މޫސުމަށް އަންނަމުންދާ ބަދަލުތައް ހުއްޓުވައިލުމުގައި ނާކާމިޔާބު ލިބިއްޖެނަމަ މި ދުނިޔެއިން ސަހަރުތަކެއް ގެއްލިދާނެކަމުގެ އިންޒާރު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން މޫސުމާބެހޭ އދގެ ސަމިޓް ހުޅުއްވާ ދެއްވަމުން މި ރޭ ވިދާޅުވެއްޖެއެވެ.
ބޮރިސް ޖޯންސަން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޖައްވުގެ ތެރެއަށް އަރައިގެންދާ ކާރބަން މަދު ނުކުރެވިއްޖެނަމަ ކުރިއަށް އޮތް ޖީލުތަކުން އަޅުގަނޑުމެންނަށް މާފެއް ނުކުރާނެއެވެ." އޭނާ ހާމަކުރެއްވިގޮތުގައި އުނދަނައަށް ބާރޯސާވާ ކާރު ވިއްކުން އިނގިރޭސިވިލާތުގައި 2030ގައި މުޅިން ހުއްޓައިލެވޭނެއެވެ.
އިނގިރޭސިވިލާތުގެ މަސްއޫލުވެރިޔާ އޭނާގެ ވާހަކަފުޅުތައް ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ގްލާސްގޯގައި މި ބޭއްވޭ މަހާ ސިންތާގައި މޫސުމަށް އަންނަ ބަދަލުތަކަށް ޓަކައި ސަމާސާ ކަނޑާލައިފާ މަސައްކަތްކޮށްގެން މެނުވީ ދުނިޔޭގެ ރުޅިއާއި ދުނިޔޭގެ ކުޑަވެފައިވާ ކެތްތެރިކަން ނުހުއްޓުވޭނެއެވެ. މި މަސައްކަތުގެތެރޭގައި ބޯޓުދެއްޔާއި އުޅަނދުފަހަރާއި މުދަލާއި ގަސްގަހާގެހި ހިމެނެއެވެ."
މި ސަމިޓްގައި ދުނިޔޭގެ 150 ޤައުމެއްގެ އިސްވެރީން ބައިވެރިވެ ވަޑައިގަންނަވައެވެ. މި މަހާ ސިންތާގައި ބަޙުސްކުރެވޭނީ މި ގުރަހައިގެ ހޫނުކަން މައްޗަށް ދާދިޔުން ކުޑަކުރުމާ ބެހޭގޮތުންނެވެ. މި ސަމިޓްގައި ޖުމްލަ 200 ޤައުމަކުން ބައިވެރިވެއެވެ.
ރަޝިޔާގެ ރައީސް ޕޫޓިނާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން މި މަހާ ސިންތާގައި ބައިވެރިވެ ވަޑައިގަންނަވާނީ ދާދިވަރަކުން ވީޑިއޯ ކޮންފަރެންސްގެ ޒަރީޢާއިންނެވެ.
މީގެ އިތުރަށް ސަލާމަތީ މައްސަލަތަކެއްގެ ސަބަބުން ތުރްކީގެ ރައީސް ރަޖަބު ޠައްޔިބު އުރްދުގާން މިހާރު ވަނީ ގްލާސްގޯއަށް ވަޑައިނުގަންނަވާނެކަން އަންގަވައިފިއެވެ. ތުރްކީގެ އެން ޓީވީ ބުނާގޮތުގައި ރައީސް އުރްދުގާން ގްލާސްގޯއަށް ވަޑައިނުގެންވުމަށް ނިންމެވީ ތުރްކީން ބޭނުންވާގޮތަށް އުރްދުގާނުގެ ސަލާމަތީ ކަންތައްތައް ހަމަޖައްސައި ނުދެވޭނެކަމަށް ލަންޑަނުން ބުނުމުންނެވެ. ތުރްކީން ހަމަޖައްސައިދޭން އެދުނު ސަލާމަތީ ކަންތައްތަކުގެ ތަފްޞީލެއް ނުދެއެވެ.
މި މަހާސިންތާގައި ބައިވެރިވާ ޤައުމުތަކުން މަސައްކަތް ކުރާނީ ދުނިޔޭގެ ޞިނާޢީ އިންޤިލާބުގެ ދުވަސްވަރު ދުނިޔޭގެ ހޫނުކަން ހުރި ނިސްބަތާ އަޅައި ބަލާއިރު ދުނިޔޭގެ ހޫނުކަން 1.5 ދަރަޖައަށްވުރެ މައްޗަށް ނުގޮސް ހިފެހެއްޓުމަށް ކުރަންވީ މަސައްކަތްތައް ފާހަގަކޮށް ކަނޑައެޅުމަށެވެ.
މި މަހާސިންތާ ބޭއްވެމުންދަނީ ރުޅިވެރިކަމާއި ނާއުއްމީދުގެ ވެށްޓެއްގެތެރޭގައެވެ. އެއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނުބައި ބަދަލުތައް ކުޑަކުރުމަށް ޓަކައި ބޮޑެތި ޤައުމުތަކުން ކަށަވެތިކަން ނުދޭތީއެވެ.
ޖަމާޢަތް 20ގެ ފަހުން ބޭއްވޭ ސިންތާއެއް
ރޯމްގައި އިއްޔެ ނިމުނު ޖަމާޢަތް 20ގެ ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. ޗައިނާއާއި ރަޝިޔާއިން މި ބައްދަލުވުމުގައި ލިޔުމުން އެއްވެސް ކަށަވެތިކަމެއް ދީފައި ނުވާތީ އެ ދެ ޤައުމާ ދެކޮޅަށް ރައީސް ބައިޑްން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މިރޭ ފެށުނު މި މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ޒަޢީމުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ހާމަކުރައްވާނެއެވެ. އަދި އެއިން ކޮންމެ ބޭފުޅަކުވެސް އުންމީދު ކުރައްވާ ކަންތައްތަކާއި ބޭނުންފުޅުވާ ކަންތައްތައް ވެސް ހުށައަޅުއްވާނެއެވެ. މި މަހާސިންތާއަށް މެހެމާންދާރީ އަދާކުރާ އިނގިރޭސިވިލާތް ސިފަކުރާގޮތުގައި މިއީ ރަނގަޅު ނަތީޖާއެއް ނެރުމަށް ތަނަވަސްވެފައިވާ ފުރްޞަތެކެވެ. މި ފުރްޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މަހާސިންތާއަށް ގޮވައިލައްވައިފައެވެ.
މަހާސިންތާގެ ޒަޢީމުންގެ ވާހަކަފުޅުތައް ނިމުމުން މަހާސިންތާގެ ބައިވެރީން ފަންނީ ކޮމެޓީތަކަކަށް ބެހިގެންދާނެއެވެ. މި މަހާސިންތާ ނިމޭނީ މި މަހުގެ 12ވަނަ ދުވަހުއެވެ.



advertisment