އިސްރާއީލުގައި ޢަސްކަރީ ތަމްރީނުތަކެއް އިއްޔެ ހެނދުނު ވަނީ ފަށައިފައެވެ. މި ތަމްރީނުތައް ހަފުތާއެއްގެ މުއްދަތަށް ދެމިގެންދާނޭ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި މި ތަމްރީނުތައް ހަނގުރާމައިގެ ތަފާތު މައިދާންތަކުގައި އޮންނާނެއެވެ.
ބެނެޓް ވިދާޅުވިގޮތުގައި އީރާނުގެ ނިޔުކްލިއަރ ޕްރޮގާމު ފަހަތަށް ޖެއްސުމަށް ޓަކައި ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން މިހާރު މި ދަނީ އީރާނާ ދެކޮޅަށް ފިނި ހަނގުރާމައެއް ކުރަމުންނެވެ."
މި ތަމްރީނުތަކުގެ ބޭނުމަކީ އިސްރާއީލުގެ އެތެރެ ހަމނގުރާމައަކަށް ތައްޔާރުވެފައި އޮތީ ކިހާވަރަކަށް ބެލުމެވެ. އިންޒާރުގެ ކަށިގަނޑުތައް ފުމެލުމުން މީހުން ބިންގަރާސްތަކަށް ދިޔުމަށް ނުކުންނަނީ ކިހާ އަވަހަކަށްތޯ ބެލޭނެއެވެ.
ޤުދްސުގައި ހުންނަ ޖަޒީރާ އޮފީހުގެ ޑިރެކްޓަރު ވަލީދުލްޢުމަރީ ވިދާޅުވާގޮތުގައި މި ތަމްރީނުތައް ޚާއްޞަކޮށްފައިވަނީ އިސްރާއީލުގެ އެތެރެއަށެވެ. އެއީ ޙިޒަބުﷲއާއެކު ކުރާ ހަނގުރާމައަކާ އެއްފަދަ ތަމްރީނުތަކެކެވެ. ޙިޒްބުﷲއިން އިސްރާއީލަށްދޭ ރޮކެޓް ޙަމަލާތަކަކީ އެކަމުގައި އީރާން ބައިވެރިވާ ޙަމަލާތަކެއްކަމަށް އިސްރާއީލުން ތުހްމަތު ކުރެއެވެ. މީގެއިތުރަށް މި ތަމްރީނުތަކުގެ ބޭނުންތަކުގެތެރޭގައި ފެހިރޮނގުގެ އަނެއް ފަރާތުގައި ފަލަސްޠީނު މީހުންނާއެކު ހިނގާ ކުރިމަތިލުންތަކަށާއި ފަލަސްޠީނު މީހުން މި ރޮނގު ކައިރީގައި ބާއްވާ އިޙްތިޖާޖުތަކާ ކުރިމަތިލުމަށް ރައްދުދޭއިރު އިސްރާއީލީން ރައްކައުތެރިކުރުން ވެސް ހިމެނެއެވެ.

ފިނި ހަނގުރާމަ
މިކަމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ހާމަކުރެއްވި ގޮތުގައި އިސްރާއީލު މިހާރު އޮތީ އީރާނާ ދެކޮޅަށް ކުރާ ފިނިހަނގުރާމައެއްގެ ތެރޭގައެވެ. އޭނާ ވިދާޅުވިގޮތުގައި އީރާނުގެ ބާރު ނައްތައިލުމަށް ޓަކައި އިސްރާއީލުން ހުރިހާ މައިދާންތަކެއްގައި ހަނގުރާމަ ކުރާނެއެވެ.
ބެނެޓް ވިދާޅުވިގޮތުގައި ޔޫރޭނިއަމް މުއްސަނދިކުރުމުގައި އީރާން ވަނީ ވަރަށް ކުރީ ފިޔަވައްސެއްގައިކަން މިއަދު އެންމެން ވެސް ދަނެއެވެ. އިރާނާ ދެކޮޅަށް ހަރަކާތްތެރިވުމަށް ޓަކައި އިސްރާއީލުން ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ކުރާނެއެވެ. އިނގިރޭސިވިލާތުގެ ޓައިމްޒްއަށް ބެނެޓް ދެއްވި ބަޔާނެއް ބުނާގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ސިޔާސީ އަދި ޢަސްކަރީ ފިއްތުންތައް އިތުރުކޮށްގެން އީރާނުގެ ކުރިއެރުން މައިތިރި ކުރެވޭނެއެވެ.



advertisment