ކެނެޑާގެ ބޮޑުވަޒީރު ޖެސްޓަން ޓްރޯޑޯ އަންހެން ބޭފުޅުންނަށް އިސްކަން ދެއްވައިގެން އޭނާގެ އައު ކެބިނެޓް އެކުލަވައިލައްވައިފިއެވެ. މި ކެބިނެޓްގައި ދިފާޢީ ވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން ދެއްވައިފައި ވަނީ އަންހެން ބޭފުޅުންނަށެވެ.
އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫސް ބުނާގޮތުގައި ޓްރޯޑޯގެ ކެބިނެޓްގައި 50 އިންސައްތަ ވަޒީރުންނަކީ އަންހެން ބޭފުޅުންނެވެ. ޓްރޯޑޯއަށް 2015ވަނަ އަހަރު ބޮޑުވަޒީރުކަން ލިބިވަޑައިގެން ހިސާބުން ފެށިގެން އޭނާގެ ކެބިނެޓްގައި އަންހެން ބޭފުޅުންނަށް އިސްކަން ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.
ކެބިނެޓްގެ މުހިއްމު ވުޒާރާތައް އަންހެން ބޭފުޅުންނަށް
ޓްރޯޑޯގެ އައު ކެބިނެޓްގައި ޚާރިޖީ ވަޒީރުކަން ދެއްވީ މިލާނީ ޖޫލިސްއަށެވެ. ދިފާޢީ ވުޒާރާ ދެއްވީ އަނީޓާ އަނަންދަށެވެ. ކުރިމަގުގައި ޓްރޯޑޯގެ ޚަލީފާއަކަށް ވެވަޑައިގަންނަވާ ކަމަށް ލަފާކުރެވޭ ކްރިސްޓީނާ ފްރީލޭންޑަށް މި ފަހަރުވެސް ދެއްވީ ބޮޑުވަޒީރުގެ ނާއިބުކަމާއި މާލީ ވަޒީރުކަމެވެ.
ޚާރިޖީ ވަޒީރާކަމަށް އިސްކުރެވުނު މިލާނީ ޖޫލީސް، 42، ކުރިން ވަނީ އިޤްތިޞާދީ ތަރައްޤީގެ ވުޒާރާއާއި ތުރާސާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. އެހެންކަމުން އެކަމަނާއަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެކެވެ.
ކެނެޑާގެ ދިފާޢީ ވަޒީރުކަމަށް އިސްކުރެވުނު އަނީތާ އާނަންދު، 54، އަކީ ކެނެޑާގެ ދިފާޢި ވަޒީރުކަމަށް އިސްކުރެވުނު ދެވަނަ އަންހެން ބޭފުޅާއެވެ. މީގެ ކުރިން އޭނާ ވަނީ ގަނެވިއްކުމާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރައްވައިފައެވެ.
ކުރީގެ ކެބިނެޓްގެ ދިފާޢީ ވަޒީރު ހަރްޖިޓް ސައްޖާން މި ފަހަރު ޢައްޔަން ކުރެވުނީ ތަރައްޤީއާ ބެހޭ ވަޒީރުކަމަށެވެ. އޭނާ އެ ވުޒާރާގައި ހުންނެވި ދުވަސްތަކުގައި ބަދުއަޚްލާޤީ މަސްއަލަތަކެއް އޭނާގެ މައްޗަށް ތުހްމަތު ކުރެވިފައި ވެއެވެ.
ތިމާވެށްޓާބެހޭ ވުޒާރާގެ ދަބަސް ޓްރޯޑޯ ދެއްވީ ތިމާވެށްޓާ ބެހޭގޮތުން ވަރަށް އަޑުހަރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ސްޓެފަން ޖެލްބޮލްޓާއެވެ. ކެނެޑާގެ La Presse ދުވަހު ނޫސް ސިފަކުރާގޮތުގައި އޭނާއަކީ "މޮންޓްރިއާލް ވެށީގެ މިންޖުކާރު" އެވެ. އޭނާ ވެށި ޙިމާޔަތްކުރުމުގެ މަސައްކަތުގައި އުޅުއްވާތާ ވިއްސަކަށް އަހަރުވެއްޖެއެވެ. އޭނާ 2001 ވަނައަހަރު ޓޮރޯންޓޯގެ ސީ އެން ޓަވަރަށް އަރައިވަޑައިގެން ސަރުކާރުގެ ތިމާވެށްޓާ ބެހޭ ސިޔާސަތާ ދެކޮޅަށް އިޙްތިޖާޖުތަކެއް ކުރެއްވިއެވެ.
ޓްރޯޑޯ ވިދާޅުވާގޮތުގައި އޭނާގެ ސަރުކާރުގެ އައުލަވިއްޔާތުގެތެރޭގައި ތިމާވެށި ސަލާމަތް ކުރުމަށް މަސައްކަތްކުރުން ވެއެވެ. އޭނާގެ ސަރުކާރުން ވަނީ ކާބަން ޓެކްސްގެ ނަމުގައި އައު ޓެކްހެއް ނަގަން ފަށައިފައެވެ. މިއީ ހަކަތައިގެ ދާއިރާގެ ސަބަބުން ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ނަގަން ހަމަޖެހުނު ޓެކްހެކެވެ.
ޓްރޯޑޯގެ 35 މެންބަރުންގެ ކެބިނެޓްގައި މި ފަހަރު އަލަށް ވަނީ ވުޒާރާއެއް އުފައްދަވައިފައެވެ. އެއީ ދެވިހިފުމާއި ސިކުނޑީގެ ދުޅަހެޔޮކަމާ ބެހޭވުޒާރާއެވެ. މި ވުޒާރާގެ ދަބަސް ދެއްވީ ކެރޮލިން ބެންޓަށެވެ.
ކެނެޑާގެ ބޮޑުވަޒީރުކަމަށް 2015ވަނަ އަހަރު އިސްކުރެވުނު ޓްރޯޑޯ ވަނީ އޭގެފަހުން ބޭއްވުނު ތިން އިންތިޚާބު ކާމިޔާބު ކުރައްވައިފައެވެ. މިފަހަރުގެ އިންތިޚާބުގައި ކުރީގެ ކެބިނެޓްގެ ތިންބޭފުޅަކަށް ވަނީ ބަރްލަމާނުގެ ގޮނޑި ގެއްލިފައެވެ.



advertisment