ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަސްފަތާލުތަކަށާއި ބޭސްވެރިފަރުވާއާ ބެހޭ މަރްކަޒުތަކަށް އިލެކްޓްރޯނިކް ޙަމަލާތައް ދިނުން އިތުރުވެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.
ކުރީ ހަފުތާއާ އަޅައިބަލާއިރު މި ޙަމަލާތައް 72 އިންސައްތައަށް އިތުރުވެފައިވާ ކަމަށް އިސްރާއީލުން ބުންޏެވެ. މި ޙަމަލާތަކުގެ ސަބަބުން އޭގެތެރެއިން އެއް ތަނަކުން ދެމުން ދިޔަ ޚިދްމަތްތައް ވަރަށް ބޮޑަށް މަދުކޮށްލަން ޖެހުނު ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.
އިސްރާއީލުގެ ސައިބަރާނީ އަމްނާ ބެހޭ ޤައުމީ އިދާރާއިން (މިއީ ސަރުކާރުގެ ތަނެއް) ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އިސްރާއީލުގެ ނުވަ ހަސްފަތާލަކަށާއި ބޭސްފަރުވާއާބެހޭ މަރްކަޒުތަކަކަށް އިލެކްޓްރޯނިކް އެތައް ސަތޭކަ ޙަމަލާތަކެއް ވަނީ ދީފައެވެ.
އިސްރާއީލުގެ "ކޭން" ޗެނެލް ބުނާގޮތުގައި މި ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައި ވަނީ "އަލްޚުޟައިރާ"ގައި ހުންނަ "ހައިލޭލް ޔާފީ" ހަސްފަތާލަށެވެ. މި ހަސްފަތާލުގެ ސުމޭކު ނިޒާމުތަކަށް ދެވުނު ޙަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތައް ރަނގަޅު ކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރެވެމުންނެވެ.
މި ހަސްފަތާލުގެ ސުމޭކު ނިޒާމުތަކަށް ޙަމަލާދީފައިވަނީ ރޭންސަމް ވައިރަހުންނެވެ. އިސްރާއީލުން ބުނާގޮތުގައި މިއީ ފައިސާގެ ދަހިވެތިކަމުގައި ދެވިފައިވާ ޙަމަލާތަކެކެވެ. އެއީ ސަލާމަތީ ކަމެއް ނޫން ކަމަށް އިސްރާއީލުން ބުންޏެވެ. މި ޙަމަލާތަކުގެ ސަބަބުން ބަލިމީހުންގެ ޚިދްމަތްތައް ވަނީ މަދުކޮށްލަން މަޖްބޫރުވެފައެވެ.
މި ޙަމަލާ ދިން ބަޔަކު ދިން މި ޙަމަލާތަކުގެ ސަބަބުން ބަލިމީހުންގެ ފައިލްތަކަށް ވަނީ ވަނުމަށް ހުރަސްއެޅިފައެވެ. މި ޙަމަލާއާ ވިދިގެން އިސްރާއީލުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ހަސްފަތާލުތަކަށް "އިތުރަށް ސަމާލުވުމަށް" ގޮވައިލައިފައެވެ.
އިސްރާއީލުގެ ހަސްފަތާލުތަކަށް ހަފުތާއަކު 1،400 ޙަމަލާދޭ ކަމަށް އިސްރާއީލުގެ ޗެކް ޕޮއިންޓް ކުންފުނިން ބުންޏެވެ.
އިސްރާއީލު ބުނާގޮތުގައި ވޭތުވެ ދިޔަ އަހަރުތަކުގައި އެ ތާނގެ ވިޔަފާރި މުއައްސަސާތަކަށާއި ހަސްފަތާލުތަކަށާއި އިންޝުއަރެންސް ކުންފުނިތަކަށް އަދި ފެނާބެހޭ އިދާރާ ފަދަ ޙައިވީ މުއައްސަސާތަކަށް ވެސް ވަނީ ޙަމަލާތައް ދީފައެވެ.
އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގެ މުއައްސަސާތަކަށް ސައިބަރާނީ ޙަމަލާތައް ދެނީ އީރާނުން އެކަންޏެއްނޫނެވެ. ޗައިނާ ފަދަ ބޮޑެތި ޤައުމުތަކުން ވެސް ޙަމަލާތައް ދެއެވެ. ޗައިނާ މިފަދަ ޙަމަލާތައް ދެނީ އެ ޤައުމުގެ ވިޔަފާރި ކުރިއަރުވަން ވެގެންނެވެ. އިރާނުގެ ހެކަރުން ބައެއް ފަހަރަށް ޙަމަލާދީފައިވަނީ ފައިސާކޮޅެއް ބޭނުންވެގެންނެވެ. އެމީހުން އެދެނީ ސުމޭކު ފައިސާއެވެ.
ސައިބަރާނީ އަމްނާ ބެހޭ އިސްރާއީލުގެ ކޮންވޭޑްސް ކުންފުނީގެ މަސްއޫލުވެރިއެއް ކަމުގައިވާ ރާމޫ ލޭވީ ވިދާޅުވާގޮތުގައި އިސްރާއީލަށް ސައިބަރާނީ ޙަމަލާތައް ދޭ ޤައުމުތަކުގެ ތެރޭގައި އުތުރު ކޮރެއާ ފާހަގަ ކުރެވެއެވެ. އެ ޤައުމުން މިފަދަ ޙަމަލާތައް ދެނީ ޖާސޫސީ ބޭނުންތަކުގައެވެ.



advertisment