Support Us

ސޫދާނުގެ އިންތިޤާލީ ސިޔާދަތީ މަޖިލީސްގެ ރައީސް، ސިފައިންގެ ވެރިޔާ ޢަބްދުލް ފައްތާޙުލް ބުރްހާން

ސޫދާނުގައި ސިޔާދަތީ އައު މަޖިލީހެއް އެކުލަވައިލައިފި

ސޫދާނުގައި އިންތިޤާލީ ސިޔާދަތީ މަޖިލީހެއް އެކުލަވައިލައިފިއެވެ. ސޫދާނުގެ ޓީވީ ބުނިގޮތުގައި އިއްޔެ އެކުލަވައިލި މި މަޖިލީހުގެ ރައީސަކީ ސިފައިންގެ ވެރިޔާ ޢަބްދުލް ފައްތާޙުލް ބުރްހާނެވެ. އޭނާގެ ނައިބެއް ކަމުގައި ޢައްޔަން ކުރެއްވީ މުޙައްމަދު ޙަމްދާން ދިޤްލޫއެވެ.

އައު މަޖިލީހުގައި ޢަސްކަރީ ބައެއް ވެރީންނާއި ކުރީގެ ބަޣާވާތްތަކުގައި އިސްވެ އުޅުއްވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ޚަބަރު ލިބެއެވެ. މި މަޖިލީސް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރަސްމީ ޓީވީ ބުންޏެވެ. މި މަޖިލީހުގައި އިރުމަތީ ސޫދާނު ތަމްސީލު ކުރައްވާ ބޭފުޅަކު އަދި ނުހިމެނެއެވެ.

އަނެއްކޮޅުން އެމެރިކާއާއި އިނގިރޭސިވިލާތާއި ނޯވޭ ބުނާގޮތުގައި އެ ޤައުމުތަކުގެ ސަފީރުން ޢަބްދުލްފައްތާޙުލް ބުރްހާނާ ބައްދަލުކުރައްވާ މަދަނީ ސަރުކާރު އަނބުރާ ގެންނެވުމަށް ދެންނެވިކަމަށް ސުދާނު ޓީވީ ބުންޏެވެ.

ޓްރޮއިކާ ސޫދާނުގެ ނަމުން މަޝްހޫރުވެފައިވާ މި ތިން ޤައުމުގެ ސަފީރުން ޢަބްދުލް ފައްތާޙުލް ބުރްހާނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވިއެވެ. "ޤާނޫނުއަސާސީއާ ބެހޭ އެއްބަސްވުމަށް އަލުން ޢަމަލު ކުރާން ފެށުމާއި ބޮޑުވަޒީރުކަމަށް ޢަބްދުﷲ ޙަމްދޫކު އަލުން ގެނައުމާ ބެހޭގޮތުން އަހުރެމެން ޢަބްދުލް ފައްތާޙުލް ބުރްހާނާއެކު ބަޙުސްކުރީމެވެ. ސިފައިންނާ މަދަނީންގެ ބައިވެރިވުން ސިޔާދަތީ މަޖިލީހުގައި އޮންނަން ޖެހޭނެ ގޮތާ ބެހޭގޮތުންނާއި މަދަނީން ހިމެނޭ އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުން ލާޒިމުވެގެންވާ ކަމަށް އަހުރެމެން ސިފައިންގެ ވެރިޔާއަށް ދެންނެވީމެވެ."

އޮކްޓޯބަރު 25ގެ އިންޤިލާބަށްފަހު ސޫދާނު ވަނީ ހަލަބޮލި ވެފައެވެ. އެ ޤައުމުގެ ސިޔާސީ މަދަނީ ޖަމާޢަތް ވަނީ ސިފައިންނާއެކު ވާހަކަ ނުދައްކާނެކަމަށް ބުނެފައެވެ. އެ ޖަމާޢަތުން އިއްޔެ ބުނިގޮތުގައި މަދަނީ ސަރުކާރު އަނބުރާ ވެރިކަމަށް ގެނެވެން ޖެހޭނެއެވެ.

ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކު

ޙަމްދޫކަށް ތާއީދު

ސިފައިންނާ އިދިކޮޅު ޖަމާޢަތް ބުނާގޮތުގައި އެމީހުން ޢަބްދުﷲ ޙަމްދޫކަށް ތާއީދު ކުރެއެވެ. ކުރީގެ ބޮޑުވަޒީރު ޙަމްދޫކު ހުންނެވީ ގޭގައި ބަންދު ކުރެވިފައެވެ. އިދިކޮޅު ޖަމާޢަތް ބުނާގޮތުގައި އެމީހުންނާ ޙަމްދޫކާ ބައްދަލު ކުރެވިފައެއް ނުވެއެވެ.

މިނިވަންކަމަށާއި ބަދަލުގެނައުމަށް ގޮވައިލާ މި ބާރު ބުނާގޮތުގައި ސިފައިންނާއެކު އޮތް "ބައިވެރިވުން" އަދިވެސް އެބަ އޮތެވެ. އެ ބާރުން ބުންޏެވެ. "އެއްބަސްވެފައިވާ ދުސްތޫރީ ލިޔުމަށް އަނބުރާދާން ޖެހޭނެއެވެ. މި ބާރު ބުނާގޮތުގައި ސަރުކާރު ވައްޓައިލެވުނީ ސިފައިންނާ މަދަނީންނާ ދެމެދުގައި އުފެދުނު އަސާސީ ދެބަސްވުންތަކަކާ ހެދިއެވެ." މި ބާރުން ބުނިގޮތުގައި އިންޤިލާބަކީ ސިފައިންގެ މުއައްސަސާ ތަމްސީލު ކުރާ އިންޤިލާބެއްނޫނެވެ. މި ބާރުން ބުންޏެވެ. "ސިޔާދަތީ މަޖިލީހުގެ ވެރިކަމަށް ޢަބްދުލް ފައްތާޙުލް ބުރްހާނު އެނބުރި ވަޑައިގަތުމާ އަހުރެމެން ދެކޮޅުހަދަމެވެ."

އިންޓަރނެޓް މަސައްކަތް ފަށައިފި

ސިފައިން މި ހުސްވި މަހުގެ 25ވަނަ ދުވަހު ގެނައި އިންޤިލާބާ ވިދިގެން އެ ޤައުމުގައި ވަނީ ނެޓްގެ ޚިދްމަތްތައް ކަނޑާލައިފައެވެ. އެހެނަސް މި ޚިދްމަތް އަލުން ފެށުމަށް ކުންފުނިތަކަށް ސޫދާނުގެ ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. ކޯޓުން މި ޚިދްމަތް ދިނުމަށް އަމުރު ކުރީ ނެޓް ނެތުމުގެ ސަބަބުން ޢާންމުންނަށް ތަޙައްމުލުކުރަން ޖެހުނު ބުރަ ބޮޑުކަމުން ސޫދާނުގެ ޤާނޫނީ ވަކީލުންތަކެއް އަމިއްލައަށް އެ މަސްއަލަ ކޯޓަށް ހުށައެޅުމުންނެވެ.

ޓެކްނޯކްރެޓުންގެ ސަރުކާރެއް

ސިފައިންގެ ވެރިޔާ ބުރްހާނު ވިދާޅުވާގޮތުގައި 2023އާ ޖެހެންދެން ޓެކްނޯކްރެޓުންގެ ސަރުކާރެއް އެ ޤައުމުގައި އޮންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ވަރަށް އަވަހަށް މަދަނީ ސަރުކާރެއް ޤާއިމުކުރެވޭނެއެވެ.
.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް