ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކު ގޭގައި ބަންދުކޮށް ސިފައިން ދަނީ ކެބިނެޓްގެ ބައެއް ވަޒީރުން ހިފައި ހައްޔަރު ކުރަމުން ކަމަށް އަނާޟޫލު ނޫސް އޭޖެންސީ ޚަބަރުދީފިއެވެ.
އަލްޙަދަޘް ޓީވީއާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި ބޮޑުވަޒީރު ގޭގައި ބަންދު ކުރީ ސިފައިންގެ ފައުޖެއް ގޮސް އޭނާގެ ގެކޮޅު ޙިޞާރު ކުރުމަށް ފަހުގައެވެ. މި ޓީވީ ބުނާގޮތުގައި ސޫދާނުގެ ބައިނަލްއަޤްވާމީ ވައިގެބަނދަރު މިހާރު ވަނީ ބަންދުކޮށް ބައިނަލްއަޤްވާމީ ދަތުރުތައް ވަގުތީގޮތުން ހުއްޓުވާލައިފައެވެ.
މަންޒަރު ދުށް މީހަކާ ޙަވާލާދީ ރޮއިޓަރޒް ބުނާގޮތުގައި ސޫދާނުގެ ކެބިނެޓްގެ ގިނަ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކުގެ މަސްއޫލުވެރީންގެ ތެރެއިން ގިނަ ބޭފުޅުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި ބޭފުޅުންގެ އިތުރަށް ދައުލަތް ހިންގާ ސިޔާދަތީ މަޖިލީހުގެ މެންބަރަކު ވެސް ހައްޔަރުކުރެވިފައިވާ ކަމަށް ރޮއިޓަރޒް ބުންޏެވެ.
ސޫދާނުގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ހަލަބޮލިކަމާ ބެހޭގޮތުން ބޮޑުވަޒީރު ޙަމްދޫކުވެސް އަދި ކޯލިޝަން ސަރުކާރުން ވެސް އެއްވެސް ބަޔާނެއް އަދި ނުދެއްވައެވެ. ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކަކީ: ސޯޝަލިސްޓް ބަޢަޘު ޕާޓީއާއި ސޫދާނުގެ ކޮންގްރެސް ޕާޓީއާއި ތަޖައްމުޢު ޕާޓީއެވެ. ސޫދާނުގެ މީޑީޔާ ބުނާގޮތުގައި ބަޝީރު ވެރިކަމުން ވައްޓައިލި "ބަދަލު ކުރުމުގެ ބާރުތަކުގެ" ބައެއް އިސް ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ބޮޑުވަޒީރު ޙަމްދޫކުގެ މީޑިޔާ މުޝީރު ފައިޞަލް މުޙައްމަދު ޞާލިޙުގެ ޢާއިލާއިން ވިދާޅުވާ ގޮތުގައި ސިފައިންގެ ބަޔަކު މިއަދު ހެދުނު ޞާލިޙުގެ ގެއަށްގޮސް ޞާލިޙު ވަނީ ހައްޔަރުކޮށްފައެވެ.
ރައީސްކަމުން 2019ގައި ބަޝީރު ވައްޓައިލުމާ ވިދިގެން ސޫދާނުގެ ސިޔާސީ މަސްރަޙު ވަނީ ނުތަނަވަސްވެފައެވެ. ބަޝީރު ވައްޓައިލުމަށްފަހު ވެރިކަމަށް އައީ ސިފައިންނާއި ބަޝީރުގެ ޕާޓީނޫން ސިޔާސީ ޕާޓިތައް ގުޅިގެންނެވެ. ވެރިކަން ހިންގުމަށް ވަނީ ސިޔާދަތީ މަޖިލީހުގެ ނަމުގައި މަޖިލީހެއް އުފައްދައިފައެވެ. މި މަޖިލީހުން ނިންމާފައިވަނީ 53 މަހުގެ އިންތިޤާލީ މަރްޙަލާއަކަށްފަހު 2024ގައި ޢާއްމު އިންތިޚާބު ބާއްވައިގެން މަދަނީ ސަރުކާރެއް ޤާއިމު ކުރުމަށެވެ.



advertisment