Support Us

މިޞްރުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަށް އަހަރަށްފަހު އުވާލައިފި

މިޞްރުގައި 2013 ވަނަ އަހަރުން ފެށިގެން އިޢުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ރޭ އުވާލައްވައިފިއެވެ.

ރައީސް ސީސީގެ ފޭސްބުކްގައި ރޭ ވިދާޅުވިގޮތުގައި މިޞްރު މިހާރު ވަނީ އަމާންކަމާއި ހަމަޖެހުމުގެ ވެށްޓަކަށް ބަދަލުވެފައެވެ. މިހެންވެ، މިޞްރުގައި އިޢުލާން ކުރެވިފައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދިގު ނުކުރެއްވުމަށް އޭނާ ނިންމެވީއެވެ. އޭނާގެ ފޭސްބުކްގައި ވދާޅުވި ގޮތުގައި މިޞްރު މެދުއިރުމަތީގައިވާ އަމާން ބަދަރަކަށް ވީ އެ ޤައުމުގެ ރައްޔިތުންގެ އެއްބާރުލުމާއި ޤައުމަށް ވަފާތެރި މީހުންގެ އަގުހުރި ޤުރްބާނީތަކުގެ ސަބަބުންނެވެ.

ރައީސް ސީސީ ވިދާޅުވިގޮތުގައި އޭނާގެ މި ނިންމެވުމުގެ މޭސްތިރިއަކީ މިޞްރުގެ ރައްޔިތުންނެވެ. އެ މީހުން ޤައުމު ބިނާކުރުމާއި ތަރައްޤީގެ މަގުގައި ބަރުދާސްތުކުރި ބުރަތަކާއި ތަޙައްމުލުކުރި ވޭންތަކުގެ ސަބަބުން ޤައުމަށް މިއަދު ވަނީ އަމާންކަމާއި ހަމަޖެހުމާއި ކާމިޔާބީތައް ލިބިފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު މިޞްރުގައި އިޢުލާނުކޮށްފައި އޮތުމުން ސަރުކާރަށް އާދަޔާ ޚިލާފު އެތައް ބާރުތަކެއް ލިބިގެން ދިއެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދައުލަތުގެ އަމްނާ ބެހޭ ކޯޓް އެކުލަވައިލެވޭނެއެވެ. މި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފެއް ނުކުރެވޭނެއެވެ. މީގެއިތުރަށް ވަގުތުން ތަންތަން ބަންދުކުރުމާއި ކޯޓު އަމުރަކާނުލައި ތަންތަން ބަލައިފާސްކުރުމުގެ ބާރު ސަރުކާރަށް އޮންނާނެއެވެ.

މީގެ އިތުރަށް ހުރިހާ ބާވަތެއްގެ ސިޓީތަކާއި ލިޔެކިޔުންތައް ބެލުމާއި ހިފެހެއްޓުމާއި ނޫސްތަކާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި ޝާއިޢު ކުރެވޭ އެއްޗެހި ޝާއިޢު ކުރުން ހުއްޓުވުމުގެ ބާރުވެސް ސަރުކާރަށް އޮންނާނެއެވެ.

މިޞްރުގައި 2013ވަނަ އަހަރުން ފެށިގެން އިޢުލާންކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އިންސާނީ ޙައްޤުތަކާބެހޭ ޤައުމީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މިޞްރާ ދެކޮޅަށް ފާޑު ކިޔުންތައް ވަނީ އިތުރުވެފައެވެ.

މިޞްރުގެ އުތުރުގައި ދާޢިޝް ޖަމާޢާތުން 2017ވަނަ އަހަރުގެ އެޕްރީލް މަހުގެ 10ވަނަ ދުވަހު ދެ ފައްޅިއަކަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި 45 މީހަކު ވަނީ މަރުވުމުން މިޞްރުގެ ބަރްލަމާނުން ވަނީ ރައީސް ސީސީއަށް ކުއްލި ނުރައްކަލުގެ ޙާލަތު ތިންމަހުން ތިންމަހުން އައު ކުރެއްވުމުގެ ބާރު އަރުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *