Support Us

ސަބަބަކީ ކޮބާތޯ؟

ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އާދެ! އަޅުގަނޑުމެން މިދެކޭ ދެވަނަ ޖުމްހޫރިއްޔާ އުފެދެން މެދުވެރިވި ސަބަބުތަކަކީ ކޮބައިބާވައެވެ؟

އެއް ސަބަބަކީ އެ ދުވަސްވަރު ދިވެހިރާއްޖޭގައި ރަސްކަމެއް އޮވެފައި ރަސްކަލަކު ހުއްޓެއް ކަމަކު ޤައުމުގެ ހުންގާނު ލިބިވަޑައިގެންފައިވާ ވަޒީރުލްއަޢުޒަމް ނުވަތަ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނު ރާއްޖޭގައި ރަސްކަމެއް އޮތުމަށް ބޭނުންފުޅުނުވުމެވެ.

އެ މަނިކުފާނު އެގޮތް ބޭނުންފުޅުވި އެންމެ ބޮޑު ސަބަބެއް ކަމަށް ފެންނަނީ މުޅި ދައުލަތް ހިންގެވުމުގެ ހުރިހާ ބާރެއް ހޯއްދެވުމެވެ. ދައުލަތުގެ ވެރިއެއްގެ ގޮތުގައި ރަދުން ބަހައްޓަވައިގެން ވަޒީރުލްއަޢުޒަމް ނުވަތަ ބޮޑުވަޒީރުގެ ގޮތުގައި ސަރުކާރު ހިންގެވުމަށް ބޭނުންފުޅު ނުވުމެވެ. ދައުލަތާއި ސަރުކާރު ހިންގެވުމުގައި ދެ ބޭފުޅުން ތިއްބެވުމުން ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރަށް ބޭނުންފުޅުހާ ގޮތަކަށް ދައުލަތުގެ ކަންތައްތައް ގެންދަވަން އުނދަގޫފުޅުވުމެވެ. މިނިވަން ދިވެހިރާއްޖެ ޒަމާނުގެ ކަނޑަށް ނެރެދެއްވުމުގައި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މުޅި ދައުލަތުގެ ރޫޙާއި ވިންދު މިސްރާބުކުރެއްވުމެވެ. ފުރަތަމަ ޖުމްހޫރިއްޔާއެކު ރާއްޖެއަށް އައި ޒަމާނީ ކުރިއެރުމާއި ބަދަކުތަކާއި އެ ޖުމްހޫރީ ވެރިކަން ވެއްޓި އަލުން ރަސްކަމެއް އުފެދުމުން ޤައުމުގެ ކަންކަން އިހުއޮތް ގޮތަށް ފުރޮޅިގެން ދިއުމަށް ކުރި ވާނާއި އައި ބަދަލުތައް އެންމެ ގާތުން ތަޖުރިބާކުރެއްވި އެއް ބޭފުޅަކަށް އެމަނިކުފާނު ވެވަޑައިގަތުމެވެ.

އަނެއް ސަބަބެއް ކަމަށް ފެންނަނީ ރަސްކަމަށް ނުވަތަ ރަސްކަމުގެ އާދަކާދައާއި ތާރީޚާއި ސަގާފަތަށް ވަޒީރުލްއަޢުޒަމުގެ ހިތްޕުޅުގައި އޮތް ބޮޑު ނަފުރަތެވެ. ރަސްކަމާއި ރަސްކަމުގެ ޚާންދާނީ ޚަރަދުތަކަކީ ދައުލަތަށް ބޭކާރު ބުރައެއް ކަމުގައި ދެކެވަޑައިގަތުމެވެ.

ރައީސް އިބްރާހީމް ނާޞިރު ގެންނެވި ދެވަނަ ޖުމްހޫރިއްޔާއާއެކު ގެންގުޅުއްވި އެއް ވިސްނުންފުޅެއް ކަމުގައި ފެންނަނީ އިތުރަށް ރާއްޖޭގައި ރަސްކަމެއް ގާއިމުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުއްވުމެވެ. މި މަގުސަދުގައި ރަސްކަމުގެ ނިޝާންތައް ނައްތާލެއްވިއެވެ. ރަސްކަމުގެ ގަނޑުވަރު ހުރި ބިން ސާފުކޮށް ސަލްޓަންޕާކު ހެއްދެވިއެވެ. ރަސްކަމުގެ ކީރިތިކަމާއި މޫރިތިކަން ދައްކުވައިދިނުމަށް ޒަމާނުއްސުރެ ކުރެވެމުން ދިޔަ ކަންތައްތައް ހުއްޓާލެއްވިއެވެ. ރަސްކަމާ ގުޅިފައިވާ އާދަތައް ދޫކޮށްލެެއްވިއެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިހާރު މިއޮތީ ޖުމްހޫރިއްޔާއެއް ނޫންތޯ؟ އެކަމަކު އިހުގެ ރައީސުންނަށް ދައުލަތުން ކޮށްދޭންޖެހޭ ޚަރަދުތައް ވަކި ކުޑަތޯ؟ ރައީސް ކަމުގެ އެއްމެ ދައުރެއްވެސް ފުރިހަމަ ނުކޮށް އަމިއްލައަށް އިސްތިޢުފާ ދިން ފަރާތަށް ކޮށް ދެމުންދާ ޚަރަދު ކުޑަތޯ؟ ނުވިތާކަށް ނަމުގައި ރައްޔިތުންގެ މަޖްލިހޭ ކިޔާ ސަރުކާރުގެ މަޖްލިހުގެ މެެންބަރުންނަށް ދައުލަތުން ކޮށްދޭން ޖެހޭ ޚަރަދު ތައް ކުޑަތޯ؟ ދައުލަތަށް ދަނީ މަތިމައްޗަށް ބުރަ ވަމުން ނޫންތޯ؟ ކޮންމެ މީހަކު ވެސް ބަލަނީ "ދަތްހުއްޓާ ކާށި ކާލެވޭތޯ " ނޫންތޯ؟ ހުރިހާ ނިކަމެތި ކަމެއް އާދައިގެ ނިކަމެތި ރައްޔިތުންނަށް ނޫންތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *