Support Us

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން އެމެރިކާއާއި ޗައިނާގެ "ކުއްލި އެއްބަސްވުން"

މޫސުމާބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ "މަރުން" ސަލާމަތް ކުރުމަށް ޓަކައި ޗައިނާއާއި އެމެރިކާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މި ޚަބަރު ވެގެން ދިޔައީ ދުނިޔެއަށް ލިބުނު އުފާވެރި ޚަބަރަކަށެވެ. ޖައްވުގެތެރެއަށް އަރައިގެންދާ ކަރުބޯން މާއްދާތައް މަދު ކުރުމަށްޓަކައި މި ދެ ޤައުމުން އެއްބަސްވި މި އެއްބަސްވުމަކީ މި ދެ ޤައުމުގެ ދެމެދުގައިވާ ނުތަނަވަސް ޖައްވު ތަނަވަސް ކުރުމަށް ޓައި އެއްބަސްވި ސިޔާސީ މުނާވަރާއެއް ނުވުމަށް ދުނިޔެ އުންމީދު ކުރެއެވެ.

އިނގިރޭސިވިލާތުގެ ގްލާސްގޯގައި ބޭއްވެމުންދާ މޫސުމާބެހޭ މަހާސިންތާ (ކޮޕް 26) އަކީ ދުނިޔެ ދެކޭގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެނދު އަޅަމުންދާ މި ބިމުގައި އިތުރަށް ރެދު އެޅުން ހުއްޓުވުމަށް ޓަކައި ލިބިފައިވާ އެންމެ ފަހު ފުރްޞަތެވެ. ނޮވެންބަރު 1ގައި ފެށުނު މަހާސިންތާގައި ދުނިޔޭގެ 200 ޤައުމަކުން ބައިވެރިވެއެވެ. މި ޤައުމުތަކުގެ އުންމީދަކީ 2015ގައި ޕެރިހުގައި އެއްބަސްވެފައިވާ އަމާޒުފަތްގަނޑަށް 2050ގެ ކުރިން ވާޞިލުވެވޭތޯ މަސައްކަތް ކުރުމެވެ. ނުވަތަ ދުނިޔޭގެ ހޫނުކަން މައްޗަށް ދިޔަނުދީ 1.5 ދަރަޖައިގައި ހިފެހެއްޓުމެވެ.

މި މަހާސިންތާ ހުޅުއްވާ ދެއްވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި ކޮޕް26 އަކީ "މުޅި އިންސާނިއްޔަތަށް ބަދަލުތަކެއް ގެންނާނެ" ބައްދަލުވުމެކެވެ. އދގެ އަމީން ޢާންމު ގުޓަރެސް ވިދާޅުވިގޮތުގައި މި އަހަރަކީ އިންޒާރުދޭ ޑަނޑޫރާއެކެވެ. މި ބިން ހަލާކުވިޔަ ނުދިނުމަށް ޓަކައި ތެދުވުމަށް އޭނާ މި ބިމުގެ ވަޒަންވެރީންނަށް ގޮވައިލެއްވިއެވެ.

މި މަހުގެ 10ވަނަ ދުވަހު އެމެރިކާއާއި ޗައިނާއިން ހާމަކުރިގޮތުގައި ދުނިޔޭގެ މޫސުމަށް ކުރަމުންދާ ނުބައި އަސަރުތަކުން ދުނިޔެ ސަލާމަތް ކުރުމަށް ޓަކައ އެ ދެ ޤައުމު އެއްބާރުލުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން މީތޭން ގޭސް ޖައްވަށް އަރައިގެންދާ މިންވަރު ކުޑަކުރުމަށާއި ބޯޓުދެލި ބޭނުން ކުރުން މަޑުމަޑުން ހުއްޓައިލުމަށާއި ޖަންގަލިތައް ސަލާމަތް ކުރުމަށް އެ ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެއެވެ.

މި ކަން ދުނިޔެއަށް އިޢުލާނު ކުރެއްވީ މޫސުމާބެހޭ އެމެރިކާގެ ފައިލް ބަލަހައްޓަވާ މަސްއޫލުވެރިޔާ ޖޯން ކެރީއާއި މި ކަމާބެހޭ ޗައިނާގެ މަސްއޫލުވެރިޔާ ޗީ ޖެން ހުވާ އެވެ.

ކެރީ ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ގުޅިގެން ކޮޕް 26 ސަމިޓް ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް މަސައްކަތް ކުރާނަމެވެ. އެކަމަށް ވާގިވެރިވާނަމެވެ. އެހެނަސް މި އެއްބަސްވުމަކީ ވަޅުގަނޑު ފުންވެގެން ދިޔުން މަނާކުރުމަށް ޓަކައި އެޅޭ ފިޔަވަޅެއް ކަމަށް ދަންނަވަމެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ދިގު މަގެކެވެ. އެޅޭ ކޮންމެ ފިޔަވަޅަކީ އެ މަގު ކުރުކޮށްދޭނެ ކަމެކެވެ."

ކެރީއާ ޙަވާލާދީ ބުންޏެވެ. "މިހެންވެ މީތޭން ގޭސް ޖައްވުގެ ތެރެއަށް ފޭދުން މަދުކުރުމަށް ޓަކައި އަވަހަށް ޙަރަކާތްތެރިވާން އެބަ ޖެހެއެވެ. އުއްމީދީ ފަންގެފިލާ އުފުއްލަން ވެސް އެބަ ޖެހެއެވެ. އަމާޒުފަތްގަނޑަށް ވާޞިލުވުމަށް ޓަކައި އިޖްރާއާތުތަކެއް ކަނޑައަޅަން އެބަ ޖެހެއެވެ."

ޗައިނާގެ އިސް މަސްއޫލުވެރިޔާ ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިއެވެ. "މޫސުމަށް އަންނަމުންދާ ބަދަލުތަކާ ކުރިމަތިލުމަށް ޓަކައި ބޭޖިންގުން ވޮޝިންގްޓަނާއެކު އެއްބާރުލުމަށް ކަށާވެތިވެއެވެ. ޗައިނާގެ މަސްއޫލުވެރިޔާ ޗީ ޖެން ހުވާ ތަރްޖަމާނެއް މެދުވެރި ކުރައްވާ ވިދާޅުވިއެވެ."

ޖައްވަށް ފޭދޭ ގޭސްތައް މަދު ކުރުމަށް ޓަކައި ޗައިނާއިން މި ލަޑުދަނޑިއާ ހަމައަށް ވާޞިލުވުމަށް މަސައްކަތް ކުރާނެއެވެ. މިތޭނާ ބެހޭގޮތުން ޤައުމީ ޚާއްޞަ ޕްރޮގްރާމެއް އެކުލަވައިލެވޭނެއެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ދެ ފަރާތުން ގުޅިގެން އަދި އެހެން ފަރާތްތަކާއެކު މަހާ ސިންތާ ކާމިޔާބު ބައްދަލުވުމަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. އުންމީދީ އަދި ތަވާޒުނީ ނަތީޖާއަކާ ހަމައަށް ވާޞިލުވުމަށް ޓަކައި މަގު ފަހިކޮށްދޭނެއެވެ."

ފަށްފަށްކޮށް ކުރެވޭ ވަޢުދުތަކެއް

ދުނިޔޭގެ މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތައް ގެނައުމުގެ ޒިންމާ އުފުލާން ޖެހޭ ކަރްބޯނީ ގޭސްތައް ޖައްވަށް އެންމެ ގިނައިން އުކާލާ ޤައުމަކީ ޗައިނާއެވެ. ދެވަނަ ޤައުމަކީ އެމެރިކާއެވެ. ކަރުބަނުން ޖައްވު ވިސަޑު ކުރާ މިންވަރުގެ 40 އިންސައްތައަށް ޒިންމާވާން ޖެހެނީ މި ދެ ޤައުމުންނެވެ. ތިންވަނަ ފަރާތަކީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކެވެ. ހަތަރުވަނަ ޤައުމަކީ އިންޑިއާއެވެ.ފަސްވަނަ ޤައުމަކީ ރަޝިޔާއެވެ. މި ޤައުމުތަކުން ވަމުންދާ ވަޢުދުތައް ފުއްދަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މި ކަމުގެ ސަބަބުތަކުގެތެރޭގައި މި ޤައުމުތަކުގެ މެދުގައި އޮންނަ ވިޔަފާރިއާއި ޞިނާޢި ވާދަވެރިކަން ފާހަގަ ކުރެވެއެވެ.ޠަބީޢަތާ ބެހޭ ޢަލަމީ ފަންޑުގެ މަސްއޫލުވެރިއެއް ކަމުގައިވާ ޖެނެވޭވް މަރްސޭލް ވިދާޅުވާ ގޮތުގައި ޗައިނާ – އެމެރިކާ އެއްބަސްވުމުގެ ސަބަބުން އައު އުންމީދެއް ލިބިއްޖެއެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ ހޫނުކަން 1.5 ދަރަޖައަށްވުރެ މައްޗަށް ދިޔަ ނުދީ ހިފެހެއްޓޭނެކަމަށް އޭނާ ބީބީސީ އަށް ވިދާޅުވިއެވެ. .

އޭނާ ވިދާޅުވިއެވެ. "އެ ދެ ޤައުމުން ކުރިއަށް އޮތް ނުވަ އަހަރުގެތެރޭގައި މި ވަޢުދުތައް ފުއްދައިފިނަމަ ދުނިޔެއަށް ސަލާމަތްކަމާ އަމާންކަން ލިބޭނެއެވެ."

ގްރީންޕީސްގެ އެގްޒަކަޓިވް ޑިރެކްޓަރ ޖެނިފަރ މޯރގަން ވިދާޅުވިގޮތުގައި މި ލަޑުދަނޑިއާ ހަމައަށް ވާޞިލުވުމަށް ޓަކައި ޗައިނާއާއި އެމެރިކާއިން ވަމުންދާ ވަޢުދުތައް ފުއްދާން ވާނެއެވެ.

ބައެއް މަސްއޫލުވެރީން ކަންބޮޑުވެ ވަޑައިގަންނަވަނީ މި ދެ ޤައުމުގެ އެއްބަސްވުންތައް "ސިޔާސީ މުނާވަރާއަކަށް" ވެދާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް