17.45
ކޮލަމްބޯގައި މިރޭ ފެށުމަށް ހަމަޖެހިފައި އޮތް "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗު ވިއްސާރަ ވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފިއެވެ.
މިރޭ 8.30 ގައި ފަށާން އޮތް ރާއްޖެ-ލަންކާ މެޗު ފަސްކުރީ އެންމެ ފަހު ވަގުތު ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅެން އޮތް ބަންގްލަދޭޝް- ސީޝެލްސް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެ ވަނީ މާދަމާއަށް ފަސްކޮށްފައެވެ.
ލަންކާ ފުޓްބޯލް ފެޑެރޭޝަނުން ބުނި ގޮތުގައި ރާއްޖެ-ލަންކާ މެޗު ކުޅެން މިހާރު ހަމަޖެހިފައި ވަނީ މާދަމާ ރޭ މާލޭ ގަޑިން 8.30 ގައެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހެނދުނު ވަނީ ސްރީލަންކާ އަށް ވަޑައިގެންފައެވެ. ރައީސްގެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ލަންކާއަށް ދަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންނެވެ.