އަފްޣާނިސްތާނުގެ ޢަސްކަރީ އެންމެ ބޮޑު ހަސްފަތާލަށް ބޮމުގެ ޙަމަލާތަކެއް މިއަދު ދީފިއެވެ. ޠާލިބާނުންގެ ސަލާމަތާ ބެހޭ މަސްއޫލުވެރިއަކު މިއަދު ރޮއިޓާރޒަށް ހާމަކުރެއްވިގޮތުގައި ވެރި ރަށް ކާބުލްގައި ހުންނަ މި ހަސްފަތާލަށް ދިން މި ޙަމަލާތަކުގެ ސަބަބުން 25 މީހަކު މަރުވެ 50 މީހަކު ޒަޚަމުވިއެވެ.
ޠާލިބާން ސަރުކާރުގެ ދާޚީލީ ވުޒާރާގެ ތަރްޖަމާނު ޤާރީ ސަޢީދު ޚޯސްތީ ވިދާޅުވި ގޮތުގައި ސަރުދާރު މުޙައްމަދު ދާވޫދު ޚާން ހަސްފަތާލުގެ މައި ދޮރޯށި ކައިރީގައި ދޭއްޗެއް ގޮއްވާލައިފައި ވެއެވެ. މި މަންޒަރު ދުށް މީހަކު ރޮއިޓަރޒަށް ކިޔާދިން ގޮތުގައި މި ދެ ގޮވުމާއެކު ބަޑީގެ ޙަމަލާތައް ބަދަލު ކުރެވުނު އަޑު އިވުނެވެ.
އަފްޣާން ސަރުކާރުގެ ރަސްމީ ތަރްޖަމާނު ބިލާލު ކަރީމީ ހާމަކުރެއްވި ގޮތުގައި މިއީ ޖާނުން ފިދާވެގެން ދީފައިވާ ޙަމަލާތަކެކެވެ. މި ޙަމަލާގައި ބައިވެރިވި މީހުންގެތެރެއިން 4 މީހަކު މަރައިލެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަސްފަތާލު ހުންނަނީ ކާބުލްގެ މެދުތެރޭގައި ވަޒީރު އަކްބަރު ޚާން ސަރަޙައްދުގައި ޑިޕްލޮމެޓުންގެ އަވަށާ ކައިރި ހިސާބެއްގައެވެ.
މިއަދު މެންދުރެއްހާއިރު މި ދެވުނު ޙަމަލާތަކުގެ މަސްއޫލިއްޔަތު އެއްވެސް ފަރާތަކުން އަދިއެއް ނޫފުއްލައެވެ. ރަސްމީ ބަޚްތާރު ނޫސް އޭޖެންސީ ބުނާގޮތުގައި މިއީ ދާޢިޝުން ދިން ޙަމަލާއެކެވެ. މި މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުގައި ދާޢިޝުންގެ ހަނގުރާމަވެރީންތަކެއް މި ހަސްފަތާލަށް ވަދެ މި ހަސްފަތާލުގެ ސަލާމަތީ ބާރުތަކަށް ޙަމަލާ ދިނީއެވެ.
ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އިސްވުމާ ވިދިގެން ދާޢިޝުން ދަނީ އަފްޣާނިސްތާނުގެ ތަންތަނަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.
ދާޢިޝުން އެންމެ ފަހުން ޙަމަލާއެއް ދީފައިވަނީ މި ހުސްވި މަހުގެ 3 ވަނަ ދުވަހުއެވެ. މި ޙަމަލާދީފައި ވަނީ މިސްކިތެއް ކައިރީގައެވެ. މި ޙަމަލާގައި 5 މީހަކު މަރުވެފައި ވެއެވެ.
ދާޢިޝުން 2017ވަނަ އަހަރު ސަރުދާރު މުޙައްމަދު ޚާން ހަސްފަތާލަށް ނިރުބަވެރި ޙަމަލާއެއް ދީފައި ވެއެވެ. އެމީހުން މި ޙަމަލާދީފައި ވަނީ ޑަކްޓަރުންތަކެއް ކަމަށް ހެދިގެން އެ ހަސްފަތާލަށް ވަދެއެވެ. އެ ހަމަލާގައި 100 މީހަކު މަރުވެފައި ވެއެވެ.



advertisment