އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުގެ މަސައްކަތް ވަރުގަދަކޮށް އިތުރަށް ކުރިއަށް ގެންދިޔުމުގެ ގިއުގަނޑުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އިމާރާތަށް ޒިޔާރަތް ކުރެއްވުމަށް އިމާރާތުގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދު ދަޢުވަތު ފޮނުއްވައިފިއެވެ. މި ދަތުރުފުޅުގެ ތެރޭގައި ހަވާއާ ބެހޭ ހޯދުންތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭ އެއްބަސްވުމެއްގައި އެ ދެ ޤައުމުން ސޮއިކުރާނެއެވެ.
މިއީ އިސްރާއީލުގެ ބޮޑުވަޒީރަކު އިމާރާތަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިމާރާތާއި އިސްރާއީލާ ދެމެދުގައި ސިޔާސީ ގުޅުންތައް ޤާއިމު ކުރެވުނީ މި ދިޔަ އަހަރުއެވެ. މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ގުޅުން ބަދަހި ކުރުމަށް ޓަކައި އިމާރާތުން ގިނަގުނަ ކަންތައްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ ތަރްޖަމާން އޮވޭރު ޖުންދުލްމާން ކުރެއްވި ޓްވީޓެއް ބުނާގޮތުގައި ބެނެޓަށް އިމާރާތުގެ ވަލީ ޢަހްދުގެ ދަޢުވަތު މިއަދު ލިބިވަޑައިގަތީ އިސްރާއީލުގައި ހުންނަވާ އިމާރާތުގެ ސަފީރު މުޙައްމަދު އާލުލް ޚާޖާ ޤުދްސުގައި ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމެއްގެ ތެރޭގައެވެ. މި ބައްދަލު ކުރެއްވުމުގެ ތެރޭގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރު ދާއިރާތަކަށް ފުޅައު ކުރުމާ ބެހޭގޮތުން ބެނެޓް އިމާރާތުގެ ސަފީރާއެކު ބަޙުސް ކުރެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިމާރާތުގެ ވަލީ ޢަހްދު މުޙައްމަދު ބިން ޒާއިދު އިމާރާތަށް ޒިޔާރަތް ކުރެއްވުމަށް އެދި ވަޑައިގެން ދަޢުވަތު ފޮނުއްވީ ލިޔުމުންނެވެ. އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރްޖަމާނު ހާމަކުރެއްވި ގޮތުގައި ބެނެޓް މި ދަޢުވަތަށް ޝުކްރު އަދާކުރެއްވިއެވެ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި މި ދަތުރުފުޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެނަސް މިކަމާ ބެހޭގޮތުން އަދި ތާރީޚެއް ކަނޑަނާޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސަފީރު އާލުލް ޚާޖާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. "އައްޝައިޚު މުޙައްމަދު ބިން ޒާއިދުގެ ސިޓީފުޅު އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓަށް އެރުވުމަކީ އަޅުގަނޑަށް ލިބުނު ޝަރަފެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ޞުލްޙައާ ބެހޭ މަސައްކަތްތައް ދަނީ މެދުނުކެނޑި ކުރިއަށެވެ. އަޅުގަނޑުމެންގެ ދެ ޤައުމުގެ ރައްޔިތުންނަށް ޓަކައި އަދި ކުރިމަގުގެ ޖީލުތަކަށް ޓަކައި ގުޅުންތައް އަންނަނީ ހަރުދަނާވެ ވަރުގަދަ ވަމުންނެވެ."
އިސްރާއީލުގައި އިމާރާތުގެ އެންބެސީއެއް ހުޅުވުނީ 14 ޖުލައި 2021 ގައެވެ.
ހަނދުގައި ވެސް ގުޅުންތައް ޠަބީޢީ ކުރުން
އަބޫ ޡަބްޔިއަށް ޒިޔާރަތް ކުރެއްވުމަށް ބެނެޓަށް ދަޢުވަތު ލިބިވަޑައިގެން ވަގުތަކީ ހަވާގެ މައިދާނުގައި އިސްރާއީލާއި އިމާރާތު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެ އިއްތިޤިއްޔާތެއްގައި ސޮއި ކުރެވުނު ވަގުތެވެ. ހަނދަށް ދިޔުމަށް ޓަކައި "އައްތަކްވީނު-2″ ގެ ނަމުގައި ޕްރޮގްރާމެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި އިސްރާއީލުގެ ފަރާތުން ސޮއި ކުރެއްވީ އިމާރާތަށް ވަޑައިގެން އުޅުއްވާ ސައެންސާއި ފަންނިއްޔާތާއި އައު އިޖާދާ ބެހޭ ވަޒީރާ އޮރެޓް ފަރްކާޝް ހަކޯހޭން ކަމަށް އިސްރާއީލުގެ ދުވަހު ނޫސް ބަދީޢޫތު އަހްރަނޫތު މިއަދު ބުންޏެވެ. އިސްރާއީލުގެ ވަޒީރާ ފަންނިއްޔާތާ ބެހޭ އިމާރާތުގެ ވަޒީރާ ސާރާ އަލްއަމީރީ އާއެކު މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކްސްޕޯ 2020 ދުބައި މަޢުރަޟުގެ ތެރޭގައެވެ.
މި އެއްބަސްވުމުގެ ދަށުން އެ ދެ ޤައުމު ގުޅިގެން ހަވާއާ ބެހޭ މަޝްރޫޢުތަކެއް ކުރިއަށް ގެންދާނެއެވެ. އިސްރާއީލުގެ މި ދުވަހު ނޫސް ބުނާގޮތުގައި މި މަޝްރޫޢުގެ ދަށުން 2024ވަނަ އަހަރު އިމާރަތާއި އިސްރާއީލު ގުޅިގެން ހަނަދަށް ފޮނުވާ ޖައްވީ އުޅަނދު "އައްތަކްވީނު-2″ ހަނދަށް ތިރިކުރާނެއެވެ. މި އުޅަނދުގައި ގެންދެވޭ އިސްރާއީލާއި އިމާރާތާގެ ދިދަ ހަނދުގައި ނެގޭނެއެވެ. އައްތަކްވީނު އަކީ ތައުރާތުގެ ފުރަތަމަ ފޮތަށް ކިޔާ ޢަރަބި ނަމެވެ.
އިސްރާއީލުން ހަނދަށް ފޮނުވި ފުރަތަމަ އުޅަނދު "އައްތަކްވީނު-1″ ވަނީ ހަނދަށް ތިރިކުރަން އުޅެނިކޮށް ވެއްޓި ފުނޑުފުނޑުވެފައެވެ. މީގެ ކުރިން މި މަސައްކަތް ކާމިޔާބު ކޮށްފައިވަނީ ސޮވިއެޓް ޔުނިއަނާއި އެމެރިކާއާއި ޗައިނާއެވެ.



advertisment