ފަހަކަށް އައިސް އެމެރިކާގެ ޔަހޫދީންގެ ވިއްސަކަށް ޒަޢީމުން ސުޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތް ކުރައްވައިފައިވާ ކަމަށް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތުން ހާމަކޮށްފިއެވެ. ޔަހޫދީ ޒަޢީމުންގެ މި ދަތުރުފުޅުގައި ސުޢޫދީ އިސް މަސްއޫލުވެރީންތަކަކާ ބައްދަލު ކުރައްވައިފައިވާ ކަމަށާއި މި ޒިޔާރަތުގެ ސަބަބުން އެމެރިކާއިން ސުޢޫދީ ޢަރަބިއްޔާއަށް ހަތިޔާރު ވިއްކުމަށް އަލުން ހަމަޖެހިއްޖެ ކަމަށް މި ނޫސް ބުންޏެވެ.
ރައީސް ބައިޑްން ވެރިކަމަށް އިސްވެ ވަޑައިގަތުމާ ވިދިގެން އެމެރިކާއިން ވަނީ ސުޢޫދީ ޢަރަބިއްޔާއަށް ހަތިޔާރު ވިއްކުން ހުއްޓައިލައިފައެވެ.
އިސްރާއީލުގެ މި ނޫސް ހާމަކުރި ގޮތުގައި ޔަހޫދީ ޒަޢީމުން ރިޔާޟަށް ޒިޔާރަތް ކުރައްވައިފައި ވަނީ ސުޢޫދީ ޢަރަބިއްޔާގެ ދަޢުވަތަށެވެ. އަދި ވޮޝިންގްޓަން އެކަމަށް ހިތްވަރުދީގެންނެވެ. މި ޒިޔާރަތުގައި މި ބޭފުޅުން ސުޢޫދީ ޢަރަބިއްޔާގެ ހަތަރު ވަޒީރަކާ ބައްދަލު ކުރެއްވިއެވެ. އަދި ޝާހީ ޚާންދާނުގެ އެތައް ބޭފުޅުންތަކަކާ ވެސް ބައްދަލު ކުރެއްވިއެވެ.
ގުޅުންތައް ވަރަށް އަވަހަށް ޠަބީޢީ ކުރެވޭނެ
ޔަހޫދީ ވިޔަފާރިއެއްކަމުގައިވާ ފިލް ރޮޒެންއާ ޙަވާލާދީ މި ނޫސް ބުނާގޮތުގައި ހައެއްކަ މަސްދުވަހުގެ ތެރޭގައި ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާއިން އަބްރާމު އެއްބަސްވުމުގައި ސޮއި ކުރާނެއެވެ. ރޮޒެނަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއާ ވަރަށް އަރިސް ބޭފުޅެކެވެ. އީރާނުގެ ޙަމަލާތަކުން ދިފާޢުވުމުގެ ބާރު އިސްރާއީލުގެ ކިބައިގައި ހުރީހުރުމަކީ ރިޔާޟު އެކަމާ ވަރަށް ރުހޭ ކަމެއްކަމަށް ރޮޒެން ވިދާޅުވިއެވެ.
ރޮޒެން ވިދާޅުވިގޮތުގައި ސުޢޫދީން ގުޅުންތައް ޠަބީޢީ ކުރަމުންދާނީ ވަރަށް މަޑުމަޑުންނެވެ. ކުދިކުދި ފިޔަވަޅުތަކުންނެވެ. އޭނާ ވިދާޅުވިގޮތުގައި ސުޢޫދީގެ ރުހުން ނުލިބި ބަޙްރައިނާއި އިމާރާތުން މި އެއްބަސްވުމުގައި ސޮއެއް ނުކުރާނެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޤައުމީ އެއަރލައިންގެ ދަތުރުތަކަށް ސުޢޫދީ ވައިގެ ބަނދަރު ބޭނުންކުރުމުގެ ހުއްދަ މަޑުމަޑުން ދޭން ފަށާނެއެވެ.
ފަލަސްޠީނު ދައުލަތް ޤާއިމުކުރުމުގެ މަސްއަލައާ ސުޢޫދީން ގުޅުންތައް ޠަބީޢީ ކުރުމާ ގުޅުވައިފާނެތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ރޮޒެން ވިދާޅުވިއެވެ. "މަށަށް ލަފާކުރެވޭގޮތުގައި ރިޔާޟުން އެފަދަ އެއްވެސް ޝަރްޠެއް ނުކުރާނެއެވެ. އެމީހުން ބަލަމުންދަނީ ރަނގަޅު ދަނޑިވަޅަކަށެވެ."
އެހެނަސް ސުޢޫދީ ޢަރަބިއްޔާއިން ދާދި މިދާކަށް ދުވަހުވެސް ބުނިގޮތުގައި 1967ގެ ސަރަޙައްދުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ނުކުރެވެނިސް ރިޔާޟުން ތައްލު އަބީބާއެކު ގުޅުންތައް ޠަބީޢީއެއް ނުކުރާނެއެވެ.
ރޮޒެން ވިދާޅުވިގޮތުގައި ސަޤާފަތާބެހޭ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ސުޢޫދީ މަސްއޫލުވެރީންނާ އޭނާއާ ބައްދަލުވެ ވަޑައިގަތެވެ. އެބޭފުޅުންނާއެކު އެއްބަސްވެވުނު އެއްބަސްވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން މި އަންނަ އަހަރު ސިނަމާއާ ބެހޭ ޖުބިލީއެއް ސުޢޫދީ ޢަރަބިއްޔާގައި ބޭއްވޭނެއެވެ. މި ޖުބިލީގައި އިސްރާއީލުގެ ފިލްމުތައް ސުޢޫދީ ޢަރަބިއްޔާގައި ދެއްކޭނެއެވެ.
ރޮޒެން ވިދާޅުވިގޮތުގައި އޭނާ އުންމީދު ކުރައްވަނީ އެބޭފުޅުންގެ މި ދަތުރުފުޅުގެ ސަބަބުން ރައީސް ބައިޑްނަށް އަބްރާމު އެއްބަސްވުން ތަންފީޒު ކުރެއްވުމުގައި ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވިއެވެ. "މި ކަހަލަ ފުރްޞަތުތައް އަންނާނީ ޢުމުރުގައި ހަމަ އެންމެ ފަހަރަކުއެވެ. މި ފުރްޞަތުގެ ބޭނުން ހިފައިގެން އެމެރިކާއިން މި ކަމަށް އެހީވާން ވާނެއެވެ."
ހަތިޔާރުގެ ޑީލެއް
މީގެ ދެތިން ދުވަސް ކުރިން އެމެރިކާގެ ދިފާޢީ ވުޒާރާއިން ހާމަކުރިގޮތުގައި 650 މިލިއަން ޑޮލަރުގެ ހަތިޔާރު ސުޢޫދީ ޢަރަބިއްޔާއަށް ވިއްކުމަށް ހަމަޖެހިއްޖެއެވެ. މި ވިޔަފާރީގައި ޖައްވުން ޖައްވަށް ފޮނުވާ ބާވަތުގެ 280 މިސައިލް ހިމެނޭނެއެވެ.
ޔަމަނު ހަނގުރާމައިގައި ސުޢޫދީ ޢަރަބިއްޔާ ބައިވެރިވާތީ އެމެރިކާގެ ސެނެޓަރުން ދަނީ ރިޔާޟާ ދެކޮޅަށް ފާޑު ވިދާޅުވަމުންނެވެ. އެމެރިކާއިން ރިޔާޟު ގަންނަ ހަތިޔާރު ޔަމަނުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ސެނެޓަރުން ވިދާޅުވެއެވެ.
އެމެރިކާއިން ވިއްކަން ހަމަޖެހިފައިވާ ހަތިޔާރުގެތެރޭގައި ހިމެނެނީ ޖައްވުން ޖައްވަށް ފޮނުވާ ބާވަތުގެ 280 މިސައިލާއި މިސައިލް ހަރާއި ޢަސްކަރީ އުޅަނދާއި ފަންނީ އަދި މޭސްތިރިކަމުގެ ބައެއް އާލަތްތަކެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން މި ދިޔަ ބުރާސްފަތި ދުވަހު ވަނީ މި ވިޔަފާރިއަށް އާނ ބަސް ހޯދުމަށް ޓަކައި ކޮންގްރެސްއަށް ފޮނުވައިފައެވެ.އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ވިދާޅުވާގޮތުގައި މި ހަތިޔާރު ރިޔާޟަށް ވިއްކުމަށް ނިންމުނީ ސުޢޫދިޔާއަށް ދެވެމުންދާ ވައިގެ ޙަމަލާތައް އިތުރުވުމާވިދިގެން އެ ފަދަ ހަތިޔާރަށް އެ ޤައުމު ބޭނުންވާތީއެވެ.



advertisment