ތުރްކީ ނޭޓޯގެ މެންބަރަކަށް ވާތީ ރަޝިޔާ އަތުން ހަތިޔާރު ގަތުމަކީ އެމެރިކާ އެކަމާ ވަރަށް ނުރުހުންވި ކަމެކެވެ. ރަޝިޔާ އަތުން އެސް– 400 މަރުކާގެ ދިފާޢީ މިސައިލް ނިޒާމު ގަތުމަށް އަންކަރާއިން ނިންމުމުން ވޮޝިންގްޓަނާ އަންކަރާއާ ދެމެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދުނެވެ. އެހިނދު ތުރްކީން ވައިޓްހައުސްއަށް މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ދެ ޤައުމުގެ ގުޅިފައިވާ ކޮމެޓީއެއް އެކުލަވައިލުމަށް ހުށައެޅިއެވެ. ނަމަވެސް ވައިޓްހައުސުން މި ހުށައެޅުން ޤަބޫލުނުކޮށް ބޮލާލައިޖެއްސެވެ.
ތުރްކީގެ ސިޔާސަތާ ވޮޝިންގްޓަނުން ދެކޮޅު ހަދާ ހަމައެކަނ ސަބަބަކީ މި މަސްއަލައެއް ނޫނެވެ.
އެމެރިކާއިން މި ފަހަރު އަންކަރާގެ ދޮރުގައި ޓަކި ދިނީ މުޅިން އައު ހުށައެޅުމަކާއެކުގައެވެ. އޮޓޯބަރު 31 ގައި ރައީސް ބައިޑްނާ ރައީސް އުރްދުގާނާ ދެމެދުގައި ރޯމްގައި މުހިއްމު ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލު ކުރެއްވުން އޮތީ ޖަމާޢަތް 20ގެ ރޯމް ސަމިޓްގެ ހަވާސާމަތީގައެވެ.
މި ބައްދަލުވުމުގެ ކަންތައް ދެކެވަޑައިގެންނެވި ތުރްކީގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ. "އެމީހުން ތިބީ އަހުރެމެންގެ ހުށައެޅުން ޤަބޫލުކުރަން ތައްޔާރުވެގެނެއް ނޫނެވެ. އެހެނަސް އެމީހުން އެފަދަ އެހެން ހުށައެޅުމެއް ހުށައެޅިއެވެ. އަހުރެމެންގެ ދެ ޤައުމުގެ ދެމެދުގައި ހުރި ހުރިހާ މަސްއަލަތަކަކާ ބެހޭގޮތުން – އޭގެތެރޭގައި އެސް 400 މިސައިލް ނިޒާމު ވެސް ހިމެނޭގޮތަށް – ވާހަކަ ދެއްކުންތައް ބޭއްވުމަށް ޓަކައި ޚާއްޞަ އާލިއްޔަތެއް އުފެއްދުމަށް އެމެރިކާއިން ހުށައެޅިއެވެ.
ފަހަތަށް ޖެހުމެއް ހެއްޔެވެ؟
ތުރްކީގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ރަނގަޅު ވާނީ އެއީ ފަހަތަށް ޖެހުމެކޭ ނުކިޔާ އައު ޙާލަތު ނިޔާކުރާ އައު ހުށައެޅުމެކޭ ކިޔުމެވެ. ރޯމް ސަމިޓްގެ އެންމެ ރަނގަޅު ނަތީޖާއަކީ ރައީސް ބައިޑްން ހުށައެޅުއްވި މި އާލިއްޔަތެވެ."
ގުޅިފައިވާ މި އާލިއްޔަތުގައި ހިމެނޭނީ ކޮންބޭފުޅުންކޮޅެއް ކަމެއް އަދިއެއް ނޭނގެއެވެ. އެމެރިކާ ބުނާގޮތުގައި އެމެރިކާއިން މި ލިސްޓް އަންކަރާއަށް ވަރަށް އަވަހަށް ހުށައަޅާނެއެވެ.
ބައިޑްން- އުރްދުގާން ސަމިޓް ބާއްވަން އެންމެ ފުރަތަމަ ހަމަޖެހިފައި އޮތީ ގްލާސްގޯގައެވެ. އެހެނަސް ސްކޮޓްލޭންޑް ސަރުކާރުން ރައީސް އުރްދުގާން އެދިވަޑައިގެންނެވި ގޮތަށް ސަލާމަތީ ކަންތައްތައް ހަމަޖައްސައި ނުދިނުމުން ގްލާސްގޯއަށް ވަޑައިނުގަންނަވާ ގޮތަށް އުރްދުގާން ހަމަޖެއްސެވުމުން، ބައިޑްން- އުރްދުގާން ބައްދަލުކުރެއްވުމުގެ ވަގުތާއި ތާރީޚު ބަދަލުވެގެން ދިޔައީއެވެ. އެހެންކަމުން މި ބައްދަލުވުން ބޭއްވުނީ ރޯމްގައި އާދީއްތަ ދުވަހުއެވެ.
ބައިޑްން- އުރްދުގާން ބައްދަލުކުރެއްވުން އެއްގަޑިއިރާއި ދިހަ މިނެޓަށް ދެމިގެން ދިޔައެވެ. އެމެރިކާގެ ޕްރޮޓްކޯލުން ގަޑި ހަމަވެއްޖެ ކަމަށް ދެންނެވުމުން ބައިޑުން ބުމަފުޅުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ ޕްރޮޓްކޯލަށް ހަމަހިމޭން ވުމަށް އަމުރު ކުރެއްވިއެވެ.
ބައްދަލު ކުރެއްވުން
ބައިޑްންގެ ވެރިކަމުގެ ތެރޭގައި ތުރްކީ- އެމެރިކާ ގުޅުންތައް ރަނގަޅު މިސްރާބަށް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލު ކުރެއްވުމުގެ ތެރޭގައި ބައިޑްން ވިދާޅުވި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ޙައިރާންކުރުވަނި ޢިބާރާތަކީ "ވޭތުވެދިޔަ ހަތް އަހަރު އަޅުގަނޑު ވެރިކަމުގައި ހުރިނަމަ މިފަދަ އެއްވެސް މަސްއަލައެއް ނުޖެހޭނެއެވެ." މި ޢިބާރާތަށް ބަލާއިރު ތުރްކީ– އެމެރިކާ ގުޅުންތައް ނުބައިވެގެން ދިޔަ ކަމަށް ވިދާޅުވާ އެ ހަތް އަހަރުގެ ތެރޭގައި ޓްރަމްޕްގެ ރިޔާސީ ދައުރުގެ އިތުރަށް ބައިޑްން ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އޮބާމާގެ ވެރިކަން ވެސް ހިމެނެއެވެ.
ބައިޑްން މި ބައްދަލު ކުރެއްވުމުގައި މަސައްކަތްޕުޅު ކުރައްވާފައި ވަނީ ތުރްކީ- އެމެރިކާ ގުޅުންތައް ވިހަވެގެން ދިޔުމުގައި އޭނާގެ ދައުރެއް ނުވާކަން އުރްދުގާނަށް ދެއްކެވުމަށެވެ. މި ގުޅުން އެންމެ ބޮޑަށް ނުބައިވީ 2016ގައި ތުރްކީގައި ގެންނަން މަސައްކަތް ކުރެވުނު އިންޤިލާބަށް އެމެރިކާއިން ދެކޮޅުނެހެދުމެވެ.
އުރްދުގާން ފަދަ ބޭބޭފުޅުން ވެރިކަމުން ވައްޓައިލުމަށް ޓަކައި އިދިކޮޅު ޖަމާޢަތްތަކާއެކު އެއްބާރުލައްވާނެ ކަމަށް ބައިޑްން ވަނީ 2019ގެ ފަހުކޮޅުގައި ނިވްޔޯރކް ޓައިމްސް އަށް ވިދާޅުވެފައެވެ. އެހެންކަމުން ބައިޑްންގެ ބަސްފުޅުގެ ތެދުވެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ބައިޑްން މިފަދަ ގޮތަކަށް އުރްދުގާނާއެކު ވާހަކަފުޅު ދެއްކެވީ އުރްދުގާނުގެ އިތުބާރު ހޯއްދެވުމަށް ކަމަށް ރިޕޯޓަރުން ބުނެއެވެ.
މި ބައްދަލު ކުރެއްވުމުގައި ބަހުސްކުރެއްވި އެންމެ މުހިއްމު މަސްއަލަތަކުގެ ތެރޭގައި ތުރްކީ ގައި ހުރި އެމެރިކާގެ އެފް– 16 މަރުކައިގެ ހަނގުރާމަމަތީ ބޯޓުތައް ޒަމާނީކުރުމުގެ މަސްއަލަ ވެއެވެ. އުރްދުގާން ޤައުމަށް އެނބުރި ވަޑައިގެންނެވި ދަތުރުފުޅުމަތީގައި ބޯޓުތެރޭގައި ނޫސްވެރީންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ. "މި މަސްއަލައާ ބެހޭގޮތުން ބައިޑްން އީޖާބީ ފިޔަވަޅެއް އަޅުއްވާނެއެވެ. އެހެނަސް މި ކަމަށް ވަރަށް ވަގުތު ހޭދަވާނެއެވެ. ސެނެޓްގައި އޮތީ 50/50 އެވެ. ޑިމޮކްރެޓުންނަށް އަޣްލަބިއްޔަތެއް ނެތެވެ."
އެމެރިކާގެ ސެނެޓްގައި ގޮނޑިތައް ހުރިގޮތާ ބެހޭގޮތުން ބައިޑްން ވިދާޅުވިއެވެ. "ކޮންމެ ސެނެޓަރަކު ވެސް ބައްލަވަނީ އޭނާއަކީ ރައީސް ކަމަށެވެ."
ރައީސް އުރްދުގާން ޖަވާބުގައި ދެންނެވިއެވެ. "އެހެނަސް މަނިކުފާނަށް އެކަން ކުރެއްވުމުގެ ބާރު ލިބިވަޑައިގެންފައިވާ ކަމަށް އަޅުގަނޑު ދެކެމެވެ."



advertisment