ހިފައިފައެވެ. މި ކަމުގެ ސަބަބުން އިތިޔޯޕިޔާ– ޖިބޫތީ އެއްގަމު މަގު ބަންދުވެއްޖެއެވެ. އިތުޔޯޕިޔާއަށް ކަނޑު މަގުން އެތެރެކުރެވޭ މުދާތައް އެތެރެކުރެވޭ މަގު ބަންދުވީއެވެ. އިތިޔޯޕިޔާއިން ބޭރު ކުރާ މުދާތަކަށް ދޮރު ބަންދުވީއެވެ. ހަނގުރާމަ ފުޅައުވުމާ ވިދިގެން އޮރޯމޯ ނަސްލުގެ ހަނގުރާމަމަތީ ބައެއް ޢުންޞުރުތައް ވެސް މިހާރު ވަނީ ޓީގްރޭ ހަނގުރާމަވެރީންނާ ގުޅިފައެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ ސިފައިންނަށް އެތައް މައިދާންތަކެއްގައި މިހާރު ވަނީ ހަނގުރާމަ ކުރާން ޖެހިފައެވެ. އިދިކޮޅު ހަނގުރާމަވެރީން މިހާރު ތިބީ އެޑިސްއަބާބާއަށް ދިޔުމުގެ މަގުމަތީގައެވެ.

އާބީ އަޙްމަދުގެ ސަރުކާރަށް ބުރަކުރުން އިތުރު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަހާއަކަށް ރެފިއުޖީންގެ މަސްއަލަ ވެއެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ނެތެމުން މަގުމަތިވަމުންދާ މީހުންގެ ޢަދަދު މިލިއަނުންމިލިއަނުން ދަނީ އިތުރު ވަމުންނެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވަމުންދާ މީހުންގެ ޢަދަދު ވަކީން މަދެއްނޫނެވެ. ޤައުމުގެ މުއްސަނދިކަން ބޮމުން ދަނީ ޢަސްކަރިއްޔާއިންނެވެ.

މި ހަލަބޮލިކަމާއި ހަމަނުޖެހުމާއި އަހްލީ ހަނގުރާމައިގެ ސަބަބުން އިތިޔޯޕިޔާ ސަރަޙައްދީ ވެރިކަންތަކަކަށް ރޫޅިގެން ހިނގައިދާނެ ބާވައެވެ؟ އެފްރިކާގެ އެއްބައިވަންތަކަމުގެ ރަމްޒު ނެތިގެން ހިނގައިދާނެ ބާވައެވެ؟

އެފްރިކާއަށް ބަލާއިރު ގިނަ ޤއުމުތައް އޮތީ ފޭލްވެފައެވެ. ޢާންމުވެފައިވަނީ ނިރުބަވެރިކަމާއި ފަސާދައާއި ހަނގުރާމައެވެ. ބީރަށްޓެހީންގެ އެދުންތަކުން ދަނީ ޤައުމު ރޫޅެމުންނެވެ.

އިތިޔޯޕިޔާއަކީ އެފްރިކާ ބައްރާ މިއަދު ކުރިމަތިވެފައިވަ ބަލިތަކުގެ (ޒަމާނީ ދައުލަތެއް ނެތުން- ދައުލަތުގެ މުއައްސަސާތައް އިރިފައިވުން- ނަސްލީ އަދި ޤަބަލީ ބައިބައިވުންތައް– ޚުދްމުޚްތާރު ވެރިކަން) ދިރިހުރި މިސާލެކެވެ. އާބީގެ ނޮބެލް އިނާމު އޭނާގެ ބުރިކަށްޓަށް ހެރިފައިވާ ޚަންޖަރަކަށް ވެއްޖެއެވެ. އެއިން ނުކުންނަމުންދާ ލޭތިކިތައް ދަނީ މުޅި އިތިޔޯޕިޔާއަށް ފެތުރެމުންނެވެ. މިއީ މި އިނާމު އާބީއަށް އެރުވި ފަރާތުން އިންތިޒާރު ކުރި ކަމެއްނޫނެވެ. މިއަދު ޞުލްޙައި ދުވަނީ އޭނާއާ ދުރަށެވެ. އެ ޞުލްޙަ އޮތީ ނީލަކޯރުގައި އޮޔާދެމޭ ހަށިތަކާއި ބަނޑުފުރާނަ މުއްތިކޮށްދޭނެ ކާއެތިކޮޅަކަށް އެދި ސަލާންޖަހަމުންދާ އިންސާނުންތަކެއްގެ އާދޭހާއެކުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް