ދުނިޔޭގެ ބާޒާރުގައި މީގެ ކުރިން މައްޗަށް ނުދާ މިންވަރަކަށް ތެލުގެ އަގު މިއަދު މައްޗަށް ހިނގައްޖެއެވެ.
ސާފު ނުކުރާ ބްރެންޓް ތެލުގެ އަގުން 87 ސެންޓް މިއަދު ވަނީ މައްޗަށް ގޮސްފައެވެ. މިއީ 1 އިންސައްތައިގެ މިންވަރެކެވެ. މި ކަމުގެ ސަބަބުން ބްރެންޓް ތެޔޮ ފީފާއެއްގެ އަގަކަށް ވާނީ 85.73 ޑޮލަރެވެ. މިއީ 2018ގެ ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ސާފު ނުކުރާ ޓެކްސާސް ތެލުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ. މި ތެލުގެ ފީފާއެއްގެ އަގުން 1.12 ޑޮލަރު ވަނީ މައްޗަށް ގޮސްފައެވެ. މި ކަމުގެ ސަބަބުން ޓެކްސާސް ތެޔޮ ފީފާއެއްގެ އަގަކަށް ވާނީ 83.40 ޑޮލަރެވެ. މިއީ 2014ގެ ފަހުން މި މަރުކާގެ ތެޔޮ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އަގު މައްޗަށް ދިޔަ ސަބަބުތައް
އޭއެންޒެޑް ބެންކުގެ ތަޙްލީލެއް ބުނާގޮތުގައި ތެލުގެ އަގު މައްޗަށް މި ދިޔައީ ދަތުރުފަތުރު ކުރުމާ ދެކޮޅަށް އެޅިފައިވާ ޤައިދުތަކަށް ލުއިކަމެއް ދެވުމުންނެވެ. މި ބޭންކުން މިއަދު ނެރުނު ތަޙްލީލެއް ބުނާގޮތުގައި ވެކްސީން ޖަހައިފައިވާ ބޭރު މީހުންނަށް އެމެރިކާގެ ސަރަޙައްދު ހުޅުވައިލުން ވެސް މި ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. މި ކަމުގެ ސަބަބުން މަތިންދާބޯޓުތަކަށް ބޭނުންވާ ތެޔޮ އިތުރުވެގެންދާނެއެވެ. މިކަމާ ވިދިގެން އޭޝިޔާއާއި އޮސްޓްރޭލިޔާ ހުރަސްކޮށް ކުރެވޭ ދަތުރުތައް އިތުރުވެގެންދާނެއެވެ.
މި ބޭންކުން މިއަދު ހެދުނު ނެރުނު މި ބަޔާން ބުނާގޮތުގައި ހަކަތަ އުފެއްދުމަށް ޓަކައި ގޭހުގެ ބަދަލުގައި ތެޔޮ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން މި އަހަރުގެ ފަހުކޮޅުގައި ދުވާލަކު 450 ހާސް ފީފާގެ ތެޔޮ ބޭނުންވާނެއެވެ.
ކޯވިޑް-19 ން ދުނިޔެ އަރައިގަންނަމުން ދިޔުމާ ވިދިގެން ބޯޓުދެއްޔާއި ގޭސް ބޭނުންކުރުން ވަނީ މަދުވަން ފަށައިފައެވެ. މި ބަޔާން ބުނާގޮތުގައި ގޭހާއި ބޯޓުދެއްޔަށްވުރެ ތެޔޮ މާ އަގުހެވެވެ.
ތެލުގެ އަގު މައްޗަށް ދިޔުމާ ވިދިގެން އެމެރިކާއިން ވަނީ ތެޔޮ ނެގުމަށް ޓަކައި ކޮންނަކޮނުންތައް ވެސް އިތުރުކޮށްފައެވެ.
ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އޭޖެންސީ މި ދިޔަ ބުރާސްފަތި ދުވަހު ބުނިގޮތުގައި ދުވާލަކު ތެޔޮ ބޭނުންކުރާ މިންވަރު 500 ހާސް ފީފާއަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.



advertisment