އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށްފަހު އެމެރިކާއާއި ޠާލިބާނުންނާ ދެމެދުގައި ފުރަތަމަ ފަހަރަށް ސީދާ ވާހަކަދެއްކުންތައް މިއަދު ފެށޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ފަރަންސޭސި ނޫސް އޭޖެންސީން އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ޙަވާލާދީ ބުނިގޮތުގައި އެމެރިކާގެ ވަފްދު ޠާލިބާނުންގެ އިސް މަސްއޫލުވެރީންނާ ދައުޙާގައި މިއަދާއި މާދަމާ ބައްދަލު ކުރާނެއެވެ.
އެމެރިކާގެ ތަރްޖަމާނު ވިދާޅުވިގޮތުގައި "އަފްޣާނިސްތާނުގެ އެންމެންގެ ޙައްޤުތަކަށް އިޙްތިރާމު ކުރުވުމަށް ޓަކައި ޠާލިބާނުންނަށް ފިއްތުންތައް ފިއްތޭނެއެވެ." އަފްޣާނިސްތާނުގެ ގިނަ ބައެއްގެ ތާއީދު އޮތް ޝާމިލު ސަރުކާރެއް އެކުލަވައިލުމަށް ވެސް އެމެރިކާއިން ބާރުއަޅާނެކަމަށް ތަރްޖަމާނު ވިދާޅުވިއެވެ.
އަފްޣާނިސްތާނުގެ އިޤްތިޞާދު ގުރުޑުވަމުން ދާތީއާއި އިންސާނީ ދަތި ޙާލަތުތައް ފެންމަތިވަމުންދާތީ އިންސާނީ އެހީއަށް ބޭނުންވާ ހރިހާ ސަރަޙައްދުތަކަކަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކޮށް ދިނުމަށް ވެސް އެމެރިކާއިން އެދޭނެއެވެ.
އދ ން އިންޒާރު ކުރާގޮތުގައި މި އަހަރު ނިމޭއިރު އަފްޣާނިސްތާނުގައި 3.2 މިލިއަން ކުޑަކުދީންނަށް ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކާޑުބަލީގެ އުދަނގޫތައް ފޯރާނެއެވެ.
އެމެރިކާގެ ތަރްޖަމާނުގެ ވާހަކަފުޅުގައި ދެ ފަރާތުގެ ވަފްދުތަކުގައި ހިމެނޭ ބޭފުޅުންނާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ.
އެމެރިކާ ބުނާގޮތުގައި ވާހަކަދެއްކުންތައް ބޭއްވުމުގެ މާނައަކީ ޠާލިބާނުންގެ ސަރުކާރު ޤަބޫލު ކުރުމެއްނޫނެވެ. އެމެރިކާ ބުނާގޮތުގައި ޠާލިބާނުންގެ ސަރުކާރަށް ޤާނޫނީ ހައިސިއްޔަތު ލިބޭނީ އެ ސަރުކާރުގެ ޢަމަލުތަކަށް ބަލައިގެންނެވެ.
އެމެރިކާ ބުނާގޮތުގައި އަފްޣާނިސްތާނު ދެވަނަ ފަހަރަށް އަލްޤާޢިދާގެ ކިއްލާއަކަށް ވުމަށް އެމެރިކާއިން ދޫކޮށެއް ނުލާނެއެވެ.އެމެރިކާ ބުނާގޮތުގައި އަފްޣާނިސްތާނުން ބޭރަށް ދާން އެދޭ 100 ވަރަކަށް އެމެރިކާ މީހުން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. މި މީހުންނަށް އަފްޣާނިސްތާނުން ފުރެންޖެހޭނެ ކަމަށް އެމެރިކާއިން ބުންޏެވެ.



advertisment