Support Us

ޕާކިސްތާނުގެ ޠާލިބާނުންނާއެކު ހަނގުރާމަ ހުއްޓުމަށް އެއްބަސްވެއްޖެ

ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނުގެ ޠާލިބާނުންނާ ދެމެދުގައި ހިނގަމުންދާ ޙަމަލާތައް އެއް މަސްދުވަހުގެ މުއްދަތަށް ހުއްޓައިލުމަށް އެ ދެފަރާތުން އެއްބަސްވެއްޖެ ކަމަށް ރަސްމީ ތަރްޖަމާނުން ހާމަކޮށްފިއެވެ. މި ދެ ފަރާތުން ބުނާގޮތުގައި ދެ ފަރާތުގެ އެއްބަސްވުމުގެ މަތިން މި މުއްދަތު އިތުރު ކުރިވިދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން މިއަށްވުރެ ފުޅައު ދާއިމީ ޞުލްޙައަކަށް ދިއުމަށް މަގު ތަނަވަސްވެގެންދާނެ ކަމަށް ދެ ފަރާތުން ވެސް ބުނެއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން ވަޒީރު ފުއާދު ޗައުދަރީ ނެރުއްވި ބަޔާނުގައި އައިސްފައި ވެއެވެ. "ޕާކިސްތާނު ސަރުކާރާއި ޣައިރު ޤާނޫނީ ޙަރަކާތެއް ކަމުގައިވާ ޕާކިސްތާނުގެ ޠާލިބާނުންނާ ދެމެދުގައި ޝާމިލު ހަނގުރާމަ ހުއްޓުމަކަށް އާދެވިއްޖެއެވެ. އެއް މަސް ދުވަހުގެ މުއްދަތަށް މި އެއްބަސްވެވުނު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ. މި ކަމުގެ ސަބަބުން ހަރުކަށި ޢަމަލުތައް ހުއްޓި ޞުލްޙައަށް މަގު ތަނަވަސްވެގެންދާނެއެވެ."

ޕާކިސްތާނުގެ ވަޒީރު ހާމަކުރެއްވި ގޮތުގައި ވާހަކަދެއްކުންތައް ކުރިއަށް ދާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވެވުނީ ޕާކިސްތާނުގެ ޤާނޫނުއަސާސީ އާއި ސިޔާދަތާ އެއްގޮތްވާގޮތުގެ މަތީންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ވާހަކަދެއްކުންތަކަށް މަގު އަލިކޮށްދިނީ އަވަށްޓެރި އަފްޣާނިސްތާނު ސަރުކާރުންނެވެ.

ދާއިމީ ޞުލްޙައެއް

އަނެއްކޮޅުން ޕާކިސްތާނުގެ ޠާލިބާނުން ބުނިގޮތުގައި އެމީހުން މި ތިބީ ޝާމިލު ދާއިމީ ޞުލްޙައެއް ޤާއިމު ކުރުމަށް ތައްޔާރަށެވެ. ހަނގުރާމަ މިއަދުން ފެށިގެން ހުއްޓިގެންދާނެ ކަމަށް ޠާލިބާނުން ބުންޏެވެ. މި އެއްބަސްވުން 9 ޑިސެންބަރާ ހަމައަށް ދެމިގެންދާނެއެވެ. ޠާލިބާނުން ހާމަކުރިގޮތުގައި ޕާކިސްތާނު ސަރުކާއެކު ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުމަށް ޓަކައި ޚާއްޞަ ކޮމެޓީތަކެއް އެކުލަވައިލެވޭނެއެވެ.

ޠާލިބާނުން ބުނާގޮތުގައި ޕާކިސްތާނުން ހައްޔަރުކޮށްފައި ތިބި އެ ޖަމާޢަތުގެ މީހުން ދުކޮށްލާނެއެވެ. ވާހަކަދެއްކުންތައް ކުރިއަށް ދާނީ މި ޝަރްޠުގެ މަތީންނެވެ.

ޕާކިސްތާނުގެ ޠާލިބާނުންގެ ޙަރަކާތަކީ އަފްޣާނިސްތާނުގެ ޠާލިބާނުންގެ ޙަރަކާތާ މުޅިން މުސްތަޤިއްލު ޙަރަކާތެކެވެ. ޕާކިސްތާނުގެ ޠާލިބާނުންގެ ވެސް އަމާޒަކީ އިސްލާމް އާބާދުގެ ސަރުކާރު ވައްޓައިލައި އިސްލާމީ ޝާރީޢާތާ އެއްގޮތަސޤ ޢަމަލު ކުރާ މުސްލިމު ދައުލަތެއް ޕާކިސްތާނުގައި ޤާއިމު ކުރުމެވެ.

މި ޖަމާޢަތުން ވަނީ ޖާނުން ފިދާވުމުގެ އެތައް ޙަމަލާތަކެއް ދީ  އެތައް ބަޔަކު މަރައިލައިފައެވެ. އޭގެތެރޭގައި 2014ގައި ޕިޝާވަރުގައި ސިފައިން ހިންގާ މަދަރުސާއަކަށް  ދިން ޙަމަލާ ފާހަގަކޮށްލެވެއެވެ. މި ޙަމަލާގައި 149 މީހަކު މަރުވިއެވެ. އޭގެތެރޭގައި 132 ކުޑަ ކުދީން ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް