Support Us

އިމާރާތުގެ ޚާރިޖީ ވަޒީރު ސޫރިޔާއަށް ކުރެއްވި ދަތުރުފުޅު؟

މި ދިޔަ ހަފުތާގައި އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާއިދު ސޫރިޔާއަށް ކުރެއްވި ކުއްލި ދަތުރުފުޅުގެ ސަބަބުން މެދުއިރުމައްޗަށާއި އެމެރިކާއަށް ސިހުމެއް ލިބިއްޖެއެވެ.

މި ދަތުރުފުޅަކީ މުހިއްމު އަދި ރަމްޒީ ކަމެއްކަމަށް ދާރިސުން ދެކެވަޑައިގަންނަވައެވެ. މި ކަމުގެ ސަބަބުން މިއީ މި ސަރަޙައްދަށް ބަދަލުތަކެއް އަތުވެދާނެކަމުގެ ހެޔޮ ބިޝާރަތެއް ކަމަށް ދާރިސުން ދެކެވަޑައިގަންނަވައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިމާރާތުންނާއި ބައެއް އެހެން ޤައުމުތަކުން ދިމަޝްޤަށް ވަނީ ހަމަހިމޭން އިސްނެގުންތަކެއް ހުށައަޅައިފައެވެ. އިމާރާތާއި އުރްދުނާއި މިޞްރާއި ސުޢޫދީ ޢަރަބިއްޔާ އެއްބަސްވާ ގޮތުގައި ސޫރިޔާއާއި ސޫރިޔާ ސަރުކާރު "ގަނޑުކަމުގެ" ތެރެއިން ބޭރަށް ނެރެން ޖެހޭ ވަގުތު އަތުވެއްޖެއެވެ.
ފްރާންސް 24 ނޫސް އޭޖެންސީ ބުނާގޮތުގައި މި ދަތުރުފުޅަކީ ރައީސް އަސަދު އޭނާގެ ސިޔާސީ އެކަހެރިކަމުން ބޭރަށް ނެރުމަށް ޓަކައި ކުރެވޭ ސަރަޙައްދީ މަސައްކަތްތަކެއްގެ ޢަލާމާތެކެވެ. ދިގުލައިގެން ގޮސްފައިވާ އަހްލީ ހަނގުރާމައިގެ ސަބަބުން ހުޅަނގުން ސޫރިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ސޫރިޔާ ވަނީ އިޤްތިޞާދީ ގޮތުން އިނދަޖެހިފައެވެ.

އިމާރާތުން ރަސްމީކޮށް މި ފެށި މަސައްކަތަކީ ސޫރިޔާ "ދަތިކަމުން" ބޭރަށް ނެރުމަށް ޓަކައި ކުރެވޭ މަސައްކަތްތަކެއް ތަމުސީލުކޮށްދޭ ކަމެކެވެ. އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫސް ބުނާގޮތުގައި ސޫރިޔާ ތަފާތު މައިދާންތަކުގައި ހަނގުރާމަ ކުރާތާ ދަހަރެއްހާ ދުވަސް ވެއްޖެއެވެ.

ސަރަޙައްދަށް އަންނަމުންދާ ސިޔާސީ ބަދަލުތައް

މިއަދު ސޫރިޔާއަކީ ބައިބައިކޮށް ފޮތިފޮތިކޮށްފައިވާ ޤައުމެކެވެ. އިރުމަތީ ސޫރިޔާގައި އޮތީ އެމެރިކާގެ ތާއީދާއި މަދަދު ލިބެމުންދާ "ސޫރިޔާގެ ދީމުޤްރާޠީ ބާރު" އެވެ. ސޫރިޔާގެ އުތުރާއި ހުޅަނގު އުތުރުގައި އޮތީ ތުރްކީގެ ބާރެވެ. ސޫރިޔާގެ އެހެން ބައިތައް އޮތީ ރައީސް އަސަދުގެ ބާރުގެ ދަށުގައެވެ. ދިމަޝްޤާއި ލާޛްޤިއްޔާގައި ބޮޑު ބައި ކުޅެނީ ރަޝިޔާއެވެ. ރައީސް އަސަދުގެ ވެރިކަން ދަމަހައްޓާ ދެނީ މޮސްކޯއިންނެވެ. އީރާނަކީ ވެސް އަސަދަށް ވާގިވެރިވާ ޤައުމެކެވެ. އީރާނުގެ ބާރުތައް ސޫރިޔާގެ ބޫކަމާލާއި ގޯލާން ކައިރީގައި އޮންނަ ތައްޔާސް ވައިގެ ބޭހުގައި އަސަދުގެ ސިފައިންނަށް ވާގިވެރިވަމުން ދެއެވެ.

އިމާރާތުގެ ރަސްމީ މީޑިއާ ބުނާގޮތުގައި އިމާރާތުގެ މަޤްޞަދަކީ "ސޫރިޔާއަށް ހަމަޖެހުން ގެނައުމާއި ސުރިޔާގެ އެއްބަނޑުއެއްބަފައި ރައްޔިތުންގެ އެދުންތަކަށް އިޖާބަ ދިނުމެވެ."

އަސަދުގެ ސިފައިން 2018ގައި ވަނީ ގޯލާނާ ކައިރި ސަރަޙައްދުތައް އަނބުރާ ހިފައިފައެވެ. އެއަށްފަހު އުރްދުނާއެކު ގުޅުންތައް ފެށުމަށް މަސައްކަތް ފެށިއެވެ. ލުބްނާނަށް ބޭނުން ހަކަތަ ތަނަވަސްކޮށް ދިނުމަށް ޓަކައި މިޞްރުން ހަކަތަ އެތެރެކުރުމުގެ މަސައްކަތެއް ވެސް ވަނީ ފަށައިފައެވެ. އަސަދުގެ މިހާރުގެ މިސްރާބަކީ ޗައިނާއާއެކު ގުޅުންތައް ބަދަހި ކުރުމެވެ. އެހެންކަމުން އެމެރިކާ މިވަނީ ސޫރިޔާގައި "ގާތްގަނޑަކަށް" ކަހަލަ ގޮތަކަށް ބާކީވެފައެވެ. ސޫރިޔާގައި އެމެރިކާއިން ކުރްދީންނަށް އެހީވާތީ އަންކަރާ ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.

ޢަބްދު ﷲ ބިން ޒާއިދުގެ ދަތުރުފުޅުގެ މަޤްޞަދަކީ ކޮބާ؟

އިމާރާތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒާއިދުގެ ދަތުރުފުޅަކީ ވަރަށް މުހިއްމު ދަތުރުފުޅެއް ކަމަށް ދާރިސުން ވިދާޅުވެއެވެ. އެތައް ސަބަބުތަކަކާ ހެދިއެވެ. އިމާރާތަކީ އެމެރިކާގެ މުހިއްމު ބައިވެރިއެކެވެ. އިމާރާތަކީ އިސްރާއީލާއެކު ގުޅުން ޤާއިމުކޮށްފައިވާ އިސްރާއީލު އިތުބާރު ކުރާ ޢަރަބި ޤައުމަކަށް ވާތީއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނެޑް ޕްރައިސް މި ދިޔަ ހަފުތާގައި ނޫސްވެރީންނަށް ހާމަކުރެއްވި ގޮތުގައި ބައްޝާރާއެކު ގުޅުންތައް ރަނގަޅު ކުރުމަށް އެމެރިކާ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެއެވެ. އަސަދަކީ ވަރަށް ގޮތެއް ނެތް ޚުދްމުޚްތާރު ވެރިއެކެވެ."

މެދު އިރުމައްޗަށް ބަލާއިރު ވޮޝިންގްޓަން ވަނީ މުހިއްމު މަސްއަލަތަކުގައި ޤާހިރާއާއި ރިޔާޟާ ވަރަށް ދުރުގައެވެ. ސޫދާނުގައި އެންމެފަހުން ގެނެވުނު އިންޤިލާބުގެ ސަބަބުން ވޮޝިންގްޓަން ވަނީ ޚުރްޠޫމު ދެކެ ވެސް ރުޅި އައިސްފައެވެ. ފެންނަފެނުމުގައި ވޮޝިންގްޓަންގެ ފައިދަށުން މިހާރު ދަނީ ދޫލަ ކެހެމުންނެވެ. މިއިން އެނގެނީ އެމެރިކާ ވަނީ އެ ޤައުމުގެ ޒަމާންވީ ރަޙްމަތްތެރީންނާ އެކު މަސްއަލަޖެހިފައިކަމެވެ. މީގެއިތުރަށް ބައިޑްންގެ ސިޔާސަތުގެ ސަބަބުން އެމެރިކާގެ މުހިއްމު އެކުވެރި ޤައުމެއްކަމުގައިވާ ތުރްކީއާއެކުގައި ވެސް ގުޅުންތައް އޮތީ ނުތަނަވަސްވެފައެވެ. ތުރްކީއަކީ ރަޝިޔާއާ ކުރިމަތިލުމުގައި އެމެރިކާއަށް މުހިއްމު ޤައުމެކެވެ. އެމެރިކާ ބޭނުންވަނީ އިސްރާއީލާއި ގްރީހާއި ސައިޕްރަހާއި އިމާރާތާއި މިޞްރާއި ސުޢޫދީ ޢަރަބިއްޔާއާއި ބަޙްރައިނާއި އުރްދުން އެކުލެވޭ ޖަމާޢަތެއް މެދުއިރުމަތީގައި ޤާއިމު ކުރާށެވެ.

ތުރްކީން ވަނީ މިދިޔަ ހަފުތާގައި ސޫރިޔާގެ ކުރްދިސްތާނަށް އަރަން ޖެހިދާނެކަމުގެ އިންޒާރުދީފައެވެ. ތުރްކީން ދަނީ ދާއިމީ ސިފައެއްގައި މި ސަރަޙައްދަށް ޙަމަލާތައް ދެމުންނެވެ.

އެމެރިކާ ބޭނުން ވަނީ ކޮން ކަމެއް

މި ކަންކަމާ ހެދި ސޫރިޔާގައި އެމެރިކާގެ ދައުރަކީ ކޮބައިހެއްޔެވެ؟ މިޞްރާއި އުރްދުން ގުޅިގެން ލުބްނާނަށް ހަކަތަ ފޯރުކޮށްދިނުމުގެ މަސައްކަތަކީ އެމެރިކާއާއި އިސްރާއީލުގެ ރުހުން ލިބިގެން ކުރިއަށްދާ ކަމެކެވެ. މި ކަމުގެ ބޭނުމަކީ ލުބްނާނަށް އީރާނުން އަތްގަދަ ކުރިޔަ ނުދިނުމެވެ. އެމެރިކާއިން މި ކަމަށް ރުހުން ދިނީ އީރާނުން ޙިޒްބުﷲ މެދުވެރިކޮށް ސުރިޔާ ތެރެއިން ލައިފައި ތެޔޮ ފޮނަވަން ފެށުމުންނެވެ. މި ކަންކަމާހެދި އިރުމަތީ ސޫރިޔާގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތަށް އަލުން ބަލައި ބަދަލު ގެނެސްފާނެ ކަމަށް ފެނެއެވެ. އިރުމަތީ ސޫރިޔާއަށް އެމެރިކާއިން އަރައި އަސަދާ އިދިކޮޅު ޖަމާޢަތްތަކަށް ވާގިވެރިވުމުގެ މަޝްރޫޢުގެ މޭސްތިރިއާ ބްރައިޓް މެކްގޯރކް މި ކަމާ ދެކޮޅު ހައްދަވައެވެ.

ބައިޑްންގެ ސަރުކާރަށް ބަލާއިރު މި ސަރުކާރުގެ ތަފާތު ބޭފުޅުންގެ ވިސްނުންފުޅު މި ކަމުގައި ތަފާތެވެ. ބައެއްބޭފުޅުން ބޭނުންފުޅު ވަނީ އެމެރިކާގެ މި "ތޫނު ސިޔާސަތު" "ކޮށި" ކުރާށެވެ. އަނެއްބައި ބޭފުޅުން ބޭނުންފުޅު ވަނީ އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް އިތުރު ކުރާށެވެ. އެމެރިކާއިން ވަނީ އީރާނުގެ ޑްރޯން ޕްރޮގްރާމާ ދެކޮޅަށް ޢުޤޫބާތީ އިތުރު ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެހެނަސް ޗައިނާއިން ދަނީ އެމެރިކާއަށް ގޮންޖަހައި އީރާނުން ތެޔޮ ގަންނަމުންނެވެ.

އެމެރިކާ ދެކޭގޮތުގައި އިމާރާތުގެ މި ރަސްމީ ޒިޔާރަތަކީ "ހުސް ތޮށިގަނޑެ"ކެވެ. މިއީ ބައިޑްންގެ ސަރުކާރުގެ އަޖުމަ ބަލައިލުމަށް ޓަކައި އިމާރާތުން އެރުވި ބެލޫނެއް ނޫންބާވައެވެ!

އިމާރާތުން 2018ގައި ވެސް އަސަދާއެކު އިސްނެގުމެއް ނަގަން ހުށައަޅައިފައިވާ ކަމަށް ދާރިސުން ވިދާޅުވެއެވެ. ސޫރިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަލީ މަމްލޫކު 2016ން ފެށިގެން މިޞްރުގެ މަސްއޫލުވެރީންނާ ބައްދަލުކުރައްވަމުންދާކަން ފާހަގަ ކުރެވެއެވެ.
ރޫސީ ރައީސް ޕޫޓިން 2021ގެ ސެޕްޓެންބަރުގައި ރައީސް އަސަދާއި އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓާ ވަނީ ވަކިވަކިން ބައްދަލު ކުރައްވައިފައެވެ.

މި ހުސްވި އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު އުރްދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ ރައީސް އަސަދާ ފޯނުން ބައްދަލު ކުރައްވައިފައެވެ. މިއީ އެ ދެބޭފުޅުން ރަސްމީ ސިފައެއްގައި ބައްދަލުނުކުރައްވާތާ އެތައް އަހަރެއް ފަހުން ބޭއްވެވި ފުރަތަމަ ބައްދަލު ކުރެއްވުމެވެ.

ސުޢޫދީ ޢަރަބިއްޔާއަށް ބަލާއިރު މި ހުސްވި މޭ މަހު ސޫރިޔާގެ ވަޒީރަކު ވަނީ ރިޔާޟަށް ރަސްމީ ދަތުރފުޅެއް ކުރައްވައިފައެވެ. ގަލްފްގެ އެހެނިހެން ޤައުމުތަކަށް ބަލާއިރު މި ހުރިހާ ޤައުމުތަކަކުން ވެސް ބަލަމުން ދަނީ ސޫރިޔާގައި އޮތް ވުނަކުރުމުގެ ތަފާތު މަޝްރޫޢުތަކަށެވެ. އެ ޤައުމު އަލުން އާރާސްތު ކުރުމަށް ހިންގަން ޖެހޭ މަޝްރޫޢުތަކުން ޙިއްޞާއެއް ލިބޭތޯއެވެ.

އިމާރާތާއި ސުޢޫދީ ޢަރަބިއްޔާ ބޭނުންވަނީ ސަރަޙައްދީ "ހަމަޖެހު"މަށެވެ. އެ ދެ ޤައުމަކީ ވެސް އިޚްވާނުލް މުސްލިމީން ޙަރަކާތާއި ތުރްކީއާ އިދިކޮޅު ދެ ޤައުމެވެ. ތުރްކީގައި މިއަދު ވެރިކަން ކުރާ ޢަދާލަތާއި ތަރައްޤީ ޕާޓީއަކީ އޭގެ ބިންގަލުގައި އިޚްވާނުންގެ އުޞޫލުތައް އޮތް ޕާޓީއެކެވެ.

އިސްރާއީލުގެ ދުވަހު ނޫސް ޖެރޫސަލަމް ޕޯސްޓް ބުނާގޮތުގައި ސުޢޫދީ ޢަރަބިއްޔާއާއި އިމާރާތާއި މިޞްރު ބޭނުން ވަނީ ސޫރިޔާ އަލުން އަނބުރާ އަރަބި ލީގަށް ގެންނާށެވެ. އެއީ އިދްލިބްގެ ހަނގުރާމަވެރީންނާ އިދިކޮޅު ކިއްލާއަކަށް ސޫރިޔާ ހެދުމަށް ޓަކައެވެ. އަދި އީރާނާ ސުރިޔާ ދުރަށް ލެވޭތޯއެވެ. ނަމަވެސް އަސަދުގެ ސަރުކާރަކީ ފަޤީރު ބަލިކަށި ސަރުކާރެކެވެ. އެ ސަރުކާރަށް އީރާނާ ދުރަށް ދެވޭނީ ދުރާލައި އެކަމަށް މަސައްކަތްކޮށްގެންނެވެ. ޤުރްބާނީތަކެއް ވެގެންނެވެ. ދީލަތި އެހީތަކެއް ދީގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް